ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އަތޮޅު ތެރޭގެ ހާލަތު މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުންވަނީ ނިންމަވާފަ އެވެ.

އެގޮތުން މިނިސްޓްރީ އިފް ހެލްތްއިން މިނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އުތުރުގެ 3 އަތޮޅަށް މިހާރު ހާލަތު މޮނީޓަރ ކުރުމަށް މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ކަނޑައަޅާފައިވާކަމަށެވެ.

Ad
rt

އެގޮތުން ހއ. އަތޮޅަށް ކަނޑައަޅުއްވާފައިވަނީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޢާއިޝަތު ޢާޠިޔާ ނަޞީރު އެވެ. ހދ. އަތޮޅަށް ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް ޓޫރިޒަމްގެ ނައިބު އަޙްމަދު ޢާޠިފް އެވެ. ށ އަތޮޅަށް ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑޮކްޓަރ ޢަބްދުﷲ ރަޝީދު އަޙްމަދު އެވެ.

ހއ. އަތޮޅަށް ކަނޑައެޅުއްވި ޢާއިޝަތު ޢާޠިޔާ ނަޞީރަކީ ފުވައްމުލަކު ސިޓީގެ ބޭފުޅެކެވެ. މީގެ އިތުރުން ހއ. ބާރަށު ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ ގެ އަނބިކަބަލުންނެވެ. ހދ. އަތޮޅަށް ކަނޑައެޅުއްވި އަހްމަދު އާތިފް އަކީ ކުރިން ހދ އަތޮޅު ކައުންސިލުގެ ރައީސްކަމާއި ނައިބު ރައީސްކަން ވެސް ކުރައްވާފައިވާ ހދ. ކުޅުދުއްފުށި ސިޓީގެ ބޭފުޅެކެވެ. ށ. އަތޮޅަށް ކަނޑައެޅުއްވި ޑޮކްޓަރ ޢަބްދުﷲ ރަޝީދަކީ ފުވައްމުލަކު މާދަޑު ބޭފުޅެކެވެ.

ހެލްތު މިނިސްޓްރީން މީގެ ދެދުވަސްކުރިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަތޮޅުތެރޭގެ ރަށްރަށުގައި މި ބަލި ފެތުރުން އިންތިހާއަށް އިތުރުވުމާއި އެކު ހާލަތު މޮނީޓާކޮށް އިތުރަށް ހަރުދަނާކޮށް، ކޮންމެ އަތޮޅެއްގެ ކޯޑިނޭޝަން ވަރުގަދަ ކުރުމަށް ކޮންްމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެެވެ.

މިފަރާތްތަކުން ކައުންސިލް އަދި ޓާސްކުފޯސްތަކާ ގުޅިގެެން މަސައްކަތްްކުރާނީ އަތޮޅުގައި ކޯވިޑް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިކަންކަމަށް ދިމާވާ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެެންޓަރ (އެޗްއީއޯސީ)އާއި އަދި އެހެނިހެން ކަމާބެހޭ އިދާރާތަކަށް ހިއްސާކުރެއްވުމަށް ކަމަށް ބަޔާނުގައި ވަނީ ވިިދާޅުވެެފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މިއީ ކޯވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު މޮނީޓާކޮށް އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެފައި ވާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކޯވިޑް ފެތުރި، 70 އަށް ވުރެ ގިނަ ރަށް މިހާރުވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރަށްތަކުގައި ކާފިއު ހިންގައި ވަރުގަދަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.