ށ. ކަނޑިތީމުގެ ކޯވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 21 އަށް އަރައިފިއެވެ.

މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވުމުން ކަނޑިތީމު މިވަގު އޮތީ މޮނިޓަރިން ހާލަތުގައެވެ.

Ad
rt

އެ ސާމްޕަލްތަކުގެ ނަތީޖާ ލިބި، އެރަށުން ބަޔަކު ޕޮޒިޓިވްކަން އެނގުނީ މިމަހުގެ 11 ވަނަ ދުވަހުއެވެ. ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަނީ ހަމަ އެދުވަހު އެރަށް މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.

ކަނޑިތީމު ސިއްހީ މަރުކަޒުން މިއަދު ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު މިހާތަނަށް އެރަށުން 613 ސާމްޕަލެއް ވަނީ ނަގާފައެވެ. އަލަށް 17 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެހެން ކަމުން އެރަށުގައި މިވަގުތު ޕޮޒިޓިވް 21 މީހެއް އެބަތިއްބެވެ.

އެރަށުން އިތުރަށް ޕޮޒިޓިވްވި މީހުންނަކީ ފްލޫ ސާމްޕަލްގެ ގޮތުގައި ނެގި 15 ސާމްޕަލުގެ ތެރެއިންނާއި، ކޮންޓެކްޓް ޓްރޭސިން ގޮތުގައިނެގި 54 ސާމްޕަލްގެ ތެރެއިންނާއި އަދި ކަރަންޓީނު ފުރިހަމަކުރި މީހުންގެ ތެރެއިން ނެގި 10 މީހެއްގެ ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވްވި މީހުންނެވެ.

ކަނޑިތީމުގައި މިވަގުތު 79 މީހެއް ހޯމް ކަރަންޓީނުގައި އެބަތިއްބެވެ. މިހާތަނަށް 601 މީހަކު ވަނީ ހޯމް ކަރަންޓީނު ކުރެވިފައެވެ.

ށ. އަތޮޅުގައި މިވަހުތު އިތުރު ދެރަށެއް މޮނިޓަރިން ހާލަތުގައި އެބައޮތެވެ. އެއީ ޅައިމަގާއި، ގޮއިދޫއެވެ.

ދެ ޑޯޒް ފުރިހަމަކޮށް، ހަމަޖެހިފައިވާ އުސޫލުގެތެރެއިން ށ. ޅައިމަގަށް ގޮސް ހުރި މީހެއް ޕޮޒިޓިވްވެގެން އެރަށް މޮނިޓަރިންނަށް ގެނައީ މެއި 9 ވަނަ ދުވަހުއެވެ. ތިން ރޭންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެ ގޮއިދޫ މޮނިޓަރިންނަށްލީ މިމަހު 11 ވަނަ ދުވަހު ރެއެވެ.