ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސްގެ މަޤާމް އިހަވަންދޫ ކައުންސިލްގެ ރައީސް އަޙްމަދު ޞަބާޙް ކާމިޔާބު ކުރަށްވައިފިއެވެ.

ޞަބާޙަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ.

Ad
rt

ޞަބާހާއި ވާދަކުރެއްވީ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙު ﷲ ޙަސަނެވެ.

ހއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް ހޮވުމަށް މިއަދު ހެނދުނު 1030 ގައި ކުރިއަށް ގެންދިޔަ އިންތިޚާބުގައި ޞަބާޙް ނައިބު ރައީސްކަން ކާމިޔާބު ކުރެއްވީ 8 ވޯޓުންނެވެ. ފަތުޙު ﷲ އަށް ލިބިވަޑައިގަތީ 7 ވޯޓެވެ.

ހއ. އަތޮޅުގައި 14 ރަށެއް އޮންނައިރު 6 ރަށެއްގެ ކައުންސިލް ރައީސުންނަކީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅުންނެވެ. އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ 5 ރަށެއްގެ ރައީސުން ތިއްބަވައެވެ.

ދެން އޮތް އަނެއް 3 ރަށުގެ ރައީސުންނަކީ މިނިވަން މެންބަރުން ގޮތުގައި އިންތިޚާބުވެ ވަޑައިގެން ބޭފުޅުންނެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސަކީ ދިއްދޫއަށް ނިސްބަތްވެ ވަޑައިގަންނަވާ މޫސާ ޝަފީޤެވެ.