ހއ. ދިއްދޫއިން އިތުރު 3 މީހަކު ކޯވިޑަށް ޕޮޒިޓިވްވެ އެރަށުން ޖުމްލަ ޕޮޒިޓިވްވި މީހުންގެ ޢަދަދު 114 އަށް އަރައިފިއެވެ.
އެރަށުން މިހާތަނަށް 63 މީހެއް ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި އެބަލީގައި އެރަށުން އެކަކު ވަނީ ނިޔާވެފަ އެވެ.
ކޯވިޑްގެ ބިރުވެރިކަން ގެނުވީ މެއި 1 ވަނަ ދުވަހު އެރަށު ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވުމުން ނެވެ. އެމީހާ މިހާރު ބަލިން ރަނގަޅުވެފަވައެވެ.
އެ ކޭހާއި ގުޅިގެން ޕޮޒިޓިވި މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އަދި ރެންޑަމް ސާމްޕަލް ގޮތުގައި ނެގި ސާމްޕަލްތަކުންނާއި، އެރަށުގައި ހޯމް ކަރަންޓީނުގައި ތިއްބާ މިފަހުން ޕޮޒިޓިވްވި މީހުންނާއެކު ދިއްދޫގެ ޖުމްލަ ޕޮޒިޓިވް ޢަދަދަކީ 114 ނަމަވެސް މިވަގުތު ދިއްދޫގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދު ވަނީ ދަށަށް ގޮސްފައެވެ.
މިވަގުތު އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 54 އެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ޕޮޒިޓިވްވި 39 މީހަކާއި، ރެންޑަމް ސާމްޕަލް ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 13 މީހަކާއި އަދި ހޯމްކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 2 މީހެކެވެ.
ދިއްދޫއިން މިހާތަނަށް 1367 ސާމްޕަލެއް ވަނި ނަގާފަ އެވެ. ރެއާއި ހަމައަށް ނަތީޖާ ނުލިބޭ 57 ސާމްޕަލެއް އަދި އެބަވެއެވެ.
ދިއްދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމުން ދިއްދޫ ކައުންސިލުން ކާފިއު ހިންގައި، ފިޔަވަޅުތައް ހަރުކަށިކޮށްފައި ވަނިކޮށް، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެސް ވަނީ އެރަށުގައި ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ކާފިއު ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!