އިއްޔެގެ ނިޔަލަށް ހދ. އަތޮޅުގެ 7 ރަށެއްގައި ކޯވިޑް ބަލީގެ 87 އެކްޓިވް ކޭސް އެބަތިބި ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ.

މިގޮތުން އެ ހޮސްޕިޓަލް އާންމު ކުރެއްވި މައުލޫމާތަށް ބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓީވްވެފައިތިބީ ހދ. ނޭކުރެންދޫގަ އެވެ. އެގޮތުން އިއްޔެ ނޭކުރެންދޫން ވަނީ އަލަށް 16 މީހަކު ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ފުރަބަނދުގައި ހުރި އެކަކާއި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޕޮޒިޓިވްފައިވާ 15 މީހަކު ހިމެނެއެވެ. މިއާއި އެކު އެރަށުގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ 51 އަށް އަރާފައެވެ.

Ad
rt

ހދ. އަތޮޅުގެ އިތުރު ރަށަކުން އިއްޔެ އިތުރު ޕޮޒިޓިވް ކޭސްއެއް ފެނިފައެއް ނުވެއެވެ. ނޭކުރެންދޫގެ އިތުރުން މިވަގުތު ހދ. އަތޮޅުގައި އެކްޓިވް ކޭސް އެންމެ ގިނައިން ތިބީ ހދ. ކުޅުދުއްފުށި ސިޓީއާއި ހދ. މަކުނުދޫގައެވެ. އެދެރަށުގައި ބައްޔަށް ޕޮޒިޓިވްވެފައިވާ 10 މީހުން އެބަތިއްބެއެވެ. މީގެ އިތުރުން ހދ. ހަނިމާދޫގައި ކޯވިޑް ބަލީގެ 8 މީހަކު މިވަގުތު އެބަތިއްބެވެ. ހދ. ފިނޭގައި 5 މީހަކު އަދި ވައިކަރަދޫގައި 3 މީހަކު އެބަތިއްބެވެ.

އަތޮޅުތެރޭގައި އިއްޔެ 105 ސާމްޕަލް ވަނީ ނެގިފައެވެ. އޭގެ ތެރޭގައި ފުރަބަނދުގައިވާ 14 މީހަކާއި، ކޮންޓެކްޓް ޓްރޭސިންގެ 79 މީހަކާއި، ފުލޫކްލިނިކް އަށް ދެއްކި 10 މީހުންގެ އިތުރުން ރެންޑަމް 1 ސާމްޕަލް ހިމެނެއެވެ.

މިއަތޮޅުގައި މިވަގުތު ރަށުތެރޭ ބަލި ފެތުރެމުންދާ ކަމަށް ބެލެވިފައިވަނީ ނޭކުރެންދޫގައި އެކަންޏެވެ. އެރަށް އޮތީވެސް މޮނިޓަރިން ހާލަތުގައެވެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެފަހުން ޢާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00އިން ހޯމަ ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން އިތުރު 710 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 488 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 202 މީހުންނާއި ހަދަމުންދާ ރިޒޯޓްތަކުން ޕޮޒިޓިވްވި 15 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 5 މީހުންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 64،396އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން އަންނައިރު މިބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 24،109 އަށްތިރިވެފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދަނީ 218 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެތެރޭގައި 803 މީހުން ވަނީ މިބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން މުޅިން ރަނގަޅުވި މީހުންގެ ޢަދަދުވަނީ 40،117 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިދެނެގަތުމަށް 5،310 ސާމްޕަލެއްވަނީ ކޯވިޑް-19އަށް ޓެސްޓުކޮށްފައެވެ. ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 161 މީހުންވަނީ ނިޔާވެފައެވެ.