ދޭތެރެ ދޭތެރެއިން ހޯމް ކަރަންޓީނުގައި ތިބޭ މީހުން ޕޮޒިޓިވްވި ނަމަވެސް، ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނު އުސޫލުތަކަށް ތަބާވެތިބުމާއި، ކަމާގުޅުންހުރި ފަރާތްތަކުން އެފަދަ މީހުންގެ ކަންކަން ކައިރިން ބަލަމުންދާތީއާއިއެކު ދިއްދޫ އޮތީ މާބޮޑު ހާސްކަމެއްނެތިއެވެ.
ނަމަވެސް ހުސްވި މޭމަހުގެ 1 ވަނަ ދުވަސް ވެގެން ދިޔައީ މުޅި ދިއްދޫ ސިހުނު ދުވަހަކަށެވެ. އެ ދުވަހަކީ އެރަށު ފްލޫ ކުލިނަކަށް ދެއްކި މީހަކު ކޯވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އެ މީހާއަކީ ފަހުގެ ތާރީޚެއްގައި ރަށުން ބޭރަށް ދަތުރެއްވެސް ނުކޮށް ހުރިމީހެއްކަމުން ރައްޔިތުންނަށް ގެނުވި ހާސްކަން ބޮޑުވިއެވެ.
ބައެއް ޕޮޒިޓިވް ކޭސްތަކާ ގުޅިގެން ދިއްދޫވަނީ އޭގެ ކުރިން ވެސް ކުރު ފުރަބަންދުގެ ހާލަތްތައް ތަޖުރިބާ ކޮށްފައެވެ. ނަމަވެސް މިފަހަރު ދިއްދޫ ރައްޔިތުންނަށް ކުރިމަތިވި ހާލަތު ދިޔައީ ބަދަލުވެގެންނެވެ.
ދިއްދޫ ފުރަބަންދަށް
ޓްރެވަލް ހިސްޓްރީއެއް ވެސް ނެތް އެ މީހާ ދިއްދޫ ފްލޫ ކްލިނިކަށް ދެއްކީ ބަލީގެ އަލާމާތް ފެނިގެންނެވެ. އޭނާ ޕޮޒިޓިވްވިކަން އެނގުނީ މެއި 1 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
އޭނާ ޕޮޒިޓިވްވުމުން އެދުވަހުގެ ރޭ އިރާކޮޅު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ދިއްދޫ ފުރަބަންދުގެ ހާލަތަށް ގެނައެވެ.
ޖެހިގެންއައި ދުވަހުގެ ރެއަކީ ދިއްދޫ ރައްޔިތުންނަށް އިތުރު ހާސްކަން ގެނުވި ރެއެކެވެ. ފްލޫ ކްލިނަކަށް ދެއްކުމުން ޕޮޒިޓިވްވި މީހާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ދެނެގަނެވުނު 28 މީހުންގެ ތެރެއިން 14 މީހަކު ބައްޔަށް ޕޮޒިޓިވްވީއެވެ. އެހިސާބުން ރަށުތެރޭގައި ކޯވިޑް ފެތުރިފައިވާކަން ޔަގީންވީއެވެ.
އިތުރުބަޔަކު ޕޮޒިޓިވްވުމުން މެއި 2 ވަނަ ދުވަހު އިތުރު 121 މީހެއްގެ ސާމްޕަލް ނެގިއެވެ. މެއި 3 ވަނަ ދުވަހު އެމީހުންގެ ތެރެއިން ނަތީޖާއަތަށް ލިބުނު 6 މީހެއް ޕޮޒިޓިވްވެ އެރަށުގެ ނަންބަރު 21 އަށް އުފުލުނެވެ.
ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން އެރަށުން ދިޔައީ ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލާއި، ރެންޑަމް ސާމްޕަލް ނަގަމުންނެވެ. ޕޮޒިޓިވް ކޭސްތައް ފެންނަމުން ދިޔަ ނަމަވެސް އެޅުނު ފިޔަވަޅުތަކުގެ ސަބަބުންނާއި، ހާލަތުން އަރައިގަންނަން ކުރެވުނު މަސައްކަތުގެ ސަބަބުން މެއި 21 ގެ ފަހުން ޕޮޒިޓިވް ކޭސްތައް ފެންނަލެއް ވަރަށް ބޮޑަށް ދަށަށް ދިޔައެވެ.
