ދިވެހި ބަހުން ލިޔާ ލިޔުންތަކުގެ ފުރިހަމަކަން އިތުރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ބުނުންތަކެއް ހުރެއެވެ.
އޭގެތެރޭގައި ހަރުބަސް، މުސްކުޅިބަސް، ބޯދާބަސް، މިސާލު، މިސާލުބަސް، މަޖާޒު އަދި މަޖާޒީ މިސާލު ފަދަ ބުނުންތައް ހިމެނެއެވެ. ތަފާތު ނަންނަމުގައި މިބަސްތައް ބޭނުން ކުރެވެމުން އައި ނަމަވެސް މި ހުރިހާ ބަސްތަކަކުން ކޮށްދެނީ އެއްކަމެއް ކަމުގައި ދެންނެވިދާނެއެވެ. އެއީ ލިޔުންތައް އިތުރަށް ފުރިހަމަކޮށް ރީތިކުރުމެވެ.
ހުރިހައި މިސާލުބަސްތަކަކީ އޭގައި ހަޤީޤަތެއް އެކުލެވިގެންވާ ބުނުމެކެވެ. މިސާލުބަހަކީ ތުންތުން މަތިން ދެކެވެމުން އައިސްފައިވާ ހަޤީޤަތެއް ނެތް ވާހަކަ ތަކެއްނޫނެވެ. ކޮންމެ މިސާލުބަހެއް ވެސް އުފެދިފައިވަނީ ކޮންމެވެސް ޒަމާނެއްގައި ކޮންމެވެސް ހިސާބެއްގައި ހިނގާފައިވާ ހާދިސާއަކާއި ގުޅިގެންނެވެ. ނުވަތަ ކޮންމެވެސް އެއްޗަކުން މިސާލުދައްކައިގެން އެއާއި ގުޅުވައިގެން ބުނެވޭ ބުނުންތަކަކުންނެވެ.
މިފަދަ ބަސްތައް އުފެދިގެން އަންނަން މެދުވެރިވާ ހާދިސާ ތުންތުން މަތީން ޒަމާންތަކަކަށް ކިއިގެން އަންނައިރު އެ ހާދިސާ ހިނގާދިޔަ ގޮތާއި ކޮންމެވެސް ވަރެއްގެ ކުދިކުދި ތަފާތުތަކެއް އެކި ޒަމާންތަކުގައި އައިސްފައި ހުރެއެވެ. ނަމަވެސް އެ ބަސްތައް ޒަމާންތަކަކަށް ވާސިލްވެފައިވަނީ އޭގެ އަސްލު ނުގެއްލޭ ގޮތަށެވެ.
ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން ގެންދާ ހުރިހާ ރަށެއްގައިވެސް ބޭނުންކުރާ މިސާލުބަސް ހުރެއެވެ. މިއިން ކޮންމެ މިސާލުބަހަކީ ފޮތެއްގައި ލިޔެފައި ފެންނަ ގޮތަށް އާންމުކޮށްފައި އޮންނަ ބަސްތަކަކަށް ނުވާތީ، އެ ބަސްބަސް މީހުންނަށް ނޭނގި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން އަޅުގަނޑަށް ކުރެވުނު މަސައްކަތުން ތިލަދުންމަތީގެ ބައެއް ރަށްރަށުން ލިބުނު ބައެއް މިސާލުބަސްތައް ސިލްސިލާއެއްގެ ގޮތުގައި ކިޔުންތެރިންނަށް ގެނެސްދޭން ގަސްތުކުރަމެވެ.
މިއީ މި ލިޔުމުގެ ފުރަތަމަބައި ކަމަށްވުމުން މި ލިޔުމުގައި އެއް މިސާލުބަސް ހިމަނާލާނަމެވެ. ނަމަވެސް މި ސިލްސިލާގައި ކޮންމެ ހަފްތާއަކު އެއް މިސާލުބަސް ކިޔުންތެރުނާއި ހަމައަށް ގެނެސްދެމުން ދާނަމެވެ.
މިސާލުބަސް (1): "އުތީމު މީހުން މުލިދޫއަށް އަރައިގެން އުޅޭހެން"
އުތީމު އަދި މުލިދޫއަކީ ހއ. އަތޮޅަށް ނިސްބަތްވާ ދެ ރަށެވެ. ނަމަވެސް މުލިދޫއަކީ މީހުން ދިރިނޫޅޭ ފަޅުރަށެކެވެ.
މުލިދޫއާއި ދާދިކައިރީގައި އެ އަތޮޅު ތަކަންދޫ އަދި މާރާންދޫ އޮވެއެވެ. އިހުގައި ކައިރީގައިވާ ފަޅުރަށްރަށަށް ދަރުކޮށަން ދިއުމަކީ ދިވެހިން ވަރަށް ގިނައިން ކޮށްއުޅުނު ކަމެކެވެ. ދިވެހިން ދަރުކޮށާ އުޅުނު ޒަމާނުގައި އުތީމު މީހުން މުލިދޫއަށް ދަރުކޮށަން އަރައިގެން އުޅޭއިރު، އެ މީހުން ފޯރީގައި ދަރުކޮށަން މުލިދޫގައި އުޅޭ އަޑު މުލިދޫގެ ވަށައިގެންވާ ރަށްތަކަށް އިވޭކަމުގައި ވެއެވެ.
މި މިސާލުބަސް ބޭނުންކޮށް އުޅޭ ހާލަތަށް ބަލައިލާއިރު ބަޔަކު އެއްވެ ތަނެއްގައި މާބޮޑަށް އަޑުގަދަކޮށް ހަދާނަމަ އެކަމުން އުނދަގޫލިބޭ މީހާ އަޑުގަދަކުރާ މީހުންނާ ދިމާއަށް، އަޑުގަދަކުރުމުގެ ސަބަބުން އުނދަގޫވާކަން ނުވަތަ އެކަށީގެންވާވަރަށް ވުރެ އަޑުގަދަކަން ބަޔާންކޮށްދިނުމުގެ ގޮތުން "ހީވަނީ އުތީމު މީހުން މުލިދޫއަށް އަރައިގެން އުޅޭހެން" ނޭ ބުނެއުޅެއެވެ.
(ނުނިމޭ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!