1 މަހާއި 4 ދުވަސް ފަހުން ހއ. ދިއްދޫ މޮނީޓަރިންއިން ނަގައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހއ. ދިއްދޫ ކައުންސިލަށް އެޑްރެސްކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތު އުވާލާފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ 00:00 ގައި ކަމަށެވެ.
ދިއްދޫ ކައުންސިލަށް ފޮނުވި ލިއުމުގައި ބުނެފައިވަނީ އެރަށް މޮނިޓަރިންގ ހާލަތު އިތުރަށް ދަމަހައްޓަންޖެހޭ ސަބަބެއް މިވަގުތު ނެތްކަމަށެވެ.
ދިއްދޫއިން އެންމެ ފަހުން ނެގި ހުރިހާ ރެންޑަމް ސާމްޕަލެއް ވަނީ ނެގެޓިވްވެފައެވެ. ދިއްދޫގެ ކޯވިޑް ހާލަތު ވަޒަން ކުރުމަށް އެރަށުން ވަނީ ހުސްވި މަހުގެ 30 ވަނަ ދުވަހު 155 ރެންޑަމް ސާމްޕަލެއް ނަގާފައެވެ.
ދިއްދޫއިން ހުސްވި މަހުގެ 30 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވްވިއިރު، އެމަހުގެ 29 ވަނަ ދުވަހު ނެގި 31 ސާމްޕަލެއްގެ ތެރެއިން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މެއި 15 ވަނަ ދުވަހަކީ ދިއްދޫއަށް ކުރިމަތިވި ހިތާމަވެރި ދުވަހެކެވެ. އެދުވަހު ވަނީ ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގައި ހުރި އެރަށުގެ ދޮށީ އުމުރު މީހަކު މިދުނިޔެ ދޫކޮށްފައެވެ. އެ މީހާއަކީ، އުމުރުން 83 އަހަރު އަންހެނެކެވެ.
ދިއްދޫއިން މިހާތަނަށް 142 މީހަކަށް ބަލި ޖެހިފައިވެއެވެ. އެރަށުން ޕޮޒިޓިވްވި 2 މީހަކަށް ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1ގެ ކޯވިޑް ސެންޓަރުގައި ފަރުވާދީފައިވެއެވެ.
ދިއްދޫ މޮނީޓަރިންއަށް ގެނައީ މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!