ދިއްދޫ ފުރަބަންދުގެ ހާލަތުގައި، ފެންނަނީ ހަމަހިމޭންކަން
ކައުންސިލުން ވަރުގަދަ ފިޔަވަޅުތަކެއް އެޅުން
ދިއްދޫގައި ކޯވިޑްބަލި ހަލުވިކަމާއެކު ފެތުރެމުންދާތީ ސިއްހީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް، ހެލްތް އެޗްޕީއޭއިން އެ ރަށް މޮނިޓަރިންއަށް ލާފައިވުމުމާއެކު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިއްދޫ ކައުންސިލުން ވަރުދަދަ ފިޔަވަޅުތަކެއް އެޅީ މެއި 6 ވަނަ ދުވަހުއެވެ. 14 ދުވަހަށް އެޅި އެ ފިޔަވަޅުތައް ފަހުން ވަނީ މެއި 29 ނިޔަަލަށް އިތުރުވެސް ކޮށްފައެވެ. އަދި މެއި 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް އެރަށުގައި ބައެއް ގަޑިތަކުގައި ކާފިއު ހިންގައި އިތުރަށް ފިޔަވަޅުތައް ވަރުގަދަ ކުރިއެވެ.
ހިތާމަވެރި ދުވަހެއް، ކޯވިޑް ބަލީގައި މީހަކު ނިޔާވުން
މެއި 15 ވަނަ ދުވަހަކީ ދިއްދޫއަށް ކުރިމަތިވި ހިތާމަވެރި ދުވަހެކެވެ. އެދުވަހު ވަނީ ކޯވިޑަށް ޕޮޒިޓިވްވެގެން ހޯމް ކަރަންޓީނުގައި ހުރި އެރަށުގެ ދޮށީ އުމުރު މީހަކު މިދުނިޔެ ދޫކޮށްފައެވެ.
އެ މީހާއަކީ، އުމުރުން 83 އަހަރު އަންހެނެކެވެ.
އެޗްޕީއޭއިން ދިއްދޫގައި ހާއްސަ ފިޔަވަޅުތަކެއް އަޅަން އެންގުން
ދިއްދޫ ކައުންސިލުން ބައެއް ގަޑިތަކުގައި އެރަށުގައި ކާފިއު ހިންގައި، ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވަނިކޮށް، އެޗްޕީއޭއިން ވެސް ވަނީ އެރަށުގައި ބައެއް ގަޑިތަކުގައި ކާފިއު ހިންގައި ފިޔަވަޅުތައް އަޅަން އަންގާފައެވެ.
އެޗްޕީއޭއިން މި އެންގުން އެންގީ ކޯވިޑް ބަލީގައި އެރަށުން މީހަކު ނިޔާވިތާ އެއް ދުވަސް ފަހުން، މެއި 16 ވަނަ ދުވަހުން ފެށިގެންނެވެ.
ސިއްހީ ހިދުމަތްތެރީންނާއި، އިސް ސަފުގެ ހިދުމަތްތެރީންގެ މިންނެއް މަސައްކަތް
ދިއްދޫއަށް ކުރިމަތިވި މި ނާޒުކް ހާލަތުގައި އެންމެ ބޮޑު ގުރުބާނީއެއްވީ އެއް ބަޔަކީ އެރަށުގެ ސިއްހީ ހިދުމަތްތެރީންނާއި، އިސް ސަފުގެ ހިދުމަތްތެރީންނެވެ. އެ ފަރާތްތައް ވަނީ ރެޔާ ދުވާލު އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތުގައި ދެމި ތިބެފައެވެ. ހާލަތުން އަރައިގަތުމަށް ކުރާންޖެހުނު ހުރިހާ މަސައްކަތެއް ކޮށްފައެވެ. ދަނީ ކުރަމުންނެވެ.
