ހދ. ހަނިމާދޫ ރައްޔިތުން ފަލަސްތީނާއެކު ތިބިކަން ހާމަކޮށް ދިނުމަށް ބޮޑު ހިނގާލުމެއް ބާއްވައިފި އެވެ.
މި ހިނގާލުމަކީ ހައްދު ފަހަނައަޅާފައިވާ އިޒްރޭލުން، ފަލަސްތީނުގައި ހިންގަމުންދާ އުދުވާނާ ދެކޮޅު ހަދައި، އިޒްރޭލްގެ އަމަލުތައް ކުއްވެރި ކުރުމަށް ހަނިމާދޫ ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ ހިނގާލުމެކެވެ.
ހަނިމާދޫގެ ހާހެއްހާ ރައްޔިތުން ބައިވެރިވި މިހިނގާލުން އޮތީ މިއަދު ހަވީރުއެވެ. ހަނިމާދޫ ކައުންސިލް އިދާރާ ކުރިމަތިން ފެށި ހިނގާލުން ނިންމާލީ ބަނދަރު ސަރަހައްދު ސްޓޭޖް ކައިރިއަށެވެ. ހިނގާލުން ނިންމާލީ ފަލަސްތީނުގެ ރައްޔިތުންނަށް ސަލާމަތްތެރިކަމާއި، ރައްކާތެރިކަމާއި އަދި ނަސްރު ދެއްވުން އެދި ހަނިމާދޫ ރައްޔިތުން ކުރި ޚާއްޞަ ދުޢާ އަކުންނެވެ.
މި ހިނގާލުން އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުނު ޒުވާނެއް ކަމަށްވާ ދާއޫދު ރަޝީދު "ތިލަދުން"އަށް ބުނީ، މިއީ ކޯވިޑް ބަލީގެ ނުރައްކާ ބޮޑުވެފައިވާ ހާލަތެއް ކަމުން އެ ހިނގާލުން ކުރިއަށް ގެންދިޔައީ ހަނިމާދޫ ސިއްހީ މަރުކަޒުގެ އިރުޝާދާ އެއްގޮތަށް ކަމަށެވެ.
"ހާލަތުގެ ގޮތުން ވީހާ ވެސް ވަގުތު މަދުކޮށް ހޭދަވާނެ ގޮތަށް ހިނގާލުން ރޭވީ، ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މި ހިނގާލުމަށް ރައްޔިތުންގެ ވަރަށް ބޮޑު ތާއީދެއް ލިބުނު، ރަށުގެ މުއައްސަސާތަކުގެ ފުރިހަމަ އެހީތެރިކަން ވެސް ލިބުނު" ދާއޫދު ބުންޏެވެ.
ދާއޫދު ބުނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް އިއްޔެ ފަނޑު ފޮއްޓެއް ވެސް ބަހައްޓާފައިވާ ކަމަށެވެ. އިއްޔެ ހަނިމާދޫ ސްކޫލްގެ އަހަރީ ދުވަހުގެ ހަރަކާތްތައް ހިނގިއިރު ހަނިމާދޫ ސްކޫލްގައި އެ ފޮށި ބެހެއްޓިއެވެ. މިއަދު ހިނގާލުމުން ނިންމާލިތަނުގައި ވެސް އެ ފޮށި ބެހެއްޓިއެވެ. އެ ފަންޑު ފޮށި ބަންދު ކުރާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށް ދާއޫދު ބުންޏެވެ.
ހަނިމާދޫގެ ޒުވާނުން ހިމެނޭހެން މި ހަރަކާތް ކުރިއަށް ގެންދިޔައީ އެރަށުގައި އިޖުތިމާއީ ގޮތުން ހަރަކާތްތެރިވާ ތިން ޖަމިއްޔާ ވެސް ގުޅިގެންނެވެ. އެއީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި، ސާއްބަ އެކުވެރި ކްލަބާއި އަދި ކެތިއަރާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!