ދިރިއުޅެން ފަސޭހަ ރައްކާތެރި އަމާން ވެއްޓެއް ގާއިމުވެފައިވާ ތަނަކަށް ކުޅުދުއްފުށި ސިޓީ ހެދުމަށް މަޝްވަރާކޮށްފިއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ކުޅުދުއްފުށި ސިޓީގައި ތިއްބަވާ ފުލުހުންގެ އިސްވެރިންނާއެކު މި ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ އެވެ.

Ad
rt

މިބައްދަލުވުމާއި ގުޅޭގޮތުން ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުޙައްމަދު އާތިފް ވިދާޅުވީ، ކުޅުދުއްފުށި ސިޓީއަކީ ދިރިއުޅެން ފަސޭހަ ރައްކާތެރި އަމާން ވެއްޓެއް ޤާއިމު ކުރެވިފައިވާ ސިޓީ އަކަށް ހެދުމަށް ސިޓީ ކައުންސިލާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންކަމާއިމެދު އެބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަމަށެވެ.

"ކުރިޔަށް އޮތްތާގައި ހާއްސަ ކަންކަމަށް އިސްކަންދީގެން މަޝްވަރާތައް ކުރިއަށް ގެންގޮސް ހުރި މައްސަލަތަކުގެ ހައްލު ހޯދުމަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވި ކަމަށްޓަކާ ފުލުހުންގެ އިސްވެރިންނަށާއި އެންމެހާ ފުލުހުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" މޭޔަރު އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުށި ސިޓީގެ "ފުރަތަމަ ސިޓީ ކައުންސިލް" ހުވާކޮށް އެ ކައުންސިލްގެ މަސައްކަތް ރަސްމީކޮށް ފެށީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލްގެ 7 ގޮނޑި ކާމިޔާބު ކުރައްވާފައި ވަނީ ވެސް އެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ވެރިކަންކުރާ މައިޕާޓީ އެމްޑީޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ.

ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކޮށް، ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދިނުމަކީ އެ ކައުންސިލްގެ އަމާޒެކެވެ. އަދި ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލައި، އެ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުން ފަދަ އެ ސިޓީއަށް އެންމެ ބޭނުންޖެހިފައިވާ ކަންކަން ހާސިލް ކުރުމަކީ އެ ކައުންސިލްގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.