ކުރީގެ ރައީސް، މިހާރުގެ މަޖިލިސް ރައީސް މުހައްމަަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ކުރިއަށް ގެންދާ ތަހުގީގަށް ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިން ނޫން ކަމަށާއި އެ ކޮމިޓީއަށް ޖަވާބުދާރީ ވާނީ މުޅި ސިފައިން ކަމަށް ރާއްޖޭގެ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ،
ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން 241 ކޮމިޓީއިން މިހާރު ގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކޮށް މައުލޫމާތު އޮޅުން ފިލުވުމަށް އެ ކޮމެޓީން ވަނީ ނިންމާފައެވެ.
އެކަމާއި ގުޅިގެން ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފުން މިއަދު ވިދާޅުވީ، ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މި މުއައްސަސާގެ ފަރާތުން ކަމުގައި ދެކިވަޑައިގަންނަވާ ކަމަށެވެ.
މި ނިންމުން ނިންމި ސަބަބުތައް ހާމަކުރަށްވަމުން އެ އިދާރާއިން ވިދާޅުވީ، ޤާނޫނު އަސާސީގެ 99 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި، ރައްޔިތުންގެ މަޖިލީހަށާއި މަޖިލީހުގެ ކޮމިޓީތަކަށް ލިބިދޭ ބާރުތައް ބަޔާންކޮށްފައިވާ ކަމަށެވެ. މިގޮތުން ކޮންމެ މީހަކަށްމެ އަދި ކޮންމެ މުއައްސަސާއަކަށްމެ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ނުވަތަ ކޮމިޓީއެއްގެ ސަބް ކޮމިޓީއަކަށް ހާޒިރުވެ ހެކިބަސްދިނުމަށާއި، މަޖިލީހުން ބޭނުންވާ ކޮންމެ ލިޔެކިޔުމެއް ހުށަހެޅުމަށް އެންގިދާނެކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ މީހަކާއި ނުވަތަ ކޮންމެ މުއްސަސާއަކާ ރައްޔިތުންގެ މަޖިލީހުން ކުރާ ކޮންމެ ސުވާލަކަށްމެ އެމީހަކަށް ނުވަތަ މުއައްސަސާއަކަށް އެނގިހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބުދޭންވާނެ ކަމުގައިވެސް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ނަމަވެސް، ސަލާމަތީ ކޮންމެ ޚިދުމަތެއްމެ ހިންގާންވާނީ ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ބެލުމުގެ ދަށުންކަމަށާއި، އެ ވަޒީރެއްގެ ބެލުމުގެ ދަށުން ހިނގާ ކޮންމެ ސަލާމަތީ ޚިދުމަތެއްގެ ކަންކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ވާންވާނެ ކަމުގައި ޤާނޫނު އަސާސީގެ 242 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ވާކަމަށް ޤަައުމީ ދިފާޢީ ބާރުން ވިދާޅުވެފަވެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، ސިފައިންގެ ކޮންމެ މީހަކު ވެސް އެ މީހަކަށް ލިބިފައިވާ ޤާނޫނީ ބާރާއި އިޚްތިޔާރު ބޭނުން ހިފާ ގޮތާމެދު އަދި އެ މީހެއްގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނީ ޗީފް އޮފް ޑިފެންސް ފޯސްއަށް ކަމަށް، ސިފައިންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފަވާ ކަމަށެވެ. އަދި، ސިފައިންގެ މައްޗަށް ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި، އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި އޭނާގެ މަސްއޫލިއްޔަތު އަދާކުރާގޮތާ މެދު ޖަވާބުދާރީވާން ޖެހޭނީ މިނިސްޓަރަށް ކަމަށް އެ ޤާނޫނުގެ 11 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.
"ސިފައިންގެ މައްޗަށް މިނިސްޓަރަށް ލިބިގެންވާ އެންމެހާ ޤާނޫނީ ބާރާއި އިޚްތިޔާރުގެ ބޭނުން ހިފާގޮތާ މެދުގައާއި މިނިސްޓަރުގެ މަސްއޫލިއްޔަތު އަދާކުރާ ގޮތާމެދު މިނިސްޓަރު، ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނެ ކަމަށް އެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވެއެވެ. އަދި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މަޢްލޫމާތެއް ސިފައިންގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ފިޔަވައި އެހެން ފަރާތަކަށް ހިއްސާ ކުރުމަކީ ކުށެއް ކަމުގައި ބަޔާންކޮށްފައިވެއެވެ." ޤައުމީ ދިފާޢީ ބާރުން ވިދާޅުވެފަވެއެވެ.
