ހއ. ދިއްދޫއިން މިއަދު އިތުރު 150 ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.
ހއ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް "ތިލަދުން"އަށް ވިދާޅުވީ، ދިއްދޫ މޮނިޓަރިން ހާލަތުން ވީއްލުމަށް އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް މިއަދު އިތުރު ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ.
"ތިނެއް ޖަހާއިރު ސާމްޕަލް ނަގަން ފަށާނެ، މިއަދު ވެސް 150 ސާމްޕަލް ނަގަން ބޭނުންވޭ، ކުރިއެކޭ އެއްގޮތަށް ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ" އަޝްރަފް ވިދާޅުވިއެވެ.
ދިއްދޫ މޮނިޓަރިން ހާލަތުން ވީއްލުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން ހުސްވި މެއި 30 ވަނަ ދުވަހު ވެސް އެރަށުން 150 ރެންޑަމް ސާމްޕަލެއް ނެގިއެވެ. އެ ހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވްވެފައެވެ.
ދިއްދޫއިން މިހާތަނަށް 142 މީހަކަށް ބަލި ޖެހިފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 22 އެވެ. އެރަށުން ޕޮޒިޓިވްވި 2 މީހަކަށް ށ. އަތޮޅު ހޮސްޕިޓަލްގައި ގާއިމުކޮށްފައިވާ ޒޯން 1ގެ ކޯވިޑް ސެންޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.
ދިއްދޫއިން މިހާތަނަށް 121 މީހަކު ބަލިން ރަނގަޅުވިއިރު އެކަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
މެއި 1 ވަނަ ދުވަހު ބަލީގެ އަލާމަތް ފެނިގެން އެރަށު ފްލޫ ކްލިނިކަށް ދެއްކި، ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް މީހަކު ޕޮޒިޓިވްވުމުން އެ ދުވަހުގެ ރޭ އެރަށް މޮނިޓަރިން ހާލަތަށް ގެނައި ގޮތަށް އަދިވެސް އެރަށް އޮތީ އެހާލަތުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!