މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކައުންސިލަރުން ހުވާކުރެއްވުމާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން އިޤްރާރުވުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

ރައީސް ވިދާޅުވީ، މިއަދަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚުގައި، ރަން އަކުރުން ފެވިގެންދާނެ ދުވަހެއް ކަމަށެވެ.

"ސަބަބަކީ، މިއަދަކީ ޙަޤީޤީ ލާމަރުކަޒީ ނިޒާމުން، އަތޮޅުތަކާއި ސިޓީތަކާއި ރަށްތައް، ހިންގަން ފެށުނު ދުވަސް ކަމަށްވާތީ. އަދި މިއަދަކީ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް، ޤާނޫނީ ހައިސިއްޔަތާއެކު މަސައްކަތްކުރަން ފެށި ދުވަސް ކަމަށްވާތީ. ހަމައެހެންމެ، ފުރަތަމަ ފަހަރަށް ރައްޔިތުންގެ ޢާންމު ވޯޓަކުން އިންތިޚާބުކުރި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަތޮޅު ކައުންސިލްތަކުގެ ރައީސުންނާއި، ސިޓީތަކުގެ މޭޔަރުން، އެބޭފުޅުންގެ މަޤާމުގެ ޒިންމާތަކާ ހަވާލުވެވަޑައިގެންނެވި ދުވަސް ކަމަށްވާތީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދުމި ހިނގަން ފެށި ކައުންސިލްތަކުން، އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ، ޤައުމީ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަށް، ސިޓީތަކާއި ރަށްތައް ތަރައްޤީކޮށްދިނުމަށް ކަމަށެވެ.

މިއަދު ހިންގަން ފަށާ ކައުންސިލްތަކުގެ ކައުންސިލަރުންގެ ތިންބައިކުޅަ އެއްބަޔަކީ، އަންހެން ބޭފުޅުން ކަން ފާހަ ކުރަށްވައި ރައީސް ވިދާޅުވީ، ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމާއި، ޤައުމީ ތަރައްޤީގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމާއި، ރަށު ތަރައްޤީގައި އަންހެނުން ބައިވެރިކުރުމުގައި، އައު ކައުންސިލަރުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

ލާމަރުކަޒީ ނިޒާމުން ރަށްތަކާއި ސިޓީތައް ހިންގުމުގައި އަންހެނުންގެ ޙިއްޞާ އިތުރުވުމުން، ޤައުމީ ތަރައްޤީގެ ދުވެލި އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު މި ފެށުނު ކައުންސިލްތަކުގެ ދައުރާއެކު، ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަޤާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން، އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމާއި، އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން އިތުރުކުރުމަށް، ޤައުމީ ފެންވަރުގައި ދެވޭ ސަމާލުކަން މިހާރަށްވުރެ ބޮޑުވެގެންދާނެ ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.