ދިއްދޫގެ އިސްސަފުގެ ބައެއް ސިއްހީ ހިދުމަތްތެރީން މަސައްކަތަށް ތައްޔާރުވެގެން
ހއ. އަތޮޅު ހޮސްޕިޓަލް، ހިދުމަތުގައި އަވަދިނެތި
ދިއްދޫއަށް ދިމާވި ކޯވިޑްގެ ހާލަތުގައި ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން އަދާކުރަމުންދާ ދައުރަކީ ދިއްދޫގެ ކޮންމެ ރައްޔިތަކުމެ ޝުކުރުވެރިކަމާއެކު ބަލައިގަންނާނެ ދައުރެކެވެ. ހާލަތު މެނޭޖްކޮށް، ރައްޔިތުންގެ ސަލާމަތަށްޓަކައި އެ ހޮސްޕިޓަލުން ލިބެންހުރި ވަސީލަތެއް ބޭނުންކޮށްގެން ކުރަމުން ދަނީ ބުރަ އަދި އެހާމެ އުނދަގޫ ވެސް މަސައްކަތްތަކެވެ.
އެރަށުގައި ކަރަންޓީނުގައި ތިބޭ ހުރިހާ މީހުންނަށް ހޮސްޕިޓަލުން ކޮންމެ ދުވަހު ގުޅައި އެމީހުން ހާލު ބަލައެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އުޘްމާން އަޝްރަފް ވިދާޅުވަނީ، އެ ހޮސްޕިޓަލްގެ ބުންވަރަކީ ހީވާގި މުވައްޒަފުންކަމަށެވެ. ލިބޭ ހިތްވަރަކީ ދިއްދޫގެ ރައްޔިތުންގެ ސަޕޯޓާއި، އެއްބާރުލުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"މި މަސައްކަތުގައި މި ހޮސްޕިޓަލްގެ ހީވާގި މުވައްޒަފުންގެ މިންނެތް މަސައްކަތް އަޅުގަނޑު ފާހަގަ ކުރަން، މިހާލަތުން އަރައިގަތުމަށް އެ ބޭފުޅުން އެ ކުރަށްވަނީ އާދަޔާ ޚިލާފް ހިތްވަރެއް، އެވަނީ ވަރަށް ބޮޑު ގުރުބާނީއެއް" އަޝްރަފް ވިދާޅުވިއެވެ.
ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަހީދު ރަށުގެ ހާލަތު ވަރަށް ކައިރިން ބައްލަވަމުން ކަމަށް ވެސް އަޝްރަފް ވިދާޅުވިއެވެ. އަދި ދިމާވާ ދަތިތައް ހައްލުކުރުމަށް މެންބަރުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އެމަސައްކަތުގައި ދާއިރާގެ މެންބަރަކާއި، ހއ. އަތޮޅު ކައުންސިލާއި، ދިއްދޫ ކައުންސިލުންނާއި، ދިއްދޫ ޕޮލިހުންނާއި، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުންނާއި އަދި މިނޫން ވެސް އެ ހޮސްޕިޓަަލަށް އެއްބާރުލުން ދެއްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރަށްވާ ކަމަށެވެ.
ކޭސްތައް ދަށްވުން، ދިއްދޫ ރައްޔިތުންގެ ކެތްތެރިކަމުގެ ނަތީޖާ
ދިއްދޫ ކައުންސިލްގެ ރައީސް އަބުދުﷲ ރަޝީދު ފާހަގަކުރެއްވި ގޮތުގައި ދިއްދޫގައި ކޯވިޑް ކޮންޓްރޯލް ކުރެވި، ކޭސްތައް ދަށް ކުރެވުމުގެ އަސްލަކީ ދިއްދޫ ރައްޔިތުންގެ ކެތްތެރިކަމާއި، އެ ރައްޔިތުންގެ ކިޔަމަންތެރިކަމެވެ.
"ރަށް މޮނިޓަރިންނަށް ލެވުމާއެކު ފުރަތަމަ ދުވަހުންފެށިގެން ރައްޔިތުން ދިޔައީ އެޗްޕީއޭގެ އުސޫލުތަކަށާއި، ކައުންސިލާއި، ހޮސްޕިޓަލާއި، ފުލުހުންނާއި މިނޫންވެސް ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ އެންގުންތަކަށް ކިޔަމަންވަމުން، މިއީ ވަރަށް ބަސްއަހާ ރަށްޔިތެއް، ކޭސްތައް ފެންނަ މިންވަރު މިވަނީ ވަރަށް ބޮޑަށް މަދުވެފައި، މިއީ ރައްޔިތުންގެ ބަސްއެހުމުގެ ނަތީޖާ" އަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރަށް ފުރަބަންދުގެ ހާލަތަށް ލުމުން ރަށުގެ ސިއްހީ ޚިދުމަތްތެރީން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަ ކުރަށްވާ ކަމަށެވެ.
