ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް މިރޭ ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާއާއި ރަށުތެރެއިން މިހުންނާއި ބައްދަލުވެފައިވާކަމަށް ބެލެވޭތީ އެރަށަށް ހާސްކަން ކުރިމަތިވެއްޖެއެވެ.

ހަނިމާދޫ ކައުންސިލްގެ ވަގުތީ ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ "ތިލަދުން"އަށް ވިދާޅުވީ، މިރޭ ޕޮޒިޓިވް މީހާއަކީ ހޯމް ކަރަންޓީނުގައި ހުއްޓާ ބަލީގެ އަލާމާތް ފެނިގެން ޓެސްޓް ކުރި މީހެއް ކަމަށެވެ.

Ad
rt

އޭނާގެ ސާމްޕަލް ނެގީ ރޭގައެވެ. މިއަދު ނަތީޖާ ލިބުނުއިރު އޭނާ ޕޮޒިޓިވެވެ.

"އޭނާ ޕޮޒިޓިވްވުމުން ބައެއް މީހުން އެބަބުނޭ އޭނާ ކަރަންޓީނުގައި ހުރިއިރު މީހުން އޭނާ ހުރިގެއަށް ވެއްދި ކަމަށް، އޭނާ އެއްބަހެއް ނުވޭ މީހަކު ވެއްދިކަމަކަށް، އެކަމަކު ރަށުތެރޭން މީހަކު ބުނެފި އޭނާއަށް ބޭސް ކާޑެއް ހިފައިފައިގެން ދިޔަކަމަށް، އެމިހާގެ ސާމްޕަލް ނަގައިފިން، އެކަމަކު އަދިވެސް މިދަނީ ބަލަމުން" އިބްރާޙީމް ވިދާޅުވިއެވެ.

މިކަމާއިގުޅޭ އިތުރު މައުލޫމާތު ހޯދާލުމަށް ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދަށް ގުޅާލުމުން ވިދާޅުވީ، އެމައްސަލައިގެ ހައްސާސްކަމުން އޭނާއާއި، ކައުންސިލް މެންބަރު އަލީ އިބްރާޙީމް މިވަގުތު ވެސް ތިއްބެވީ ކޮންޓެކްޓްވި ކަމަށް ބުނާ މީހެއް ހުރިގެއެއްގެ ބޭރުގައި މަޑުކޮށްގެން ކަމަށެވެ.

"މީނަވެސް އެއްބަސް ވެއްޖެ ޕޮޒިޓިވްވި މީހާއާއި ކޮންޓެކްޓްވި ކަމަށް، އަދި އިތުރު މީހެއްވެސް ދެނެގަނެވިއްޖެ، މިހާތަނަށް ތިން މީހުން މި ހޯދުނީ، ސިއްހީ މަރުކަޒުން އެބައާދޭ މީނަގެ ސާމްޕަލް ނަަގަން، ތިންވަނަ މީހާ ހޯދުމުގެ މަސައްކަތް އެބަކުރަން" ފިރާގް ވިދާޅުވިއެވެ.

ފިރާގް ވިދާޅުވީ، ކަރަންޓީނުގައި ތިބޭ މީހުން އެޗްޕީއޭގެ އުސޫލުތަކަށާއި، ކަމާބެހޭ ރަށުގެ މުއައްސަސާތަކުގެ އެންގުމަށް ބޯލަނބައި ކިޔަމަންވުމަށް ވަރަށް ބޮޑަށް އެދޭ ކަމަށެވެ.

"އެންމެ މީހެއްގެ އަމަލުގެ ސަބަބުން މުޅި ރައްޔިތުން މިވެއްޓެނީ ނުރައްކަލަށް، ކަރަންޓީނުގައި ހުންނަ މީހަކާއި ކޮންޓެއްކްޓް ވެއްޖެ ކަމަށް މައުލޫމާތު ލިބިއްޖެއްޔާ އެމީހަކު 14 ދުވަހު ކަރަންޓީނު ކުރާނަން، މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން" ފިރާގް ވިދާޅުވިއެވެ.

ހަނިމާދޫން ބައެއް މީހުން ވަނީ އެކަމާ ކަންބޮޑުވުންފާޅުކޮށް މި ނޫހަށް ވެސް ގުޅާފައެވެ. އެމީހުން ބުނީ ޕޮޒިޓިވްވި މީހާއަކީ "ނުކަސިޔާރު" އުޅުމެއް އުޅޭ މީހެއްކަމަށެވެ. އަދި އޭނާގެ "ގްރޫޕް" ރޭގަނޑު ގެޔަށް ވައްދާފަވާކަމަށް އެމީހުން ތުހުމަތު ކުރެއެވެ.

ހަނިމާދޫގައި މިވަގުތު ކޯވިޑް ބަލީގެ އިތުރު 6 މީހަކު އެބަތިއްބެވެ. އެއީ ވެސް ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި މީހުންނެވެ.