ހއ. ކެލާގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގާތަށް ޒިޔާރަތްކޮށް އެ މީހުންގެ ހާލަތު ދެނެގަތުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ކެލާ ކައުންސިލުން އިސްނަގައިގެން އެ ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އެ މީހުންގެ ބެލެނިވެރިންނާއި ބައްދަލުކޮށް އެ ފަރާތްތަކުގެ ޝަކުވާތައް އަޑައަހައި، އެ ޝަކުވާތަކަށް ލުއި ހޯދައި ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

Ad
rt

އެކި ދުވަސްމަތިން ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ މި ޕްރޮގްރާމްގެ ދަށުން 15 ޖޫން 2021 ވީ އަންގާރަ ދުވަހު ކެލާ ކައުންސިލުން ވަނީ އެ ރަށުގައި މިވަގުތު ތިބި ހާއްސަ އެހީއަށް ބޭނުންވާ 32 މީހުންގެ ތެރެއިން، 16 ފަރާތެއްގެ ގާތަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ދަތިވާ ކަންތައްތައް އޮޅުން ފިލުވާފައެވެ.

މިކަމާބެހޭ މައުލޫމާތު "ތިލަދުން"އަށް ހިއްސާކުރަށްވަމުން، ކެލާ ކައުންސިލްގެ ރައީސް ޢަބުދުﷲ އިންފާޒް ވިދާޅުވީ، މިގޮތުން މިހާތަނަށް ޒިޔާރަތް ކުރެވުނު ފަރާތްތަކުގެ ފަރާތުން ފާހަގަ ކުރެވިފައިވަނީ މައިގަނޑު ތިން ޝަކުވާއެއް ކަމަށެވެ. އެންމެ ބޮޑު އެއް ޝަކުވާއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވަނީ ރަށުގައި ހުންނަ ފާމަސީން މިފަރާތްތަކަށް ބޭނުންވާ ބޭސް ބަރާބަރަށް ލިބެން ނުހުންނަ ޝަކުވާއެވެ.

މީގެއިތުރުން ދުވަސްވީ މީހުންނަށް 5000 (ފަސްހާސް ރުފިޔާ) ގެ އެލަވަންސެއް ދޭއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެވަރުގެ އެލަވަންސެއް ހަމަޖައްސައި ދީފައިނުވާތީ އެ ޝަކުވާ ވެސް ލިބުނުކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޙާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ކާރޑު ބައެއް ފަރާތްތަކަށް ލިބިފައި ނުވާ ކަމަށް ލިބުނު ޝަކުވާ ވެސް އޭނާ ފާހަގަ ކުރެވިފައެވެ.

ކުރިއަށް މިދާ ހަފްތާގެތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ލިސްޓްގައި ހިމެނޭ މިހާރު ޒިޔާރަތް ނުކުރެވި ތިބި ފަރާތްތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާއިރު، ކެލާ ކައުންސިލުން ނިންމާފައިވަނީ އެ ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ގާތަށް ކޮންމެ ދެމަހުން އެއްމަހު ޒިޔާރަތްކޮށް އެފަރާތްތަކުގެ ހާލު ބެލުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށެވެ.