ހދ. ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ރިހެބިލިޓޭޝަން ސެންޓަރ ރަސްމީކޮށް ހުޅުވާފައިވަނީ 31 މާޗް 2019 ގައެވެ. އެ ސެންޓަރު ރަސްމީކޮށް ހުޅުއްވައި ދެއްވާފައިވަނީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހެވެ. އެދުވަސްވަރު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ތިލަދުން މައްޗަށް ކުރެއްވި ދަތުރުފުޅުގައި ހަނިމާދޫއަށް ވަޑައިގެން އެ ސެންޓަރ ރަސްމީކޮށް ހުޅުއްވައި ދެއްވި ނަމަވެސް އެތަނުގައި ޚިދުމަތް ދޭން ފަށާފައިވަނީ އޭގެ އެތައް ދުވަހެއް ފަހުންނެވެ.

ހަނިމާދޫގައި ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރެއް އިމާރާތް ކުރަން ފެށުނު ހިސާބުން ވެސް އެކަމުގެ ސަބަބުން ރަށަށް ކޮށްފާނޭ ނޭދެވޭ އަސަރުގެ ވާހަކަ ރަށުގެ ކަމުވޮށިގެންވާ މީހުންގެ ތެރޭގައި ވެސް އަދި އާންމުން ތެރޭގައި ވެސް ދެކެވިގެން ދިޔައެވެ. ހާއްސަކޮށް މަސްތުވާ ތަކެއްޗާއި ގުޅުންހުރި މައްސަލަތަކުގައި އެކަށީގެންވާ ނަތީޖާއެއް އެއްވެސް ދިމާއަކުން ނެރެވޭތަން ނުފެނުމަކީ މި ޝަކުވާ ބޮޑުވެގެންދިޔަ ސަބަބެއް ކަމުގައި ޤަބޫލު ކުރެވެއެވެ.

Ad
rt

މި ސެންޓަރާއި ގުޅިގެން އޭރު ދެއްކި ވާހަކަތަކާއި އަދި މިހާރު ސެންޓަރު ހިނގަމުންދާ ގޮތާއި ތަޖުރިބާކުރެވުނު ބައެއް ކަންތައްތަކާއި އަދި އެތަނުން ނަތީޖާ ނެރެވޭ މިންވަރަށް ވިސްނާލައި މިންކޮށްލުމުން އެ ވާހަކަތަށް މައިގަނޑު ތިންބަޔަކަށް ބެހެއެވެ. އެ ބައިތަކަކީ އެއްބަޔަކު އެ ވާހަކަތަށް އެ ދުވަސްވަރު ސިޔާސީ މަންފާއަށް ދެއްކިކަމެވެ. އަނެއްބަޔަކު އެ ވާހަކަތައް ދެއްކީ އެކަމުގެ ފުރިހަމަ މަޢުލޫމާތު އެނގިތިބެއެވެ. އަނެއްބަޔަކު އެ ވާހަކަތައް ދެއްކީ އެފަދަ ސެންޓަރުތައް ހިނގާ ގޮތުގެ އެއްވެސް މަޢުލޫމާތެ ނޭނގޭ ހާލުގައެވެ.

ހަނިމާދޫ ޑްރަގް ޑިޓޮކްސިފިކޭޝަން ސެންޓަރަށް ފަރުވާ ހޯދުމަށް އައި ޑްރަގް އެޑިކްޓުންގެ ގިނަބަޔަކު ރަށުތެރޭގައި އެހެން މީހުންނެކޭ އެއްގޮތަށް މިނިވަން ކަމާއިއެކު އުޅެމުންދަނީ ކީއްވެގެން ކޮން އުސޫލެއްގެ ދަށުންކަން މިއީ ރަށުގެ ގިނަބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެކެވެ. ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. ވުމާއިއެކު އެއީ ކިހިނެއް ހިނގާކަމެއްތޯ އޮޅުންފިލުވަން ބޭނުންވާ ކިތަންމެ ބަޔަކު ރަށުގައި ތިބޭނެކަން ޔަޤީނެވެ. ލިޔުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް މިފަދަ ސެންޓަރުތައް ހިނގާގޮތުގެ މަޢުލޫމާތާއި އެކު އެކަމާއި މެދު ވިސްނައި ރަނގަޅު ގޮތުގައި އެކަންކަމާއި ކުރިމަތިލާން ހިތްވަރު ދިނުމެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ ޖުމްލަ ހަ ޑިޓޮކްސް ސެންޓަރު ހުންނައިރު ހަނިމާދޫ ސެންޓަރަކީ އޭގެތެރެއިން ރާއްޖޭގެ އުތުރުގައި ހުރި ހަމައެކަނި ސެންޓަރެވެ. މި ހުރިހާ ސެންޓަރުތަކެއް ވެސް ހިންގުމުގެ ބެލެނިވެރި ފަރާތަކީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އެވެ. ފަހަކަށް އައިސް އެންޑީއޭއިން ފުރިހަމަ ގޮތުގައި މައްސޫލިއްޔަތު އަދާނުކުރާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. މި ޝަކުވާތަށް ބޮޑުވުމާއި ގުޅިގެން ދާދިފަހުން އެ އެންޑީއޭގެ ބެލެނިވެރިކަން ވަނީ ހެލްތު މިނިސްޓްރީ ދަށަށް ބަދަލު ކޮށްފައެވެ.

