ހިޔާ ފުލެޓު ލިބުނު ފަރާތްތަކުން، ފުލެޓުތައް ލިބުން ލަސްވާތީ، ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާ ޕެޓިޝަން ގައި ގިނަބަޔަކު ސޮއިކުރަމުން އެބަދެއެވެ.

މިޕެޓިޝަނަކީ ހިޔާ ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ބަޔަކު އިސްނަގައިގެން، "ހިޔާ ފްލެޓު ޔޫނިއަން" ގެ ނަމުގައި ކުރިއަށްގެންދާ ޕެޓިޝަނެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

Ad
rt

މިޕެޓިޝަނުގައި ބުނެފައިވާގޮތުން ހައުސިންގް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ވަނީ ގިނަ ފަރާތްތަކަކަށް ފުލެޓު ނަންބަރުތައް ވެސް ދީފައިވާކަމަށައި މިހާ ހިސާބަށް މި އާދެވުނީ ވެސް ދިގުލައިގެން ދިޔަ އިންތިޒާރުތަކަކަށް ފަހުގައި ކަމަށާއި ކޮވިޑުގެ ހާލަތާ ގުޅިގެން ބައެއް މީހުންގެ މި އިންތިޒާރުގައި ކެތްތެރިކަން ކުޑަވެ ގޮތްހުސްވާ ހިސާބަށް ވެސް ކަންކަން ގޮސްފައިވާކަމަށް ބުނެފައިވެއެވެ.

މި ޕެޓިޝަނުގެ ހުށަހެޅުމުގެ މަޤްސަދަކީ ހިޔާ ފުލެޓުގެ ކަންކަން ދެން އިތުރަށް ލަސްނުވެ، ވީހާ އަވަހަކަށް، ފުލެޓު ޙަވާލުކޮށްދެއްވުން އެދުމަށާއި، ފުލެޓުތަކުގައި ދިރިއުޅެން ފެށުމުގައި ހުރި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެދި ގޮވާލުމަށް ޓަކައި، ފުލެޓު ލިބިފައިވާ ފަރާތްތަކުން ރައީސުލްޖުމުހޫރިއްޔާއަށާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކަށް ހުށަހަޅާ އަންގައިދިނުން ކަމަށް ބުނެފައިވެއެވެ.

މި ޕެޓިޝަން ހުށަހެޅުމުގައި މައިގަނޑު 5 ނުކުތާއެއްވަނީ ފާހަގަކޮށްފަ އެވެ.

1. ސަރުކާރުން މިހާރު ވިދާޅުވެފައިވާ ގޮތަށް ޖޫން 2021 ގެ ނިޔަލަށް ފުލެޓުތަކަށް ވަދެވޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދި އިލްތިމާސްކުރުން.
2. ހިޔާ ފުލެޓުތަކުގެ ޑައުން ޕޭމަންޓާއި، ފިނިޝިންގް މަސައްކަތާއި، އަދި މި މަސައްކަތްތަކަށް ބޭނުންވާ ލޯނާއި، މަހުކުއްޔާ ގުޅިގެން، ކަންބޮޑުވުންތައް.
3. ފުލެޓު ލިބިފައިވާ ދެ ފަރާތަކުން ބޭނުންވެއްޖެ ޙާލަތެއްގައި ފުލެޓުތައް ބަދަލުކުރުމުގެ ފުރުސަތު ފުލެޓު ލިބުނު ފަރާތްތަކަށް ހުޅުވާލައި، އެކަމާބެހޭ އުސޫލު ޢާއްމުކޮށްދެއްވުން. އަދި މިކަމަށް ޓަކައި އެކަށޭނަ އަދި ފަސޭހަ، ޓެކްނޮލޮޖީއާ ރައްޓެހި ނިޒާމެއް ޤާއިމްކޮށްދެއްވައިފި ނަމަ، ދައުލަތަށާއި ފުލެޓުތައް ބަދަލުކުރަން އެދޭ ފަރާތްތަކަށް ވެސް ލުއިފަސޭހަކަން ލިބޭނެކަން.
4. ފުލެޓުތަކަށް ދިރިއުޅުން ބަދަލުކުރާއިރު ފުލެޓުގައި، ރަޖިސްޓްރީވުމުގެ ފުރުސަތު ޢާއިލާތަކަށް ފަހިކޮށްދެއްވުން.
5. ޕެޓިޝަންގައިވާކަންކަން ތަންފީޒުކުރުމަށް ޓައިމްލައިނެއް ކަނޑައެޅައިދެއްވުން.

މިޕެޓިޝަން ހުށައެޅުމުގައި އިސްކޮން ހަރަކާތްތެރިވާ ފަރާތަކުން މިނޫހަށް މަޢުލޫމާތު ދެމުން ވިދާޅުވީ، މިއީ އެއްވެސް ގޮތަކަށް ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގާ ކަމެއް ނޫންކަމަށެވެ. މިއީ ފުލްޓް ލިބުނު ފަރާތްތަކުގެ އިސްނެގުމާއި އެކު ކުރިއަށްގެންދާ ހަރަކާތެއްކަމަށެވެ.

މި ޕެޓިޝަންގައި ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ވީހާވެސް ގިނަ ފަރާތްތަކުން ސޮއިކުރުމަކީ އެފަރާތުގެ ވަރަށްބޮޑު އެދުމެއްކަމަށް ވިދާޅުވި އެވެ.

މިޕެޓިޝަންގައި އޮންލައިންކޮށްވެސް ސޮއިކުރެވޭނެކަމަށް އެފަރާތުން މަޢުލޫމާތުދެއްވަ އެވެ. މިޕެޓިޝަންގައި ސޮއިކުރުމަށް ތިރީގައި މިވާ ލިންކުން ވަދެވޭނެއެވެ.

form.jotform.comHiya Flat Union PetitionPlease click the link to complete this form.