ހަނިމަދޫން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ވިހަން ގެންދިޔަ އަންހެނެއް ލޯންޗް ތެރޭ ވިހައިފިއެވެ.
އެ އަންހެން މީހާ ވިހާފައިވަނީ އޭނާ ގޮވައިގެން ދަތުރުކުރި ލޯންޗް ކުޅުދުއްފުށި ސިޓީ ފަޅަށް ވަތްފަހުން ކަމަށް ލޯންޗްގެ ކެޕްޓަން "ތިލަދުން''އަށް މައުލޫމާތު ދިނެވެ. އެއީ މިއަދު ހެނދުނު 7:30 ހާއިރެވެ.
އެ އަންހެން މީހާއަކީ 42 އަހަރުގެ އަންހެނެކެވެ. މިއީ އޭނާގެ 6 ވަނަ ކުއްޖާއެވެ.
ހަނިމާދޫ ސިއްހީ މަރުކަޒުގެ އޮފިޝަލެއް "ތިލަދުން"އަށް ވިދާޅުވީ، އެ އަންހެން މީހާ ވިހެއުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވީ، އޭނާގެ ކޮންޑިޝަނަށް ބެލުމަށްފަހު ކަމަށެވެ.
"ރިޕޯޓްތަކަށް ބަލާފަ ޑަކްޓަރު ނިންމީ ކުޅުދުއްފުއްޓަށް ފޮނުވަން، ހޮސްލިޓަލާ ހަމައަށް ނުފޯރަނީސް ލޯންޗް ތެރޭ އޭނާ ވިހާފަ ވަނީ، ދެމައިންގެ ހާލުވެސް ރަނގަޅު، އޭނާ މިހާރު ވަނީ ހޮސްޕިޓަލް ބެލުމުގެ ދަށުގައި"
އެ އޮފިޝަލް ވިދާޅުވި އެވެ.
ކުޑަކުއްޖާގެ ބަރުދަން 3 ކިލޯއަށްވުރެ އިތުރު ކަމަށާއި، އެއީ ފިރިހެން ކުއްޖެއް ކަމަށް ވެސް އޭނާ މައުލޫމާތު ދެއްވިއެވެ.
އެ އަންހެން މީހާ ގޮވައިގެން ދިޔަ ލޯންޗްގައި އޭނާގެ އެހީތެރިޔަކަށް ދިޔައީ އޭނާގެ ފިރިމީހާ އެވެ. އޭގެ އިތުރުން ހަނިމާދޫ ސިއްހީ މަރުކަޒުގެ 2 ނަރުހުންނާއި، ޕަބްލިކް ހެލްތް ޔުނިޓްގެ ބޭފުޅަކު ވެސް އޭނާގެ އެހީތެރިން ގޮތުގައި ދަތުރު ކުރިއެވެ.
ކުޑަކުއްޖާ ސާފުކުރީވެސް ލޯންޗް ތެރޭގަ އެވެ. އެއަށްފަހު އެންބިއުލާންސްގައި ދެމައިން ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!