ހައްދު ފަހަނާ އަޅާފައިވާ އިޒްރޭލަށް ތާއީދު ކުރި ހަނިމާދޫ ސްކޫލްގައި މަސައްކަތްކުރާ އިންޑިއާ ޓީޗަރު ފުރުވާލައިފިއެވެ.

އޭނާ ފުރުވާލީ 1850 ހާއިރު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ފުރި މޯލްޑިވިއަންގެ ފްލައިޓުންނެވެ.

Ad
rt

އެ ޓީޗަރު ހަނިމާދޫ ސްކޫލްގައި މަސައްކަތް ކުރާތާ މި ހިނގަނީ 9 ވަނަ އަހަރެވެ. އޭނާއަކީ މި މުއްދަތުގައި މިއަދާއި ހަމައަށް ހަނިމާދޫގެ ގިނަ ބަޔެއްގެ ލޯތްބާއި، އިޚްތިރާމް ހޯދައިގެން ހުރި މީހެކެވެ.

ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބުދުލް މުޙްސިން އަބުދުލްލަތީފް "ތިލަދުން"އަށް ވިދާޅުވީ، އެ ބިދޭސީ ޓީޗަރު ހަނިމާދޫއިން ފުރުވާލާފައިވާ ކަމަށެވެ.

"އޭނާ ފުރައިފި މިކޮޅުން، ފުރިހަމަ ކުރަންޖެހޭ ކަންކަން ހުރުމާއެކު އަދި އޭނާ މާލޭގައި މަޑުކޮށްލާނެ" މުހްސިން ވިދާޅުވިއެވެ.

އިޒްރާއީލަށް ތާއީދުކޮށްގެން ހުރިކަން ދޭހަވާގޮތަށް ފޭސްބުކް ޕްރޮފައިލް ބަދަލުކުރީ ހަނިމާދޫ ސްކޫލްގެ ސެޝަން އިންޗާޖް، އަދި އެސްއެމްޓީ މެންބަރުގެ މަޤާމުގައިހުރި އިންޑިޔާގެ ރައްޔިތެއް ކަމުގައިވާ އެބެނެޒަރ ސުކްމަރަން އެވެ.

ހަނިމާދޫ ސްކޫލަށް 52 އަހަރު ފުރުނު މުނާސަބާގައި، ސްކޫލްގެ ސްޓޭންޑް ހާމަކޮށް، ތަފާތު ޙަރަކާތްތަކެއް ހިންގިތާ 24 ގަޑިއިރުވެސް ނުވަނީސް އޭނާގެ ފޭސްބުކް ޕްރޮފައިލް ބަދަލުކުރީ ރޭ 1130 ހާއިރުއެވެ.

މިއަދަކީ ހުކުރު ދުވަސް ނަމަވެސް އެކަން ސަމާލުކަމަށް އައުމާއެކު ހަނިމާދޫ ސްކޫލުން ވަނީ އެ މައްސަލަ ބެލުމަށް މަސައްކަތްފަށައި، އޭނާގެ އެ އަމަލު ކުށްވެރިކޮށް މިއަދު ހެނދުނު ނޫސްބަޔާނެއް ނެރެފައެވެ.

އެ ނޫސް ބަޔާނުގައި ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލާއި، ސީނިއާ މެނޭޖްމަންޓްގައި ހިމެނޭ މުދައްރިސުންނާއި، ސްކޫލް ބޯޑްގެ ޗެއާޕާސަން އަދި ސްކޫލް ޕީޓީއޭގެ ނައިބު ރައީސް ވަނީ ސޮއި ކުރަށްވާފަ އެވެ.

އޭނާ އިންޑިއާއަށް ފޮނުވާލަން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ނިންމެވީ މެންދުރު 1330 ހާއިރުއެވެ.