ރައްޔިތުންގެ މަޖލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤު ގާތުން ބެއްލެވުމަށްޓަކައި ރައީސްގެ ޚާއްޞަ މަންދޫބެއް ޢައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ޙަމަލާއާ ގުޅިގެން، ކުރިޔަށްދާ ތަޙުޤީޤާއި އެންމެހާ ކޯޓު މަރުޙަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ހަމަޖައްސަވާފައިވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އައްބާސް ފާއިޒް ކަމަށެވެ.

Ad
rt

ރައީސް އޮފީހުން މަޢުލޫމާތުދެއްވާ ގޮތުގައި މިސްޓަރ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާޢީ، ސަޤާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ޚާއްޞަ މާހިރެކެވެ.

އަދި، އޭނާއަކީ ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ޤާބިލް ބޭފުޅެއްކަމަށާއު އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި 2017 ވަނަ އަހަރުން ފެށިގެން ޤާނޫނީ ޢިލްމުގެ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

މޭ މަހުގެ 6 ވަނަ ދުވަހުގެ ޙަމަލާޔާގުޅޭ އެންމެހައި ތަޙުޤީޤެއްގައި ރައީސްގެ ޚާއްޞަ މަންދޫބުގެ ހައިސިއްޔަތުން ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ޙުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެކަމަށާއި އަދި، މި މައްސަލައިގައި އިންސާފު ޤާއިމުކުރެވެންދެން ބޭނުންވާ ޙާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް އޭނާ ތައްޔާރުކުރައްވާނެކަށް ރައީސް އޮފީހުން ވިދާޅުވި އެވެ.

އައްބާސް ފާއިޒް މަސައްކަތްކުރެއްވުމަށް ހަމަޖެހިފައިވަނީ ރައީސް އޮފީހުގައެވެ. އަދި، މިހާރުން ފެށިގެން މި ޙަމަލާޔާ ގުޅޭ އެންމެހާ ތަޙުޤީޤެއް ނިމި ތުޙުމަތު ކުރެވޭ މީހުނާ މެދު ޝަރީޢަތް ކުރެވި، ނިހާއީ ޙުކުމަކާ ހަމަޔަށް ވާޞިލްވަންދެން އައްބާސް ފާއިޒް މި މަސައްކަތުގައި ދެމިހުންނަވާނެކަމަށްވެސް ރައީސް އޮފީހުން ވިދާޅިވި އެވެ.