ކޯވިޑް-19 އާ ގުޅިގެން އާއްމު ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން، މިހާރު ކިޔަވާ ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯންތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދޭން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައި ވާކަން ހާމަކުރެއްވީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.
މިދިޔަމަހު 26 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ސްޓޫޑެންޓް ލޯން އަދި ހައުސިން ލޯނަށް ލުއި ދިނުމާމެދު ސަރުކާރުގެ ވިސްނުން އޮޅުން ފިލުވަން ސުވާލު ކުރުމުން އެދުވަހު ރައީސް ވަނީ ލޯނަށް ލުއި ދޭން މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވި ދުވަހު ސްޓޫޑެންޓް ލޯންތައް ފަސްކުރުމާމެދު ސަރުކާރުގެ ވިސްނުން އޮޅުން ފިލުވަން ނޫސްވެރިއަކު ސުވާލުކުރަށްވާފައިވާތީ، އެކަމާއި މަޝްވަރާ ކުރަށްވައި މިހާރު ނިންމުމެއް ނިންމަވާފައިވާ ކަމަށެވެ.
މިގޮތުން މިއަަހަރުގެ ނިޔަލަށް ސްޓޫޑެންޓް ލޯން ފަސްކޮށް ދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ..
ސްޓޫޑެންޓް ލޯން ދެއްކުން ފަސްކޮށްދެއްވިއިރު، މިހާރު ވެސް ލޯނުގެ އިތުރު ބުރެއް ކުރިއަށް އެބަދެއެވެ. ނަމަވެސް މި ދަނޑިވަޅުގައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ އާއި މި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވެސް ބަލި ޖެހުމުގެ ސަބަބުން ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާވާތީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މިބުރުގައި ސްޓޫޑަންޓް ލޯން ސްކީމަށް ކުރިމަތިލި ދަރިވަރުންގެ ތެރެއިން ލޯން ލިބޭ ދަރިވަރުންގެ ލިސްޓު އާންމުކުރުން ފަސްކޮށްފައެވެ.
ކުރިން އެ ލިސްޓް އާންމުކުރަން ނިންމާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. ނަމަވެސް ލޯން ސްކީމްގެ ދާއިމީ ނަތީޖާ އިއުލާނު ކުރާނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުނެ އެވެ.
ލޯން ސްކީމްގެ ދަށުން 770 ފުރުސަތު ހުޅުވާލި އެވެ. މިއީ މިހާތަނަށް އެންމެ ގިނައިން ލޯންގެ ފުރުސަތު ހުޅުވާލި ފަަހަރުވެސް މެއެވެ. މިދިޔަ އަހަރު ހުޅުވާލީ 550 ފުރުސަތެވެ.
ރާއްޖޭގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 4،000 އެއްހާ ކުދީންނަކީ ލޯނު ނަގައިގެން ކިޔަވަމުންދާ ކުދީންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!