"ބަލި މީހުންގެ ހާލު ބަލައި ހެދުމުގައި އެކުރަނީ ވަރަށް ބޮޑު މަސައްކަތެއް، ކޮންމެ ގެޔަކަށް ވަކިވަކިން ޒިޔާރަތްކޮށް، ގުޅައި ހަދާނެ، ރައްޔިތުންގެ ހާލުބަލައި ވަރަށް ރަނގަޅު މަސައްކަތެއް އެކޮށް ދެއްވަނީ" ޢަބުދުﷲ ރަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިހާލަތުން ވީހާވެސް އަވަހަކަށް އަރައިގަތުމަކީ ދުޢާކަމަށާއި، އެއީ ދިއްދޫއާއި އަތޮޅުގެ ރައްޔިތުންގެ ދުޢާ ކަމަށް ވެސް ގަބޫލު ކުރަށްވާ ކަމަށެވެ. ދިއްދޫ ފުރަބަންދުގައި އޮންނަ ކޮންމެ ދުވަހަކީ އަތޮޅުގެ ރައްޔިތުންނަށް ވެސް ވަރަށް ދަތިވާނެ ދުވަހެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ދިއްދޫއަކީ ސިޔާސީ ވާދަވެރިކަމު ތެރެއިން ވެސް، ކުރިމަތިވާ މިފަދަ ހާލަތްތަކަށް އަބަދުވެސް އަޚުވަންތަކަން އިސްކުރާ ރައްޔިތެއް ދިރިއުޅޭ ރަށެކެވެ. މިހާލަތުގައި އެރަށުން އެ ފެންނަނީ އެ މަންޒަރެވެ. އެކުވެރިކަމާއި، ކުލުނާއި ލޯތްބެވެ.
މުޅި އަތޮޅަށް ވެސް ދަތި ހާލަތެއް
ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަންކުރާ ރަށެވެ. ހއ. އަތޮޅު ހޮސްޕިޓަލްގެ ޚިދުމަތާއި، ބޭންކުގެ ޚިދުމަތާއި އަދި މިނޫން ވެސް އެތައް ޚިދުމަތްތަކެއް ލިބެންހުންނަ ރަށެކެވެ. ހއ. އަތޮޅުގެ ރައްޔިތުންގެ އިތުރުން ހދ. އަތޮޅުގެ އުތުރު ބިތުގެ ރަށްތަކުގެ ރައްޔިތުން ވެސް ގިނަ ޚިދުމަތްތަކެއް ހޯދަން ދިއްދޫއަށް ދަތުރުކުރެއެވެ.
ކޯވިޑްގެ ހާލަތުގެ ސަބަބުން ދިއްދޫ ފުރަބަންދަށް ދިޔުމުން، އެ ރަށްޔިތުންނަށް ވެސް ވަނީ ބޮޑު ދައްޗަކާއި ކުރިމަތިވެފައެވެ. ޚިދުމަތްތައް ހޯދަން ކުރާންޖެހޭ ޚަރަދު އިތުރުވެ، ނޫނީ ޚިދުމަތްތަކުން ހޯދުމަށް ހުރަސްތަކާ ކުރިމަތިވެފައެވެ. ދެން އެރަށްޔިތުންނަށް އޮތް އަނެއް މަގު ކަމަށްވާ ކުޅުދުއްފުށީ ސިޓީވެސް މެއި މަހުތެރޭ ދެ ފަހަރަކަށް ފުރަބަންދު ކުރުމުން ރިހޭފައިމައްޗަށް ފޮއިވެއްޓޭ ހާލަތުވެސް އެރަށްޔިތުންނަށް ވަނީ ތަޖުރިބާ ކުރަން ޖެހިފައެވެ.
