42 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތްކޮށް ދެއްވި ހއ. ދިއްދޫ "ތިލަދޫ" މުޙައްމަދު ނަޞީރު އިއްުޔެ ރިޓަޔާ ކުރަށްވައިފިއެވެ.
އޭނާ ރިޓަޔާ ކުރެއްވިއިރު ހުންނެވީ ތިލަދުންމަތީ އުތުރުބުރީ (ހއ) އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރގެ މަޤާމުގައެވެ.
މުޙައްމަދު ނަޞީރު ސަރުކާރުގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވީ 29 މާރިޗް 1979 ގައި އެއަރ މޯލްޑިވްސްގެ އިނގިރޭސި ސެކްރެޓަރީކަމުގެ މަގާމަށެވެ.
އޭގެފަހުން އިނގިރޭސި ވިލާތުން ހެޑްމާސްޓަރކަމުގެ ކޯސް ފުރިހަމަ ކުރައްވާ 1981 ގައި ތަޢުލީމީ ދާއިރާއާ ގުޅިވަޑައިގެންނެވިއެވެ. އެ ދާއިރާއިން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރކަމާއި، ށ. ކޮމަންޑޫގައި ހުންނަ އެ އަތޮޅު އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރކަން ހިމެނެއެވެ.
މުޙައްމަދު ނަޞީރު ހއ. އަތޮޅު އޮފީހާ ގުޅިވަޑައިގެންނެވީ 26 މާރިޗް 1992 ގައި އެ އޮފީހުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ.
އޭގެފަހުން މުޙައްމަދު ނަޞީރު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އަތޮޅު އޮފީހުގެ ސީނިޔަރ ސެކްރެޓަރީކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ ކަމާއި، އަތޮޅުވެރިޔާގެ މުއާވިންކަން ހިމެނެއެވެ.
މުޙައްމަދު ނަޞީރު މެދު ނުކެނޑި 40 އަހަރަށް ވުރެ ގިނަދުވަހު ދައުލަތަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތަށްޓަކައި ހއ. އަތޮޅު ކައުންސިލްގެ ނަމުގައި ވަނީ އޭނާއަށް ޝުކުރު އަދާކޮށްފައެވެ.
މައުލޫމާތު: ހއ. އަތޮޅު ކައުންސިލް
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!