އެ އިދާރާއިން އިތުރަށް ވިދާޅުވީ، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތް ބެލުމަށްޓަކައި ވަކިވަކި ސިފައިން ޖަވާބުދާރީ ކުރުވުމަކީ، ސިފައިންގެ އަސްކަރީ ހައިރާކީއާއި ސިފައިންގެ "ޗެއިން އޮފް ކޮމާންޑް"އާއި "ކޮމާންޑް އެންޑް ކޮންޓްރޯލް" އަދި ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ޤާއިމްކުރެވިފައި އޮތް އުޞޫލުތަކާއި ޚިލާފް ކަމެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން މުޅި ޤައުމީ ދިފާޢީ ބާރާއި އެބާރުގެ އެކިއެކި ސަބޯޑިނޭޓް އެޗެލޯންތަކުގެ މައްޗަށް އޮންނަ ކޮމާންޑް އެންޑް ކޮންޓްރޯލް ގެއްލި، ސިފައިންގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ އަދި މިކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ފޫނުބެދޭވަރުގެ ނުރައްކާތަކެއް ކުރިމަތިވާނެ ކަމަކަށް ވެދާނެކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
ސިފައިންގެ ޚިދުމަތަކީ ސައްވީސް ގަޑިއިރުގެ ޚިދުމަތަކަށްވެފައި، ސިފައިންނަކީ ވާޖިބަށް ގޮވާލެވޭ ކޮންމެ ހިނދަކު ޚިދުމަތަށް ނިކުންނަންޖެހޭ ބައެއްކަމަށާއި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި ގުޅުންހުރި ކަންކަމުގައި ކޮމާންޑަރެއްގެ ހުއްދަނެތި، އަމިއްލަ ހައިސިއްޔަތުން އެކިއެކި ފަރާތްތަކާ މުޢާމަލާތު ކުރުމުގެ އިޚްތިޔާރު ލިބިފައި ނުވާ ބައެއްކަމަށް ސިފައިންގެ ޢާންމު ޤަވާޢިދުގައި ބަޔާންކޮށްފައިވާކަމަށް ވެސް ޤައުމީ ދިފާއީ ބާރުން ވަނި ފާހަގަ ކުރަށްވާފައެވެ.
"ސިފައިންގެ ކޮމާންޑް އެންޑް ކޮންޓްރޯލާއި، ޗެއިން އޮފް ކޮމާންޑްގެ އުޞޫލު ހަރުދަނާ ގޮތެއްގައި ދެމެހެއްޓުމަށްޓަކައި، ސިފައިން އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރާގޮތާމެދު ރައްޔިތުންގެ މަޖިލީހަށް ވަކިވަކި ސިފައިން ޖަވާބުދާރީވުމުގެ ބަދަލުގައި، ޖަވާބުދާރީވާނީ މި މުއައްސަސާގެ ފަރާތުން ކަމުގައި ދެކެމެވެ. އަދި، ރައްޔިތުންގެ މަޖިލީހުން ނުވަތަ އެމަޖިލީހުގެ ކޮމެޓީއަކުން ބައްލަވަމުން ގެންދަވާ މައްސަލައަކާ ގުޅޭގޮތުން، ސިފައިންގެ ވަކި މީހަކު މަސްއޫލިއްޔަތު އަދާކުރާ ގޮތާ ގުޅޭގޮތުން މަޢުލޫމާތެއް ހޯދަން ބޭނުންވެއްޖެނަމަ، އެމަޢުލޫމާތެއް ވެސް މި މުއައްސަސާއިން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ." ޤައުމީ ދިފާއީ ބާރުން ވިދާޅުވެފަވެއެވެ.
އެ މުއައްސަސާއިން އަމަލުކުރަމުން އަންނަ އުސޫލުތަކާއި ޚިލާފަށް ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް އެ މުއައްސާސާގެ މައްޗަށް ލާޒިމްކުރާ، ޝަރުޢީ ކޯޓެއްގެ ނިހާއީ ޙުކުމެއް ނެތްކަން ވެސް ނެތްކަމަށާއި، މި ނިންމުމަކީ، ސިފައިން، ރައްޔިތުންގެ މަޖިލީހަށް ޖަބާވުދާރީވުމާ ބެހޭގޮތުން، ސިފައިންގެ، ލަފާދޭ މަޖިލީހުން ދެއްވާފައިވާ ލަފައާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ޤައުމީ ދިފާއީ ބާރުން ވިދާޅުވެފަވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް 06 މޭ 2021 ވަނަ ދުވަހުގެ ރޭ ދެވުނު ޓެރަރިސްޓް ހަމަލާޔާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ހިންގަވާ އިންކުއަރީއަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަރާތުން ފުރިހަމަޔަށް އެއްބާރުލުންދީ އަދި މަޢްލޫމާތު ޙިއްސާކުރަމުން ގެންދާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!