އިޓާލިއަން ކަޕްގެ ފައިނަލް މެޗުގައި 2-1 ގެ ނަތީޖާއިން އެތުލާންޓާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ޔުވެންޓަސް އިން ހޯދައިފިއެވެ.

މި މެޗު ކުޅެފައިވަނީ ބުދަދުހުގެ ރޭ ސަސުއޯލޯގެ މެޕޭއީ ސްޓޭޑިއަމްގައެވެ. މި މެޗު ބެލުމަށް 4300 ސަޕޯޓަރުން ވަނީ ދަނޑަށް ވައްދާފައެވެ. މިއީ މީގެ އަހަރު ދުވަސްކުރިން ކޯވިޑް ބަލިމަޑު ކަމުގެ ސަބަބުން ދަނޑުތަކަށް ސަޕޯޓަރުން ވެއްދުން ހުއްޓާލިފަހުން އިޓަލީގެ މަތީފަންތީގެ ފުޓްބޯޅަ މެޗެއް ބެލުމަށް ދަނޑަސް ސަޕޯޓަރުން ވެއްދި ފުރަތަމަ ފަހަރެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހާފައި ވަނީ ޔުވެންޓަސްއިންނެވެ. މި ލަނޑު މެޗުގެ 31 ވަނަ މިނެޓުގައި މެކެނީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައިވަނީ ކުލުސެވެސްކީއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލާންޓާއިން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މެޗުގެ 41 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ރުސްލަން މަލިނޯސްކީއެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ވަނީ ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުން ޔުވެންޓަސް މޮޅުކޮށްދިން ލަނޑު މެޗުގެ 73 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައިވަނީ ކުލުސެވެސްކީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ފެޑްރިކޯ ކިއޭސާއެވެ.

މިއީ ޔުވެންޓަސް އިން ފާއިތުވި ހަތް ސީޒަންގެ ތެރޭގައި އިޓާލިއަން ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ. ފާއިތުވި ނުވަ ސީޒަންގައި އިޓާލިއަން ސީރިއާ އޭގެ ތަށި ޔުވެންޓަސް ކާމިޔާބު ކޮށްފައި ވީ ނަމަވެސް މި ސީޒަންގެ ތަށި ކާމިޔާބު ކޮށްފައިވަނީ އިންޓަ މިލާނުންނެވެ. މިވަގުތު ލީގުގައި ކޮންމެ ޓީމަކަށް ބާކީ އެއްމެޗު އޮތްއިރު ޔުވެންޓަސް އޮތީ ފަސްވަނާގައެވެ. ގަދަ ހަތަރެއްގެ ޖާގަ ހޯދުމުގެ އަމިއްލަ ބާރު އެ ޓީމަށް ނެތްއިރު، ލީގުގެ ފަހު މެޗުތަށް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. ޔުވެންޓަސް ކުޅޭ ފަހު މެޗުން އެ ޓީމް މޮޅުވި ނަމަވެސް އެ ޓީމަށް ގަދަ ހަތަރެއްގެ ޖާގައެއް ލިބިގެންދާނީ މިލާން އަދި ނަޕޯލީ ކުޅޭ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ.

އިޓާލިއަން ކަޕް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވަނީ ވެސް ޔުވެންޓަސް އިންނެވެ. އެ ޓީމުން 14 ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު މި ލިސްޓްގެ ދެވަނާގައި މި މުބާރާތް 9 ފަހަރު ކާމިޔާބު ކޮށްގެން އޮތީ ރޯމާއެވެ. އަދި މި މުބާރާތް އިންޓަމިލާނާއި ލާޒިއޯވަނީ ހަތް ފަހަރު ކާމިޔާބު ކޮށްފައެވެ.