ހދ. ކުޅުދުއްފުށި ސިޓީގެ މޭޔަރާއި އެސިޓީގެ ކައުންސިލް މެންބަރުން ހުވާކޮށް މަސައްކަތް ފަށައިފި އެވެ.
ކުޅުދުއްފުށީ ސިޓީ ފުރަތަމަ މޭޔަރާއި މެންބަރުން ހުވާކުރެއްވުން އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން މަގާމުގެ އިގްރާރުގައި ސޮއިކުރެއްވުން ކުރިއަށްގޮސްފައިވަނީ މިއަދު ހެނދުނު ނޮދާރން އޮފީސް ކޮމްޕްލެކްސް ހޯލުގައި މިކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
މި ރަސްމިއްޔާތުގައި މޭޔަރާއި ކައުންސިލަރުންނަށް ހުވާލައި ދެއްވީ ހދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛް އަލީ އާދަމް އެވެ.
ކައުންސިލަރުން ހުވާ ކުރެއްވުމަށްފަހު ދެން އޮތީ އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިގްރާރުގައި ސޮއިކުރެއްވުމެވެ.
ކުޅުދުށްފުށި ސިޓީގެ ފުރަތަމަ މޭޔަރަކީ މުޙަައްމަދު އާތިފް އެވެ. ކައުންސިލް މެންބަރުންގެ ގޮތުގައި ކުރިއަށް އޮތް 5 އަހަރު މަސައްކަތްކުރައްވާނެ މެންބަރުންނަކީ:
- އުތުރު ދާއިރާ މުހައްމަދު ދާއޫދު
- ހުޅަނގު އުތުރު ދާއިރާ އަހުމަދު އަބްދުﷲ
- އިރު ދެކުނު ދާއިރާ އަލީ އަހުމަދު
- ހުޅަނގު ދެކުނު ދާއިރާ ރިލްވާން މުހައްމަދު
އަންހެނުންނަށް ހާއްސަކުރެވިފައިވާ 2 ގޮނޑި
- މެދު އުތުރު ދާއިރާ އައިމިނަތު މަޖީދާ
- މެދު ދެކުނު ދާއިރާ އާތިފާ އަލީ
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލް ވެގެން ގޮސްފައިވަނީ ވެރިކަންކުރާ އެމްޑީޕީ އަށް ހުރިހާ ގޮނޑިއެއް ލިބުނު ހަމަ އެކަނި ސިޓީ ކައުންސިލަށެވެ. އެހެން ނަމަވެސް އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެޖޯރިޓީ އެމްޑީޕީއަށްވަނީ ގެއްލިފަ އެވެ. އެމްޑީޕީއަށް ލިބުނީ 2 ގޮނޑި އެވެ. އިދިކޮޅު ޕީޕީއެންއިން ވަނީ 4 ގޮނޑި ކާމިޔާބުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!