ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން 3 މަހުގެ ތެރޭގައި 500 އަށް ވުރެ ގިނަ މެގްނެޓިކް ރެސޮނެންސް އިމޭޖިން (އެމްއާރުއައި) ހަދައިފި އެވެ.
އެހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ދޭންފެށުނީ މިއަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 23 މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓެކެވެ.
ކޭއާރުއެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް، އަހްމަދު ދާއޫދު "ތިލަދުން" އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މީގެ ކުރިން ބައެއް ދުވަސްވަރު 100 އަށް ވުރެ ގިނަ މީހުން ވެއިޓްލިސްޓް ކޮށްފައިވާއިރު މިހާރު ވެއިޓްލިސްޓް ކޮށްފައި ވަނީ އެންމެ 7 މީހުންކަމަށެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް. އަދި ސަރުކާރުން ރާއްޖޭގެ 5 ސަރަހައްދެއްގައި ސިއްހީ ހިދުމަތް ޓާޝިއަރީ ފެންވަރަށް ގެނެސްދިނުމަށް ހިންގާ ޕްރޮޖެކްޓަކީ ވަރަށް ވެސް މުހިންމު ޕްރޮޖެކްޓެއް. އަދި މި ޚިދުމަތް ފެށިގެން ދިއުމަކީ ރައްޔިތުންނަށް މިކަމުގެ ލުއި ފަސޭހަ ނުހަނު ބޮޑަށް ލިބިގެން ދިޔަ ކަމެއް. ޖީބަށް ވެސް، އަދި ދަތުރު ފަތުރަށް ބެލިޔަސް. ހާއްސަ ގޮތެއްގައި މި ކޮވިޑްގެ ދަތި ދުވަސް ވަރު."
ކޭއާރު އެޗްގެ މެނޭޖަރ ހެލްތު ސަރވިސަސް، އަހްމަދު ދާއޫދު ވިދާޅުވި އެވެ.
އަޙްމަދު ދާއޫދު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، މިޚިދުމަތް ދިނުމުގައި އެންމެ ދަތިވާ ކަމަކީ އެކަށީގެންވާ ވަރަށް އެމްއާރުއައި ޓެކްނީޝަނުން ނެތުމެވެ. ހާއްސަކޮށް ރޭޑިއޮލޮޖީ ޑިޕާޓްމަންޓަށް އިތުރު ރޭޑިއޮގުރާފަރުން ބޭނުންވާކަމަށާއި އެކްސްރޭ، އެމްއާރުއައި، ސީޓީ އަދި މެމޯގުރާމް ނެގުމަށް އެކަށީގެންވާ ޕޫލެއް ބޭނުންވާކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން މިކަން ހައްލުކުރުމަށް އިތުރު ރޭޑިއޮގުރާފަރުން ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާކަން ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ރިޕޯޓް ތައްޔާރު ކުރަނީ ބޭރުގެ މި ޚިދުމަތް ދޭ ކުންފުންޏަކާ ގުޅިގެންކަމަށާއި މިހާރުގެ ޓާގެޓަކީ 72 ގަޑިއިރުގެ ތެރޭގައި ރިޕޯޓް ދޫކުރުންކަމުގައި ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެމްއާރުއައި ނަގާ ދުވަހާ ޖެހިގެން އިންނަ ދުވަހު ރިޕޯޓް ދޫ ކުރަން، ނަމަވެސް ރޭޑިއޮލޮޖިސްޓު ރިޕޯޓް ޗެކް ކޮށްފައި ދޫ ކުރާއިރު ކުޑަ ލަސްކަމެއް ބައެއް ފަހަރަށް އަންނަނީ. އިތުރަށް، ރިޕޯޓް އަވަހަށް ދޫކޮށް ޚިދުމަތް އިތުރަށް ސްޓްރީމްލައިން ކުރުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން."
އަހްމަދު ދާއޫދު ވިދާޅުވި އެވެ.
އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ހިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ތެރެއިން އެހޮސްޕިޓަލަށް އެމްއާރުއައި މެޝިން ގެނެސްފައިވަނީ މިދިޔަ އަހަރުގެ މާޗްމަހުގެ ތެރޭގަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ހިިދުމަތް ހޯދަމުންދާ ހޮސްޕިޓަލެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!