ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަންއައި މާބަނޑު އަންހެނެއްގެ އޯވަރީގައި އުފެދިފައިވާ ބޮޑު ސިސްޓެއް ނެގުމަށްޓަކައި އެ ހޮސްޕިޓަލުން ތާރީޚީ އަދި ކާމިޔާބު ބޮޑު އޮޕަރޭޝަނެއް ކޮށްފިއެވެ.

ރ. އަތޮޅު ހުޅުދުއްފާރުން ކޭއާރުއެޗްއަށް ވިހެއުމަށް އައި މާބަނޑު އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި އުފެދިފައިވާ ސިސްޓުގެ ދިގުމިނުގައި 24 ސެންޑިމީޓަރު، ފުޅާމިނުގައި 20 ސެންޓިމީޓަރު އަދި ބަރުދަނުގައި 2.4 ކިލޯ (2400 ގުރާމް) ހުރިއިރު، މިއީ އޯވަރީގައި އުފެދިފައިވާ މިފަދަ ބޮޑު ސިސްޓެއް ނެގުމަށްޓަކައި ކޭއާރުއެޗްގައި ކުރެވުނު މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

Ad
rt

އަދި މިއީ އަތޮޅުތެރޭ ހޮސްޕިޓަލެއްގައި ކުރެވުނު މިފަދަ އެންމެ ބޮޑު ފުރަތަމަ އޮޕަރޭޝަނެވެ. ކޭއާރުއެޗްގައި މީގެ ކުރީން ވަނީ މިއަށްވުރެ ކުދި ސިސްޓް ނެގުމުގެ ބައެއް އޮޕަރޭޝަންތައް ވެސް ކޮށްފައެވެ.

ކޭއާރުއެޗްގައި ކުރިއަށްދިޔަ އެ އޮޕަރޭޝަންގެ ތެރެއިން ސިސްޓް ނަގަނީ، ފޮޓޯ: ކޭއާރުއެޗް

މިކަމާއި ގުޅިގެން "ތިލަދުން" ނޫހަށް މަޢުލޫމާތު ހިއްސާކުރަމުން ކޭއާރުއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ މުޙައްމަދު ފައިސަލް ވިދާޅުވެފައިވަނީ އެ އަންހެން މީހާ ދުވަސްފުރައި ވިހެއުމަށްޓަކައި ކޭއާރުއެޗަށް އައިއިރު ސިސްޓެއް އިންކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެއީ ކިހާވަރެއްގެ ސިސްޓެއްކަން އޭރު ނޭނގޭކަމަށާއި، ކޭއާރުއެޗަށް އައިސް ސްކޭންކުރުމުން އެ އަންހެން މީހާގެ ވާތްފަރާތު އޯވަރީގައި ވަރަށް ބޮޑު ސިސްޓެއް އިންކަން ފާހަގަވި ކަމަށެވެ. ވުމާއެކު އެ މަޢުލޫމާތު ޕޭޝަންޓަށާއި އަދި ޕޭޝަންޓްގެ އާއިލާއާވެސް ހިއްސާ ކުރެވުނު ކަމަށެވެ.

ކާމިޔާބު ކަމާއެކު އެ ސިސްޓް ނަގާފައި، ފޮޓޯ: ކޭއާރުއެޗް

ދެ ގަޑިއެއްހާއިރު ހޭދަވި ކާމިޔާބު މި އޮޕަރޭޝަން ކޮށްދެއްވާފައި ވަނީ ކޭއާރުއެޗްގެ އަންހެނުންގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރ ލުޠުފީ ބާޝާއެވެ.

މިއޮޕަރޭޝަނަށްފަހު މާބަނޑު މީހާއަށް ތިން ޕޮއިންޓް ލޭ އަޅަން ޖެހުނެވެ. ނަމަވެސް ކާމިޔާބު އެ އޮޕަރޭޝަނަށް ފަހު ދެމައިންގެ ހާލަތު އާންމު ހާލަތަށް ގެނެސް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހޮނިހިރު ދުވަހު ދެމައިން ވަނީ އެ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ކޭއާރުއެޗްއަކީ ފަހުގެ ތާރީޚެއްގައި އަތޮޅުތަކުން އެންމެ ބޮޑު ކުރިއެރުން ހޯދާފައިވާ ހޮސްޕިޓަލެވެ. އެ ހޮސްޕިޓަލުން އެމްއާރުއައި ފަދަ ގިނަ އާ ޚިދުމަތްތަކެއް ތަޢާރުފްކޮށް، ޚިދުމަތް ހޯދާ މީހުންނަށް ގިނަ ފަސޭހަ ތަކެއް ހޯދައީ، ހިދުމަތް ހޯދާ މީހުންގެ އިތުބާރު ވަނީ ބޮޑު ކޮށްފައެވެ. ބޮޑެތި ކާމިޔާބު އޮޕަރޭޝަންތަކެއްކޮށް، ޑަކްޓަރުން އިތުރުކޮށް، އެކި ޚިދުމަތްތައް ވަނީ އިތުރުކޮށްފައެވެ.

މީގެއިތުރުން މި ހޮސްޕިޓަލަކީ މާލެ ސިޓީގެ ބޮޑު ދެ ހޮސްޕިޓަލް ފިޔަވައި، ރާއްޖެއިން މީހުން އެންމެ ގިނައިން ޚިދުމަތް ލިބިގަންނަ ހޮސްޕިޓަލެވެ.