ލޯކަލް ކައުންސިލްތަކަށް އަލަށް އިންތިހާބުވި ކައުންސިލަރުން ހުވާ ކުރައްވައިފި އެވެ.

މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށް ދިޔަ ރަސްމިއްޔާތުތަކުގައި ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި، މެންބަރުންނާއި، ރަށު ކައުންސިލްތަކުގެ ރައީސުންނާއި، މެންބަރުންވަނީ ހުވާކޮށްފަ އެވެ.

Ad
rt

ކައުންސިލަރުން ހުވާކުރުމުގެ އިތުރުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެންބަރުނަށް މަގާމުގެ ލިޔުން ހަވާލު ކުރުން ވެސް މިއަދު އޮތެވެ.

ގިނަ ކައުންސިލަރުން ހުވާ ކުރެއްވީ އޮންލައިން ކޮށެވެ. ނަމަވެސް މަދު ރަށްރަށުގައި ވަނީ އާންމުންނަށް ނުވަދެވޭނެހެން، އެޗްޕީއޭގެ އުސޫލުތަކާއެއްގޮތަށް ހުރިހާ ކައުންސިލަރުން އެއް ތަނަކަށް ހާޒިރުވެ ހުވާ ކުރުމުގެ ރަސްމިއްޔާތު ވެސް ބާއްވާފަ އެވެ. ރަށްރަށުގައި ކައުންސިލަރުންނަށް ހުވާލައިދެއްވީ ރަށްރަށުގެ މެޖިސްޓްރޭޓުންނެވެ.

މީގެއިތުރުން ބައެއް ކައުންސިލްތަކުގެ ކައުންސިލަރުން ހުވާ ކުރުން މިއަދާއި އަދި މިރޭ ވެސް ކުރިއަށް ގެންދިޔުމަށް ވަނީ ތާވަލުކޮށްފައެވެ.

ލާމަރުކަޒީ ގާނޫނަށް އިސްލާހް ގެނެސް އަލަށް ހުވާކުރި ކައުންސިލަރުންނަށް 5 އަހަރުގެ ދައުރެއް ލިބިދީފަވާއިރު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ވެސް ވަނީ ދޫކޮށްފަ އެވެ. މިގޮތުން މީގެތެރޭގައި، ކައުންސިލްތަކަށް ކުންފުނި އުފައްދައިގެން ވިޔަފާރިކޮށް އާމްދަނީ ހޯދޭނެ ފުރުސަތު ލިބިދީފަވާއިރު ރަށްރަށުގެ އިހްތިސާސްގައި ހިމެނޭ ސަރަހައްދުން ކައުންސިލްތަަކަށް އާމްދަނީ ލިބޭނެ ގޮތް ވެސް ވަނީ ފަހިކޮށްދީފަ އެވެ.