ހދ. ކުޅުދުއްފުށި އެއާޕޯޓަށް ލަފާފުރުވުމަށް އާންމުން ދިއުން މަނާކޮށްފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާއިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، އެއާޕޯޓަށް މީހުން ލަފާފުރުވުމަށް އާންމުން ދިއުމަކީ މަނާކަމެއް ކަމުގައި ކުޅުދުއްފުށި ސިޓީގެ ކޮވިޑް-19 ޓާސްކްފޯސްގެ ފަރާތުން ނިންމާފައިވާކަމަށެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި މާލެއިން ކުޅުދުއްފުށި ސިޓީއަށް ދަތުރުކޮށް ހޯމްކަރަންޓީން ފުރިހަމަކުރުމުގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓީވް ވެފައިވާ ކޭސްތަކެއް ފެނިފައިވުމުންކަމަށް އެއިޢުލާނުގައި ބުނެފައި ވެއެވެ.
މިދުވަސްވަރަކީ މާލެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑް-19 ރޯގާ ހަލުވިކަމާއެކު ފެތުރެމުންދާ ދުވަސްވަރަކަށްވާތީ ކުޅުދުއްފުށީގައި ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި ނަމަވެސް މި މަސައްކަތްތަކުގެ ނަތީޖާ އެންމެ އެދެވޭގޮތެއްގައި ފެންނާނީ ރައްކާތެރިވެ ތިބުމަށް އެންމެން އެކުގައި މަސައްކަތް ކޮށްގެންކަން ފާހަގަކުރާކަމަށް އެއިޢުލާނުގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާކަމަށް ބުނެފައިވެއެވެ.
މާލޭގައި ކޮވިޑް ކޭސްތައް އިންތިހާއަށް ގިނަވެފައިވާ މިދުވަސް ވަރު މާލެއިން ރަށްރަށަށް ދަތުރުކުރާ ގިނަ ފަރާތްތަކެއް އަންނަނީ ޕޮޒިޓިވްވަމުންނެވެ.
ކުޅުދުއްފުށި ސިޓީއިންވެސް މިދަފަ ކޭސްތަކެއްވަނީ ފެނިފަ އެވެ. މިހާރުވެސް މިބައްޔަށް ޕޮޒިޓިވްވެފައިވާ 12 ފަރާތެއް އެރަށުގައި އެބަތިއްބެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!