ގުޅިގެން އެއް އަޒުމެއްގައި
ކޯވިޑްގެ ހާލަތުން އަރައިގަތުމަށް ދިއްދޫ ރައްޔިތުންނާއެކު ދިއްދޫގެ މުއައްސަސާތައް ދައްކަމުންދާ އެއްބައިވަންތަކަމާއި، ހިތްވަރު ވެސް ފާހަގަކޮށްލަން ޖެހެއެވެ. މިގޮތުން ދިއްދޫ ދާއިރާގެ މެންބަރު އަބުދުﷲ ވަޙީދު ހިމެނޭހެން ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލާއި، ހއ. އަތޮޅު ކައުންސިލާއި، ދިއްދޫ ކައުންސިލާއި، ދިއްދޫ ޕޮލިސް ސްޓޭޝަނާއި، ހއ. އަތޮޅު ތައުލީމީ މަރުކަޒާއި އަދި އެހެނިހެން ދިއްދޫގައި ހުރި މުއައްސަސާތަކާއި، ޖަމިއްޔާތަކުން ދަނީ މިކަމުގައި ފުރިހަމައަށް ބައިވެރިވެ މަދަދު ދެމުންނެވެ.
ދިއްދޫގެ ބަލީގެ ހާލަތު
ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ދިއްދޫގެ ކޯވިޑް ބަލީގެ ހާލަތު އަންގައިދޭ އެންމެ ފަހުގެ މައުލޫމާތު އާންމު ކުރަށްވާފައި ވަނީ ހުސްވި މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. އެ މައުލޫމާތުން ފެންނަ ގޮތުގައި އެރަށުން ޕޮޒިޓިވްވި 135 މީހުންގެ ތެރެއިން 110 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މެއި 1 ވަނަ ދުވަހުގެ ކޭހާއި ގުޅިގެން ފެނުނު ކޭސްތަކުގެ އިތުތުރުން ހޯމްކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުންވެސް ހިމެނެވެ.
މެއި 29 ގެ ނިޔަލަށް އެރަށުގައި ތިބީ ކޯވިޑް ބަލީގެ 27 މީހެކެވެ. އެކަކު ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރ (ށ. އަތޮޅު ހޮސްޕިޓަލް/ށ.ފުނަދޫ)އަށް ބަދަލުކުރެވިފައިވާއިރު، ހައިޑެވޭ ރިސޯޓުން ގެނެވިފައިވާ ކޯވިޑް ބަލިމީހެއް ވެސް އެރަށުގައި މިވަގުތު އެބަތިއްބެވެ.
ދިއްދޫއިން މެއި 30 ވަނަ ދުވަހު ވަނީ 155 ރެންޑަމް ސާމްޕަލެއް ނަގާފައެވެ. އޭގެ ކުރީން 1748 ސާމްޕަލެއް ނަގާފައި ވުމުން އެރަށުން ޖުމްލަ 1903 ސާމްޕަލެއް ވަނީ ނަގާފައެވެ.
ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާގެ އިންތިޒާރުގައި
ދިއްދޫއިން ނަގާ ސާމްޕަލްތައް އާންމުގޮތެއްގައި ފޮނުވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. ނަމަވެސް މިފަހަރު ކަން ދިމާވިގޮތުން، މެއި 30 ވަނަ ދުވަހު ނެގި ރެންޑަމް ސާމްޕަލްތައް ފޮނުވީ މާލެ އަށެވެ.
ދިއްދޫ މިހާރު އިންތިޒާރުކުރަނީ އެ ސާމްޕަލް ތަކުގެ ނަތީޖާއަށެވެ. އެ ނަތީޖާއިން އެރަށްޔިތުން ވީހާވެސް އަވަހަކަށް ފުރަބަންދުން ވީއްލޭނެ ހާލަތެއް އައުމަކީ އެ ރަށްޔިތުންގެ އުންމީދެވެ. ކޯވިޑް ބަލިމަޑުކަމުން ރައްކާތެރިކަން ލިބެމުންދާކަން ކަށަވަރު ވުމަކީ ވެސް އެރަށްޔިތުންގެ އުންމީދެވެ.
ދިއްދޫ ރައްޔިތުންނަށް ވީހާވެސް އަވަހަކަށް އެ ހާލަތުން އަރައިގަނެވޭނެ ގޮތްވުމީ ހއ. އަތޮޅާއި އަޅުގަނޑުމެންގެ ވެސް ދުޢާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!