ށ. މިލަންދޫގައި ކޯވިޑް-19 ބަލި ފެތުރިފައިވޭތޯ ބެލުމަށް ނެގުނު 100 ރެންޑަމް ސާމްޕަލް ވެސް ނެގެޓިވްވެއްޖެއެވެ.
މިލަންދޫ ކައުންސިލްގެ ރައީސް އަބުދުﷲ އާތިފް "ތިލަދުން"އަށް ވިދާޅުވީ، އެރަށުން ނެގި 100 ރެންޑަމް ސާމްޕަލްގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށެވެ.
"މިވަގުތު ބަލި ޖެހިފައި ތިބި 26 މީހަކު މިރަށުގައި އެބަތިބި، އެމީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލަކުން ޕޮޒިޓިވި މީހަކު ނުހިމެނޭ،" އާތިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ 26 މީހުންގެ ތެރޭގައި ހިމެނެނީ ހޯމް ކަރަންޓީނު ނިންމާ ސާމްޕަލް ނެގިއިރު ޕޮޒިޓިވްވި މީހުންނާއި، ކަރަންޓީނުގައި ތިއްބާ އަލާމާތް ފެނިގެން ޓެސްޓް ކުރިއިރު ޕޮޒިޓިވްވި މީހުންނާއި އަދި އެމީހުންނާއި ގުޅިގެން ނެގުނު އިތުރު ސާމްޕަލްތަކުން ޕޮޒިޓިވްވި މީހުންނެވެ. މީގެ އިތުރުން ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި ކުއްޖާ ވެސް އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެއެވެ.
މިލަންދޫ ސިއްހީ މަރުކަޒުގެ ފްލޫ ކްލިނިކަށް ދެއްކި ކުޑަކުއްޖަކު ކޯވިޑަށް ޕޮޒިޓިވް ވުމުން، އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ މެއި 20 ވަނަ ދުވަހުގެ 18:01 އިން ފެށިގެން އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!