ރާއްޖޭގައި މިފަދަ ސެންޓަރުތަކަށް ފަރުވާއަށް އަންނާނީ ޑްރަގް ކޯޓުން ފަރުވާއަށް ހުކުމް ކުރާ މީހުންނާއި އަމިއްލައަށް އެދިގެން ފަރުވާއަށް އަންނަ ފަރާތްތަކެވެ. ރާއްޖޭގައި ފަރުވާއަށް ހުކުމް ކޮށްފައިވާ އަށްސަތޭކައަށްވުރެ ގިނަ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން ފަރުވާ ނުފެށި މިހާރު ވެސް މުޖުތަމަޢުގައި އުޅެމުންދެއެވެ. ރާއްޖެތެރޭގައި ހުރި މިފަދަ ޑިޓޮކްސް ކޮންމެ ސެންޓަރެއްގެ ޖާގަ އަކީ ވެސް 12 އެވެ. މިކަމުން އެނގިގެންދަނީ މި ފަރުވާއަށް އެދި ޖާގަ ނެތުމުގެ ސަބަބުން ފަރުވާ ނުފެށިވެސް އެތައް ސަތޭކަ ބަޔަކު ތިބިކަމެވެ.

ފަރުވާއަށް ސެނޓަރަށް އައުމާއި ދިއުމުގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ އަންނަ ފަރާތުންނެވެ. ސެންޓަރަށް އައުމާއިއެކު ސެންޓަރުގައި ހުންނަ ހާއްސަ ޑޮކްޓަރުގެ ލަފާގެ ދަށުން އެ މީހެއްގެ ހަށިގަނޑުގައި މަސްތުވާތަކެތީގެ އަސަރު ހުރި މިންވަރާއި ހާލަތުބަލައި އެކަމުގެ ވިހަ ހަށިގަނޑުން ނައްތާލުމަށްޓަކައި އެކަމަށް ހާއްސަ ބޭސް ދޭނެއެވެ. ފުރަތަމަ ފަސް ދުވަސް ނުވަތަ ހަތް ދުވަހު ބޭސް ދިނުމަށް ފަހު މީހާގެ ހާލަތު އާންމު ހާލަތައް އައުމުން ސެންޓަރުން ގެންދާ ތަފާތު ކުލާސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދޭނެއެވެ.

ސެންޓަރުގައި އެންމެ ގިނަ ވެގެން ވެސް ހުރެވޭނީ 21 ދުވަހުއެވެ. އެ ހުންނަ ދުވަސްވަރު ހުރުމާއި ކެއުން ސެންޓަރުން ހަމަޖައްސައި ދޭނެއެވެ. ސެންޓަރުން ކަނޑައަޅާ ހާއްސަ ވަގުތެއްގައި ސެންޓަރުގެ ބެލުމުގެ ދަށުން ހަފްތާއަކު އެއްދުވަހު އެއް ގަޑިއިރަށް މޫދަށް އެރުމުގެ ފުރުޞަތު ދޭނެއެވެ. ސެންޓަރުން ފަރުވާ ހޯދަމުންދާ ދުވަސްވަރު ބަޔާންކުރެވިދިޔަ ހާލަތުގައި ނޫން އެއްވެސް ހާލަތެއްގައި ސެންޓަރުން ބޭރަށް ނުކުމެ ނޫޅެވޭނެއެވެ.

ޑިޓޮކްސިފިކޭޝަން ސެންޓަރުތައް ވެސް ހިންގަމުން ގެންދަނީ އެކަމަށް ޓަކައި ކަނޑައެޅިފައިވާ ހާއްސަ ޤަވާޢިދުތަކެއްގެ ދަށުންނެވެ. ކުރިން ވެސް ބަޔާން ކުރެވުނު ފަދައިން ފަރުވާ ހޯދަން އަންނަ ފަރާތެއް ސެންޓަރުގެ ބެލުމުގެ ދަށުގައި ބެހެއްޓޭނީ 21 ދުވަހުގެ މުއްދަތަށެވެ. އެއަށް ފަހު އޭނާ ސެންޓަރުން ދޫކޮށްލަން ޖެހޭނެއެވެ. ދޫކޮށްލުމުން ފުރައިގެން ދިޔުމުގެ ޚަރަދު ވެސް ކުރަން ޖެހޭނީ އެ ފަރާތަކުންނެވެ. އެ ހިސާބުން ސެންޓަރުގެ ބެލެނިވެރިކަމުގެ ދަށުން ކެނޑުނީއެވެ. ބޭނުންތަނަކަށް އެ މީހަކަށް ފުރައިގެން ދިޔުމުގެ ފުރުސަތު އެ ހިސާބުން ލިބިގެން ދާނެއެވެ. ބޭނުންނަމަ އެ ސެންޓަރު ހުރި ރަށުގައި ވެސް އޭނާއަށް މަޑު ކުރެވިދާނެއެވެ. ނަމަވެސް އޭނާ އެ މަޑުކުރާ ކުރުމާއި ސެންޓަރާއި އެއްވެސް ގުޅުމެއް ނޯންނާނެއެވެ.

