ކުރިއަށް އޮތް މަސްދުވަހު ރާއްޖޭގެ ހުރިހާ ގޭ ބިސީތަަކުގެ ފެންބިލުން 30 އިންސައްތަ، ކަރަންޓު ބިލުން 40 ލުޔެއް ދޭން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ރައީސް ވިދާޅުވީ، ގޭބިސީތަކުގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ކަރަންޓް އަދި ފެން ބިލުން ވެސް ކުރިއަށް އޮތް މަސްދުވަހު ލުއިދޭން ނިންމާފައިވާ ކަމަށެވެ. މިގޮތުން އެތަންތަނުން ކަރަންޓު ބިލުން ވެސް ފެން ބިލުން ވެސް 20 އިންސައްތަ ލުޔެއް ދޭން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކޯވިޑްގެ ހާލަތު ގޯސްވުމަށް މެދުވެރިވާން ދިމާވި އެންމެ ބޮޑު ސަބަބަކީ އޭޕްރިލް މަހުގެ ކުރީ ކޮޅު ދެވުނު ލުއިތައް ކަމަށެވެ. މިގޮތުން އަތޮޅުތަކަށް ދަތުރުފަތުރު ކުރުމުގައި ދެވުނު ލުއިތަކާއި، މާލެ ސަރަހައްދަށް ދެވުނު ލުއިތައް ވެސް ހިމެނޭކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މާދަމާ އެޅޭ ފިޔަވަޅުތަކާއެކު މިހާލަތުން އަރައިގަނެވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވި ދޮޅުއަހަރެއްހާ ދުވަހު ސިއްހީ ޚިދުމަތްތެރީންނާއި، ސިފައިންނާއި، ފުލުހުންނާއި، ދަރުމަވެރީންނާއި އަދި މިނޫންވެސް އެހީތެރީން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރަށްވައި، ރައީސް ވަނީ އެފަރާތްތަކަށް ޝުކުރު ދަންނަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!