ށ. ޅައިމަގުގައި މިވަގުތު ތިބި އެކްޓިވްކޭސްތަކުގެ ޢަދަދު 34 އަށް އަރައިފިއެވެ.
ޅައިމަގުގައި ހޯމްކަރަންޓީނުގައި ތިބި ދެ ގެއެއްގެ މީހުން ކޯވިޑަށް ޓެސްޓް ކުރުމުން އޭގެ ތެރެއިން 5 މީހެއް ކޯވިޑަށް ޕޮޒިޓިވްވީ މިމަހުގެ 9 ވަނަ ދުވަހުއެވެ.
އޭގެ ތެރެއިން ޕޮޒިޓިވްވި އެކަކު ކަރަންޓީނުގައި ހުރީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ފަހުން ހަމަޖެހިފައިވާ އުސޫލުގެތެރެއިން އެރަށަށް ގޮސްހުރި އޭނާގެ ފިރިމީހާއާއިއެކު އެއްގެއެއްގައެވެ. އޭނާގެ އަންހެނުން ޓެސްޓް ކުރިއިރު ޕޮޒިޓިވްވުމުން، އޭނާގެ ފިރިމީހާ ވެސް ޓެސްޓް ކުރިއެވެ. ނަތީޖާ ލިބުނުއިރު ފިރިމީހާ ވެސް ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.
ދެ ޑޯޒް ހަަމަކޮށް، ސާދަ ދުވަސް ފަހުން ޅައިމަގަށް ދަތުރުކުރި އެމީހާ ޕޮޒިޓިވްވިކަން އެނގުނުއިރު ރަށުތެރެއިން ވަނީ އެތައް ބަޔަކާ ބައްދަލުވެފަ އެވެ. އެހެން ދިމާވުމުން ހަމަ އެދުވަހު ޅައިމަގު ވަނީ މޮނިޓަރިން ހާލަތަށް ވެސް ގެނެސްފައެވެ.
ޅައިމަގު ސިއްހީމަރުކަޒުގެ މެނޭޖަރު އާދަމް އަޒުމް "ތިލަދުން"އަށް ވިދާޅުވީ، މިހާތަނަށް އެރަށުން 36 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށާއި، 2 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ ގޮތުގައި 34 މީހަކު އެބަތިބި ކަމަށެވެ.
"އަޅުގަނޑުމެން މިހާރު ވެސް މިދަނީ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން، ރެންޑަމް ސާމްޕަލް ވެސް ކުރިން ވެސް ނަގަމުން މިއަންނަނީ، މިހާރު ވެސް އެބަ ނަގަން"
އަޒުމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި ކޭސްތަކާއި ގުޅިގެން މިހާތަނަށް 317 ސާމްޕަލެއް އެރަށުން ނެގިފަވާ ކަމަށެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގުނު ސާމްޕަލްތަކާއި، ރެންޑަމް ސާމްޕަލްތަކުގެ ގޮތުގައި ނެގުނު ސާމްޕަލް ތަކެވެ.
ޅައިމަގު އަދިވެސް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު ރާއްޖޭގެ ކޯވިޑްގެ ހާލަތު އަދިވެސް ރަނގަޅުވާން ފަށާފައެއް ނުވެއެވެ.
މިވަގުތު ވެސް ރާއްޖޭގެ 105 ރަށެއްގައި 2969 އެކްޓިވް ކޭސް އެބަތިބި ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ރޭވަނީ ވިދާޅުވެފަ އެވެ. އަދި 63 ރަށެއް އޮތީ މޮނިޓަރިންގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!