ހއ. އަތޮޅު ވެރިރަށް ދިއްދޫގައި ކޯވިޑް ބަލިމަޑުކަން ފެތުރި ގިނައަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވް ވުމާއި ގުޅިގެން ބަލިމަޑުކަމުން އަރައިގަތުމަށް، ދިއްދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުން އިސްނަގައިގެން ކުރެވުނު މަސައްކަތުން، ބަލިމަޑުކަން ކޮންޓްރޯލް ކުރެވުމާއި ގުޅިގެން އެ މަސައްކަތަށް ރަށުގެ މުއައްސަސާތަކާއި ކުލަބް ޖަމްޢިއްޔާތަކާއި އަދި ރައްޔިތުންދެއްވި އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފިއެވެ.

މިކަމާއި ގުޅިގެން އެ ހޮސްޕިޓަލުން މިއަދު އާންމުކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައި ވަނީ މި ބަލިމަޑުކަމުން އަރައިގަނެ ރަށް އާންމު ހާލަތަކަށް ގެނެވިފައި މިވަނީ ކަމާއި ގުޅުންހުރި މުއައްސަސާތަކުން ދެއްވި އިރުޝާދާއި އެއްގޮތަށް ރަށުގެ އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވުމާއި ގުޅިގެން ކަމަށެވެ.

Ad
rt

އެ ލިޔުމުގައި އިތުރަށް ވިދާޅުވެފައި ވަނީ ކުރިއަށް އޮތްތާގައި ވެސް މި ބަލިމަޑުކަމުން ސަލާމަތްވުމަށް އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ވަރުބަލިކަމެއް ނެތި ﷲގެ ވާގިފުޅާއިއެކު އަޅަމުން ގެންދާނެކަމަށެވެ.

ކޯވިޑް ބަލީގެ އަލާމާތް ފެނިގެން އެ ރަށުގެ ފްލޫކުލިނިކަށް ދެއްކި މީހަކު މި ބައްޔަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެ ރަށް މޮނީޓަރިންނަށް ލާފައިވަނީ މެއި މަހުގެ 01 ވަނަ ދުވަހުއެވެ. އެ ދުވަހު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޓްރެވެލް ހިސްޓްރީ ވެސް ނެތް މީހަކަށް ވުމާއި ގުޅިގެން އެ ރަށުގައި ބަލި ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.

މި ކްލަސްޓާއާއި ގުޅިގެން ގިނަބަޔަކު މި ބައްޔަށް ޕޮޒިޓިވް ވިއެވެ. އަދި އުމުރުން 83 އަހަރުގެ ފިރިހެނެއް ދިއްދޫއިން މި ބަލީގައި ނިޔާވެސް ވިއެވެ.

އެއްމަހާއި ހަތަރު ދުވަސް ފަހުން މި މަހުގެ ފަސްވަނަ ދުވަހު އެޗްޕީއޭއިން އެ ރަށް މޮނީޓަރިންއިން ނަގާފައިވާއިރު، އެ ރަށުގައި ބަލި ކޮންޓްރޯލް ވުމުގެ އެންމެ ބޮޑު ސަބަބަކީ ކަމާއި ގުޅުންހުރި މުއައްސަސާތަކުން އެޅި ހަރުދަނާ ފިޔަވަޅެވެ. އަދި އެ ފިޔަވަޅުތަކަށް ރަށުގެ އެންމެހާ ފަރާތްތަކުން ދެއްވި ފުރިހަމަ އެއްބާރުލުމެވެ.