މިނިސްޓްރީ އޮފް ޓޫރިޒަމްއިން ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައި އެކުލަވާލާފައިވާ ޓޫރިޒަމް ސިނާއަތުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމަނާފައިވާ "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޕްރޮޖެޓްގެ ދަށުން ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި ބެހޭގޮތުން ޓޫރިޒަމް މިނިސްޓްރީއިން ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށު ކައުންސިލު ރައީސުންނާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުމުގައި ހއ. އަތޮޅުގެ މަޖިލިސް މެމްބަރުންނާއި އަތޮޅު ކައުންސިލް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރގެ އިތުރުން މިނިސްޓްރީގެ އެކްސްކޮމް މެމްބަރުންނާއި ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓްގެ މުވައްޒަފުންނެވެ.

Ad
rt

މި ބައްދަލުވުމުގައި، މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ފަތުރުވެރިކަމުން ރައްޔިތުންނަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ފައިދާ ހޯދައިދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކައުންސިލްތަކާ ގުޅިގެން ކުރައްވާނެކަމުގެ ޔަގީންކަން ކައުންސިލްތަކަށް ދެއްވަމުން، ރަށުގައި ފަތުރުވެރިކަން ކުރިއަރުވާ ހިންގުމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީ މިނިސްޓްރީއިން ފޯރުކޮށްދޭނެ ވާހަކަ ވިދާޅުވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅަށް ފަހު، ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ރައްޒާން އަދި ޑިރެކްޓަރ ޝިނާން ވަނީ ބައްދަލުވުމުގެ ބައިވެރިންނަށް ޕްރެޒެންޓޭޝަނެއް ހުށައަޅާފައެވެ.

އެ ދެބޭފުޅުންގެ ވާހަކައިގައި އަލިއަޅުވާލައްވާފައިވަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަނޑައަޅާފައިވާ 6 ސިޔާސަތުގެ ދަށުން ކައުންސިލްތަކާއި ގުޅުންހުރި އެކިއެކި ފަތުރުވެރިކަމުގެ ހަރަކާތްތަކުގެ މައުލޫމާތާއި އަދި ޓޫރިޒަމްއާއި ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކުރުމުގެ ގާނޫނަށް ގެނެވުނު އިސްލާޙްތަކާއެކު ފަތުރުވެރިކަމާ ގުޅޭ މަސައްކަތްތަކުގައި މިނިސްޓްރީއާއި ކައުންސިލްތަކާއި ގުޅިގެން ކުރެވޭނޭ މަސައްކަތްތަކާއި އަދި މީގެ އިތުރުން ސީދާ ކައުންސިލްތަކުން ކުރާނެ މަސައްކަތްތަކުގެ ތެރެއިން ވަކިން ހާއްސަކޮށް މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެވޭ ބިންބިމުގެ ބީލަމުގެ މަސައްކަތްތަކަށެވެ.

މީގެ އިތުރުން މިނިސްޓްރީގެ ޕްލޭނިންގ އޮފިސަރ އަބްދުﷲ ޢިޔާޒް ތިލަދުންމަތީ އުތުރުބުރީގެ ފަތުރުވެރިކަމުގެ އަޕްޑޭޓެއް ހުށަހަޅާދިނެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މަޖިލީހުގެ އިއްޒަތްތެރި މެމްބަރުންނާއި ރަށު ކައުންސިލުތަކުގެ ރައީސުން ވަނީ އެބޭފުޅުންގެ ހިޔާލު މިނިސްޓަރާއި ހިއްސާކުރައްވާފައެވެ.

ހއ. އަތޮޅުގެ މަޖިލީސް މެމްބަރުންގެ ވާހަކައިގައި، އެ އަތޮޅުގެ ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތަށް އެބޭފުޅުންގެ ފުރިހަމަ އެއްބާރުން ދެއްވާނެކަމަށާއި މަޖިލީހުން ނިންމަންޖެހޭ ގާނޫނީ ކަމެއް ވާނަމަ އެކަމަށްވެސް ފަސް މެމްބަރުން ފުރިހަމަ އެއްބާރުލުންދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ހއ. އަތޮޅު ކައުންސިލް ރައީސް މޫސާ ޝަފީގުގެ ވާހަކައިގައި އެއަތޮޅުގައި އާ ރިޒޯޓުތައް ހުޅުވި، އަދި ޓޫރިޒަމް ޑައިވާސިފިކޭޝަން ޕްރޮޖެކްޓްގެ މަސައްކަތާއެކު ރަށްރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވެ ހޯމްސްޓޭ ވިޔަފާރިއާއި، ގެސްޓްހައުސް، ހޮޓާތައް ހުޅުވި ރައްޔިތުންނަށް ފަތުރުވެރިކަމުގެ ފައިދާ މިހާރަށްވުރެ ބޮޑަށް ލިބެންފަށާނެ ކަމުގެ އުއްމީދު ރައްޔިތުންނަށް އާކޮށްދެއްވިއެވެ.

ބައްދަލުވުން ނިންމާލަމުން މިނިސްޓަރ ވަނީ، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވައި ރަށްރަށުގެ ރައްޔިތުންނަށް ފަތުރުވެރިކަމުން މަންފާ ހޯދައިދިނުމަށްޓަކައި ކައުންސިލުތަކާއި ގުޅިގެން ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ބޮޑު ތިލަދުންމަތި ތަރައްގީވެގެން އަންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވިއެވެ.

ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ޕްރޮޖެކްޓުގެ މަސައްކަތް ކުރިއަށްގެންދިޔުމަށްޓަކައި މިނިސްޓްރީއިން ވަނީ މިކަމަށްހާއްސަކޮށް "ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން" ޔުނިޓެއް ގާއިމުކޮށްފައެވެ.

މި ޔުނިޓުން މިހާރު ވަނީ ކޮންމެ އަތޮޅަކަށް ހާއްސަކޮށްގެން، ލޯކަލް ލޯކަލް ޓޫރިޒަމް ފުޅާ ކުރުމާބެހޭގޮތުން ސިލްސިލާ ބައްދަލުވުންތަކެއް ފަށާފައެވެ. މިގޮތުން 02 ޖޫން 2021 ގައި، އަތޮޅު ކައުންސިލާއި އެކު ބާއްވާފައިވަނީ މި ސިލްސިލާގެ ފުރަތަމަ ބައްދަލުވުމެވެ.