ށ. ޅައިމަގު ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު މީސް މީޑިއާގައި ހައްދުފަހަނައަޅާފައިވާ އިޒްރޭލަށް ތާއީދުކޮށް ލިޔުމުން އެކަމާއި ޅައިމަގު ރައްޔިތުން ނުރުހުން ފާޅުކުރުމުން އޭނާ އެރަށުން ބާލައިފިއެވެ.
ޅައިމަގު ކައުންސިލްގެ ރައީސް އާދަމް އަޒްމީރު "ތިލަދުން"އަށް ވިދާޅުވީ، އެ ޓީޗަރު އިޒްރޭލަށް ތާއީދުކޮށް ފޭސްބުކްގައި ކުރި ޕޯސްޓާ ގުޅިގެން އޭނާ ހުރީ އިއްޔެ ސަސްޕެންޑު ކޮށްފަކަމަށެވެ.
"ސްކޫލުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި އޭނާ އިއްޔެ ސަސްޕެންޑް ވެސް ކޮށްފި، އެ ޑިޔުކޭޝަނުން ދިޔައީ އެ މައްސަލަ ބަލަމުން، ނަމަވެސް ފަލަސްތީނުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދޭ އިޒްރޭލަށް ތާއީދުކޮށް އެ ޓީޗަރު ލިޔުނު ލިޔުން މިރަށުގެ ރައްޔިތުން ބަލައިއެއްނުގަނޭ، އެހެންވެ އޭނާ މިރަށުގައި ބަހައްޓަން ރައްޔިތުން ބޭނުމެއްނުވި، އެހެންވެ ފޮނުވާލީ" އަޒްމީރު ވިދާޅުވިއެވެ.
އަޒްމީރު ވިދާޅުވީ، އެ ޓީޗަރު އެރަށުން ފޮނުވާލީ ރޭގައި ކަމަށެވެ. އަދި އެކަމުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފަ ނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"ރައްޔިތުން ނުރުހުމުން ފުލުހުން ވަނީ އޭނާ މިއަތޮޅު ފުނަދޫއަށް ގެންގޮސްފައި، މިރަށުގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ" އަޒްމީރު ވިދާޅުވިއެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަޙްމަދު އިބްރާޙީމްފުޅު "ތިލަދުން"އަށް ވިދާޅުވީ، ރޭ ޅައިމަގުން އެރަށަށް ގެންދިޔަ އިންޑިއާ ޓީޗަރު ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށެވެ.
"އޭނާ ހައްޔަރު ކޮށްފައެއް ނޫންހުރީ، މިކޮޅުގައި ތިއްބަވާ ފުލުހުންގެ ބެލުމުގައި ދަށުގައި އޭނާ އެބަހުރި" އަޙްމަދު ވިދާޅުވިއެވެ.
އެ ހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، އެ ޓީޗަރު ޅައިމަގުން ރޭ ބޭލީ އެރަށުގެ ރައްޔިތުން ނުރުހުން ފާޅުކޮށް އެކަމަށް ގޮވާލަމުންދާތީ އެ ޓީޗަރުގެ ރައްކާތެރި ކަމަށް ކަމަށެވެ.
ޅައިމަގު ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރަކު މީސް މީޑިއާގައި އިޒްރޭލަށް ތާއީދުކޮށް ލިޔުމުން އެކަމާއި ޅައިމަގު ރައްޔިތުން ނުރުހުން ފާޅުކުރުމުން އޭނާ އެރަށުން ބާލާފައިވާއިރު، މިފަދަ މައްސަލައެއްގައި ހދ. ހަނިމާދޫ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރެއް ވެސް ރޭ ވަނީ ހަނިމާދޫން ފުރުވާލާފައެވެ.
އެ ޓީޗަރަކީ ހަނިމާދޫ ސްކޫލްގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރެއްގެ ގޮތުގައި ހުރި ހަނިމާދޫ ސްކޫލްގައި މަސައްކަތް ކުރާތާ 9 ވަނަ އަހަރު ގުނަމުންދާ ޓީޗަރެކެވެ. އިޒްރާއީލަށް ތާއީދުކޮށްގެން ހުރިކަން ދޭހަވާގޮތަށް ފޭސްބުކް ޕްރޮފައިލް ބަދަލުކުރީ ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް އިއްޔެ ރޭ 11:30 ހާއިރުއެވެ.
އޭނާ ގައުމަށް ފޮނުވާލަން އެޑިޔުކޭޝަން މިނިސްޓްރީއިން ނިންމުމުން އޭނާ ހަނިމާދޫން ފުރުވާލީ ރޭ 18:50 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި މޯލްޑިވިއަންގެ ފްލައިޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!