އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

މި ޖަލްސާ އޮންނާނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގެ "ފަހި ވޯޓު" މެދުވެރިކޮށެވެ. މި ޖަލްސާގައި ބައިވެރިވެވޭނީ މިދިޔަ މަހުގެ 19ގެ ކުރިންއެމްޓީސީސީގެ ހިއްސާދާރެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ މީހުންނަށެވެ.

Ad
rt

ސީއެމްޑީއޭގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި ހިއްސާ ވިއްކާ ކުންފުނިތަކުން ކޮންމެ އަހަރެއްގެ އަހަރީ އާއްމު ޖަލްސާ ޖެހިގެން އަންނަ އަހަރުގެ މެއި މަސް ނިމުމުގެ ކުރިންބާއްވަން ޖެހޭނެ އެވެ. ނަމަވެސް މެއި މަސް ނިމުމުގެ ކުރިން އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ ނުބޭއްވުނީ އެ މަހު ހާއްސަގޮތުން ކުރާ އާއްމު ޖަލްސާ ބާއްވަންޖެހުމުންނެވެ.

އަހަރީ އާންމު ޖަލްސާގައި 2020 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބަހާނެ އަދަދު ފާސްކުރުމާއި މިދިޔަ އަހަރުގެ ކުންފުނީގެ ފައިނޭންޝަލް ސްޓޭޓުމެންޓުތައް ފާސްކުރުމާއި ކުރިއަށް އޮތް އަހަރަށް ކުންފުންޏަށް އޮޑިޓަރުން އައްޔަނުކުރާނެއެވެ. އަދި ކުރިއަށް އޮތް ދައުރަށް އެ ކުންފުނީގެ ބޯޑަށް އައްޔަނު ކޮށްފައިވާ އަދި އިންތިހާބުވެފައިވާ ފަރާތްތައް އިއުލާނު ކުރުންވެސް އޮންނާނެއެވެ.

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް ތިން ރުފިޔާ ބަހަން އެ ކުންފުނީގެ ބޯޑުން ވަނީ އަހަރީ އާއްމު ޖަލްސާއަށް ހުށަހަޅައިފަ އެވެ.

މި ޖަލްސާގައި ބައިވެރިވާން ބޭނުން ހިއްސާދާރުން މި މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެ އެވެ. ރަޖިސްޓްރީވާން ޖެހޭނީއިންފިނިޓީ ޕޯޓަލް ނުވަތަ companysecretary@mtcc.com.mv އަށް އީމެއިލް ކޮށްގެން ކަމަށް އެމްޓީސީސީން ބުންޏެވެ.