ކޮވިޑް-19 ސަބަބުން މޮނީޓަރިންގެ ހާލަތުގައި ކުރިން އޮތް ހއ. މުރައިދޫގެ ރައްޔިތުންނަށް ރަށުން ބޭރުގައި ދިރިއުޅެމުން އަންނަ ފަރާތްތަކުން ރޯ މަސް ހަދިޔާ ކޮށްފިއެވެ.

އެގޮތުން ރިސޯޓުތަކުގަ އާއި މާލޭގައި ދިރުއުޅޭ މުރައިދޫ ރައްޔިތުންގެ ފަރާތުން އެރަށުގައި ދިރިއުޅޭ އާއިލާތަކަށް މަސް ހަދިޔާ ކުރީ މިދިޔަ މެއި މަހުގެ 31 ވަނަ ދުވަހުއެވެ.

Ad
rt

މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން "ތިލަދުން" އަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ ހަދިޔާ ކުރީ 25000ރ (ފަންސަވީސް ހާސް ރުފިޔާ) ގެ ރޯ މަސް ރަށުގައި ބަހައި ނިމިފައިވާ ކަމަށެވެ. މިއީ ހަނިމާދޫގެ މަސް ވިއްކާ ދޯންޏަކުން ގަނެފައިވާ މަސްތަކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ.

މި ފައިސާ އަކީ ފުރަބަންދުގައި އެ ރަށު ރައްޔިތުންނަށް އެހީވުމަށް ރަށުން ބޭރުގައި ދިރިއުޅޭ ފަރާތްތަކުން އިންތިޒާމު ކުރި ފަންޑުން ނެގުނު ފައިސާ ކަމަށާއި މިހާރު ފަންޑުގައި ބާކީހުރި ވަރުން މިވަގުތައް ބޭނުންވާ ތަކެތި ގަތުމަށް އިންތިޒާމް ކުރި ފަރާތްތަކާއި ވާހަކަ ދެެކެވެމުންދާކަމަށްވެސް ސިނާން ވިދާޅުވި އެވެ.

"ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ރަށުން ބޭރުގައި އުޅޭ ރަށު ފަރާތްތަކުން ވެދެއްވި މި އަގުހުރި އެހީ އަށް ކައުންސިލްގެ ނަމުގައްޔާއި މުރައިދޫ ރައްޔިތުންގެ ނަމުގައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ޚާއްސަކޮށް ރިސޯޓުތަކާއި މާލޭގައި އުޅޭ ފަރާތްތައް ފާހަގަކޮށްލަން" ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިވަގުތު މުރައިދޫ މޮނިޓަރިން ގެ ހާލަތުން އުވާލާފައިވީ ނަމަވެސް ރަށުގައި ކޮވިޑު ބަލީގެ އެކްޓިވް 15 ކޭސް އެބަތިބި ކަމަށާއި މީގެއިތުރުން އެރަށު ކުލަސްޓާ އާއި ގުޅިގެން ހޯމް ކަރަންޓީނުގައި ތިބި ބައެއްކަމަށް ކައުންސިލްގެ ރައީސް ފާހަގަކުރެއްވި އެވެ.

ހެލްތު ޕުރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ޤަވައިދުތަކަށް މިހާރުވެސް ބަރާބަރަށް އެރަށު ރައްޔިތުން ތަބާވާ ކަމަށާއި އާންމުން އެއްވެ އުޅޭ ކެފޭ ފަދަ ތަންތަނާއި ކުޅިވަރު ކުޅޭ ތަންތަންވެސް އަދި ހުރީ ރަށު ރައްޔިތުންގެ އެދުމުގެ މަތިންނާ އެއްކޮށް ބަންދު ކުރެވިފައި ކަމަށްވެސް ފާހަގަކުރެއްވި އެވެ.

މިހާތަނަށް 268 ސާމްޕަލް އެރަށުން ނެގިފައިވާއިރު އޭގެތެރެއިން 31 މީހުން ޕޮޒިޓިވްވި ކަމަށާއި 8 މީހެއްގެ ސާމްޕަލް ނަތީޖާ އަދި ނުލިބޭކަަމަށް މައުލޫމާތު ދެއްވިއެވެ. ޕޮޒިޓިވް މީހުންގެ ތެރެއިން 16 މީހަކު މިހާތަނަށް ބަލިން ފަސޭހަވެފާވާއިރު އަދިވެސް އެރަށުން 8 ގެ ހުރީ ކަރަންޓީނު ކުރެވިފައެވެ.