ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގައި ނިޔާވާ، ކުޅުއްފުށީ ސިޓީ ފިޔަވައި އެހެން ރަށްރަށަށް ނިސްބަތްވާ މީހުންގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ހުރިހާ ތަކެއްޗެއް ހެޔޮއެދޭ ފަރާތަކުން ފޯރުކޮށްދޭން ފަށައިފިއެވެ.

މިގޮތުން އެ ފަރާތުން މިހާތަނަށް ނިޔާވި 6 މީހެއްގެ ކަށުކަމާކެމީގެ ކަންތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް ކޭއާރުއެޗްއިން މައުލޫމާތު ދެއްވައެވެ.

Ad
rt

މިކަމާއި ގުޅިގެން މައުލޫމާތު ހޯދުމަށް ކޭއާރުއެޗްގެ މެނޭޖަރު އަހްމަދު ދާއޫދުއަށް ގުޅާލުމުން އޭނާ "ތިލަދުން"އަށް ވިދާޅުވީ، އާންމު ގޮތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބަލި މީހަކު ނިޔާވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި މައްޔިތާގެ އެހީތެރިންނަށް ކަންތައްތައް ކުރަންވީ ގޮތް ހޯދުމަކީ އެ ނާޒުކު ހާލަތަށް ބަލާއިރު އުނދަގޫ ކަމަކަށް ވެފައިވާ ކަމެއް ކަމަށެވެ.

"އާންމު ގޮތެއްގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބަލި މީހަކު ނިޔާވުމުން ކަށުކަމާކެމީގެ ކަންތައްތައް ކުރުމުގައި މައްޔިތާގެ އެހީތެރިންނަށް ކަންތައްތައް ކުރަންވީ ގޮތް ހޯދުމަކީ އެ ނާޒުކު ހާލަތަށް ބަލާއިރު އުނދަގޫ ކަމަކަށް ވޭ. އަދި ގިނަ ފަހަރަށް ރަށުން ބޭރުން އަންނަ ބޭފުޅުންނަށް އެކަމުގައި ދަތިތައް އިތުރު. އަދި އެހާ ކެރިފޯރުންތެރިކަން ނުހުންނަ މީހުންނަށް އެފަދަ ވަގުތެއްގައި އެހާ ފަސޭހައިން އެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ އެ ބޭފުޅުންގެ ތަކުލީފުތަކަށް ލުޔެއް ލިބޭނެ ކަމަކަށް ވެގެން ދާނެ. މި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތުން މިކަން ދާޢިމީ ގޮތެއްގައި ކުރުމަށް މަސައްކަތް ކުރާނެ ވާހަކަ ވިދާޅުވެފައި އޮތީ. އެ ފަރާތަށް ނުހަނު އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރަން" އަހުމަދު ދާއޫދު ވިދާޅުވިއެވެ.

ކުޅުއްފުށި ސިޓީގައި ދެ ޤަބުރުސްތާނެއްގައި މީހުން ވަޅުލަމުންދާއިރު، އެ ސިޓީ ހިމެނިފައި ވަނީ އެންމެ ގިނަ އަދަދަކަށް މީހުން ވަޅުލެވޭ އެއް ރަށުގެ ވެސް ގޮތުގައެވެ.

އެކަން ފާހަކުރަށްވައި އަހުމަދު ދާއޫދު ވިދާޅުވީ، ނިޔާވާ މީހުން ހިނެވުމަށް ރަގަޅު ހިނަވާގެއެއް އެސިޓީގައި ނެތުމުގެ ދަތިކަން ވަރަށް ބޮޑަށް އެބަހުރި ކަމަށާއި، އަދި މޯޗަރީއެއް ނެތުމުގެ ދަތިކަން ވެސް ދިމާވާ ކަމަށެވެ.

"ހާއްސަ ގޮތެއްގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރިފައި މިވާ ދުވަސް ވަރު މިކަން ވަރަށް ބޮޑަށް އިހްސާސް ވޭ" އޭނާ ވިދާޅުވިއެވެ.

ކުޅުދުއްފުށީ ސިޓީއަކީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތިލަދުންމަތީގެ ތިން އަތޮޅުގެ އިތުރުން، އުތުރުގެ ގިނަ ރަށްތަތަކުން އެކި މިންވަރުގެ އެކި ބަލިތަކަށް ފަރުވާއަށް ދާ ހޮސްޕިޓަލެއްކަމަށް ވުމުން، އެ ހޮސްޕިޓަލުގައި އެކި ރަށްރަށުގެ މީހުން ނިޔާވާން މެދުވެރިވެއެވެ.

އެހެންކަމުން އެކި ރަށްރަށަށް ނިސްބަތްވާ މީހުން ކޭއާރުއެޗްގައި ނިޔާވާ ހާލަތްތަކުގައި މިފަދަ އެހީތެރިކަމެއް ލިބިގެން ދިޔުމަކީ އެހާލަތު މެދުވެރިވާ ޢާއިލާތަކަށް ލިބިގެންދާނެ ލުއިކަމަކާއި، ފަސޭހަ ކަމެކެވެ.