ހދ. ހަނިމާދޫއިން އިތުރު ތިން މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސް ތަކުގެ އަދަދު 12 އަށް އަރައިފިއެވެ.

ހަނިމާދޫ މި މަހުގެ ނުވަވަނަ ދުވަހު އެޗްޕީއޭއިން މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ، ބަލީގެ އަލާމާތް ހުރެގެން ހަނިމާދޫ ފުލޫ ކުލިނިކަށް ދެއްކި ދެބެއިން ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ. އެ ކޭސްތަކާއި ގުޅިގެން އިތުރަށް އެ ދުވަހު ނެގުނު 32 ސާމްޕަލްގެ ތެރެއިން 3 ސާމްޕަލެއް މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. އެ ދުވަހު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ހަނިމާދޫ ސިއްހީ މަރުކަޒުގައި މަސައްކަތްކުރައްވާ އެއް ޑަކްޓަރަކާއި، ހަނިމާދޫގައި ބޯކޮށުމުގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތް ކުރާ ބިދޭސީއެއްގެ އިތުރުން ގްރޭޑް 9 ގެ ދަރިވަރެކެވެ.

Ad
rt

ޖެހިގެންއައި ދިހަވަން ދުވަހު ނެގި 31 ސާމްޕަލްގެ ތެރެއިން ހުރިހާ ސާމްޕަލެއްގެ ނަތީޖާ ނެގެޓިވް ވީނަމަވެސް، 11 ވަނ ދުވަހު ނެގުނު ސާމްޕަލްތަކުން 2 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އެއަށްފަހު ޖެހިގެންއައި 12 ވަނަ ދުވަހު ނެގުނު 18 ސާމްޕަލްގެ ތެރެއިން 01 ސާމްޕަލް މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެ ދުވަހު ޕޮޒިޓިވްވެފައި ވަނީ ޔޫތު ކެފޭގައި މަސައްކަތް ކުރާ އިތުރު ބިދޭސީ މުވައްޒަފެކެވެ.

އެއަށްފަހު މިމަހުގެ 13 ވަނަ ދުވަހު ނެގުނު 20 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލެއް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ފަހާފޮށި ކިޔާ ފަހާތަނެއްގައި މަސައްކަތް ކުރާ ބިދޭސީއެއްގެ އިތުރުން ހަނިމާދޫގައި ކޮންޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ބީތްރީ ކޮންޓަރަކްޝަން ކޮމްޕެނީގެ ބިދޭސީ މުވައްޒަފެކެވެ.

މި މަހުގެ 14 ވަނަ ދުވަހު ނެގި 33 ސާމްޕަލްގެ ތެރެއިން 3 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ ހަނިމާދޫގެ އެކްޓިވް ކޭސްގެ އަދަދު ވަނީ 12 އަށް އަރާފައެވެ. 14 ވަނަ ދުވަހު ނެގުނު ސާމްޕަލްތަކުން ޕޮޒިޓިވް ވެފައިވަނީ ހަނިމާދޫ ސެރޫލިއަން ވިއު ގެސްޓްހައުސްގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީއެއްގެ އިތުރުން ހަނިމާދޫ ޔޫތުކެފޭގައި މަސައްކަތް ކުރަމުން އަންން އިތުރު ދެ ބިދޭސީ މުވައްޒަފުންނެވެ.

ހަނިމާދޫގައި މިހާރު ކޮމިއުނިޓީ ސްޕްރެޑެއް އޮތްއިރު ކޮންމެ ދުވަހަކު ވެސް ކޭސްތައް ފެންނަމުން ދާތީ މި ބަލީގެ ނުރައްކަލުގެ ރަނގަބީލު ދަނީ ގަދަވަމުންނެވެ.

ހަނިމާދޫއިން މި ބައްޔަށް ގިނަ އަދަދެއްގެ ބިދޭސީން ޕޮޒިޓިވްވަމުން ދާތީ ހަނިމާދޫ ކައުންސިލުގެ އިދާރާއިން ވަކިގޮތެއް އަންގަންދެން ބިދޭސީ މަސައްކަތްތެރިން އެ މީހުން ޤާއިމްވެ ތިބޭ ތަންތަން ފިޔަވާ އެހެން ސައިޓްތަކުގައި މަސައްކަތް ނުކުރުމަށް ހަނިމާދޫ ކައުންސިލުން ވަނީ އެދިފައެވެ. އަދި އެއްވެސް ބޭފުޅަކު ޒަރޫރީ ބޭނުމެއްގައި ނޫނީ ބޭރަށް ނުނިކުތުމަށާއި، ޒަރޫރީ ބޭނުމެއް ޖެހިގެން ނުކުންނަ ނަމަ އެކަމަށް އެ ކައުންސިލުން ކަނޑައަޅާފައިވާ އުސޫލުގެ ތެރެއިން އެކަން ކުރުމަށް ވެސް އެ ކައުންސިލުން އެދިލައްވައެވެ. އަދި މިވަގުތު މުށިމަސް ބާނަން ދިޔުމާއި ވަލަށް ދިއުމާއި ކަސްރަތުކުރަން ނުކުތުމަކީ މަނާކަންކަން ކަމުގައި ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މި ބައްޔާއި ގުޅިގެން މިވަގުތު ހަނިމާދޫގެ ގިނަ ގޭތަކެއް ވެސް ވަނީ ކަރަންޓީން ކުރެވިފައެވެ. ރޭގަނޑު 21:00 އިން ފަތިހު 04:00 އަށް މިހާރު ހަނިމާދޫގައި ކާފިއު ހިންގަމުން އަންނައިރު، ފިހާރަތަށް ވެސް އިރުއޮއްސި 06:00 ގައި ވަނީ ބަންދުކުރަން އަންގާފައެވެ. ހޮޓާތަކުން ހަމައެކަނި ދެމުން ގެންދަނީ ޑެލިވަރީގެ ޚިދުމަތެވެ.