ބައެއް މީހުންގެ ވަރަށް ބޮޑު ތުހުމަތެކެވެ. މިފަދަ ސެންޓަރުތަކުން އެ މީހުންނަށް މަސްތުވާތަކެތި ލިބެން ހުންނަ ކަމުގެ ތުހުމަތެވެ. ނަމަވެސް އެއީ އެއްވެސް ހަޤީޤަތެއްވާ އެކަމުގައި އެކުލެވޭ ތުހުމަތެއް ނޫނެވެ. ޑިޓޮކްސް ސެންޓަރުތަކުގައި އެއްވެސް މިންވަރަކަށް މަސްތުވާތަކެތި ލިބޭކަށް ނުހުންނާނެއެވެ.

ދެން ކުރިން ދެއްކި ވާހަކަތަކަށް ޖެހިލަމާ ހިނގާށެވެ. އޭރުން މި ސެންޓަރުތައް ހިނގަނީ ކޮން ގޮތަކަށް ކަން އޭރުން ވިސްނޭނެއެވެ. ހަނިމާދޫގެ ޑިޓޮކްސް ސެންޓަރަށް ފަރުވާއަށް އައި ޖުމްލަ އަށް މީހަކު މިވަގުތު ސެންޓަރުން ފަރުވާގެ މުއްދަތު ހަމަކުރުމަށް ފަހު ނުކުމެ ރަށުތެރޭގައި އުޅެމުން އެބަދެއެވެ. ރަށުގެ ތިން ގެއެއް ކުއްޔަށް ހިފައިގެންނެވެ. ތިން ސަރަހައްދެއްގައެވެ. މި މީހުން ވަޒީފާއެއް އަދައެއް ނުކުރެއެވެ. ނަމަވެސް ހޮޓާތަކުން ކައިގެން ކުލިދައްކައިގެން އުޅެމުން ގެންދަނީ ކޮންމެވެސް ގޮތަކުން ފައިސާވެސް ލިބޭތީތާއެވެ. މިއީ ކިހިނެއް އައިސް ކޮން އުސޫލެއްގެ ދަށުން ހަނިމާދޫގައި އުޅެމުންދާ ބައެއްކަން މިހާރު ސާފުވާނެ ކަމަށް އުންމީދުކުރަމެވެ.

ހަނިމާދޫގައި މަސްތުވާތަކެތި ބޭނުންކުރާ ޒުވާނުންގެ މެދުގައި ފޭރުމާއި މާރާމާރީ ހިންގުންފަދަ ކުށްތައް އަދި ނެތެވެ. ނަމަވެސް ސެންޓަރަށް ފަރުވާއަށް އައިސް ފަރުވާ ފުރިހަމަ ކުރުމަށް ފަހު ނުކުމެގެން އުޅޭ މީހުންގެ ތެރޭގައި މި ދެންނެވުނު ފަންތީގެ މީހުން ވެސް އެބަތިއްބެވެ. ރަށުގެ މަސްތުވާތަކެތި ބޭނުންކުރާ އާބާދީގެ ޒުވާނުން ފަހަތު ލައިގެން މިވަގުތު މި މީހުން އުޅެމުންދާއިރު މިހާރު ވެސް މި މީހުންގެ ސަބަބުން މިތަނުގައި ނެތް ގޯސް ކަންކަން ދަނީ ތަޢާރަފް ވަމުންނެވެ. ދާދި މިދާކަށް ދުވަހު ހޮޓާތަކާއި ބައެއް ފިހާރަތަކުން ވިޔަފާރިކޮށް ފޭކް ސްލިޕް ފޮނުވި މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ.

ދުރުން އައިސް ތިބި ބައެއް ނަމަވެސް މިހާރު އެ މީހުން ހަނިމާދޫގައި އުޅެމުންދަނީ ދުރާލައި އެކަމަށް ތައްޔާރުވެގެން އައިސް އޭ ވެސް ބުނެވިދާނެއެވެ. އުޅެމުންދަނީ އަމިއްލަ ސައިކަލުގައެވެ. މި މީހުންގެ ސަބަބުން ހަނިމާދޫގެ މަސްތުވާ ތަކެތީގެ ނެޓްވޯކް ބޮޑުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އައު ވައްތަރުގެ ކުށްތައް މި މީހުންގެ ފުށުން ތަޢާރަފްވެގެން ދިއުމަކީ ވެސް ވުން އެންމެ ގާތްގޮތެވެ. މިއީ ނުރައްކަލުގެ ރަނގަބީލެކެވެ. ވިސްނާށެވެ. އެބައެއްގެ ރަށުގެ މުޖުތަމަޢު ހިމާޔަތް ކުރުމަށް ދުރުން އެހެން ބަޔަކު ނާންނާނެއެވެ. އުސޫލުގެ ތެރެއިން މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުމަކީ އެންމެންގެ ޒިންމާއެއް ކަމުގައި ދެކެމާ ހެއްޔެވެ.