ރައްޔިތުންގެ މަޖިލީހުގެ ތަޅުމަަށް ހުށަހަޅާފައިވާ "ނަފްރަތުގެ އަމަލު" ބަޔާންކުރާ ބިލު އަނބުރާ ގެންދެވުމަށް ދިވެހި ސަރުކާރަށް ހދ. ނެއްލައިދޫ ކައުންސިލުން ގޮވާލައިފި އެވެ.

އެކައުންސިލުން މިހެން ގޮވާލާފައިވަނީ އެކައުންސިލްގެ ހުރިހާ މެންބަރުން ސޮއިކުރައްވާ ނެރުއްވި ނޫސް ބަޔާނެއްގައެވެ. އެބަޔާނުގައި ވަނީ، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު)ގެ 120 ވަނަ މާއްދާގެ ފަހަތަށް 124 ވަނަ މާއްދާގެ ގޮތުގައި އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބ. ތުޅާދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު ހިސާން ހުސައިން ހުށަހެޅިފައިވާ އިސްލާހުގައި އެ ކައުންސިލުން ކަންބޮޑުވާ ގިނަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރައްވާފަވެއެވެ.

Ad
rt

އެ ނޫސްބަޔާނުގައި ބުނެފައިވަނީ، ދިވެހި ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ސުލްޙަވެރިކަމާއި، އަމާންކަމާއި، އެއްބައިވަންތަކަމާއެކު ސާދާ ދިރިއުޅުމެއް އުޅެމުން އައި ރައްޔިތުންތަކެއްކަމަށްވެފައި އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމާއި ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރަކީ އިސްލާމްދީންކަމާއި އަދި އިސްލާމްދީނުގެ އަސްލަކާއި ޚިލާފް އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް ބަޔާންކޮށްފައި ވާކަމަށެވެ.

މިކަން މިހެން އޮތް އިރު، މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު މަޖިލިސް އަށް ހުށަހަޅާފައިވާ އިސްލާޙް ފާސްކޮށް ތަސްދީޤް ކުރައްވައިފިނަމަ ދިވެހި މުޖުތަމަޢު ތެރޭގައި އިސްލާމްދީނާއި ޙިލާފް އަމަލުތަކާއި ވާހަކަތައް ދެއްކުމާއި އަދި އެފަދަ އަމަލުތައް ހިންގުމަށް ޤާނޫނީ ބާގަނޑެއް
ހުޅުވިގެންދާތީ އެފަދަ އިސްލާހެއް ގެނައުމަށް އެ ކައުންސިލުން ދެކޮޅުހަދާ ކަމަށް ބަޔާނުގައި ފާހަގަކުރިއެވެ.

އަދި މިފަދަ އިސްލާހެއްގެ ސަބަބުން ޤައުމުގެ ލޮބުވެތި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި ސުލްޙަ މަސަލަސްކަން ގެއްލި ހިނގައިދާނެކަމަށާއި ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މިވާ ދިވެހިރާއްޖެ، ތަފާތު ދީންތަކަށް ފުރުސަތު ހުޅުވާލައި
ސެކިޔުލަރ ފިކުރުގެ ތަނަކަށް ހެދުމަށް ސީދާ ގޮތުންނާއި ނުސީދާގޮތުން މަސައްކަތްކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތް މިހާރުން މިހާރަށް ހުއްޓާލުމަށް އެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އިސްލާޙް ފާސްކުރުމަށް ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ކުރަމުންދާ މަސައްކަތް ހުއްޓާލުމަށާއި، ދިވެހިންގެ ދީނާއި އިސްތިޤްލާލް ގެއްލޭ މިފަދަ އަމަލުތަކަށް އެއްބާރުލުން ނުދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހުރިހާ އިއްޒަތްތެރި މެންބަރުންނަށް ވަނީ ނެއްލައިދޫ ކައުންސިލުން އިލްތިމާސްކުރައްވާފައެވެ.