މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ އެންމެ އުތުރުގެ ހއ. ހޯރަފުށީގައި، އެއާޕޯޓު އޮންނަ ސަރަހައްދަށް އުދައަރައި ގެއްލުންތަކެއް ވެފަވާއިރު، ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާޢީލް އެ އެއާޕޯޓަށް ދިމާވި ހަލާތާމެދު ވިދާޅުވީ ޅެންބައިތެކެވެ.
އިއްޔެއާއި މިއަދު ރާއްޖޭގެ ނޫސްތަކާއި، މީސް މީޑިއާގެ އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައިވާ އެއްކަމަކީ ހޯރަފުށީ އެއާ ޕޯޓަށް ދިމާވި ހާލަތެވެ.
އެ އެއާޕޯޓަށް އުދައަރައި ރަންވޭގެ ބޮޑު ބައި ވެސް އޮތީ ވެލިން ފޮރުވާލާފައެވެ. މުޅި ސަރަހައްދުގައި އޮތީ ލޮނެވެ. އުދައިގެ ލޮނުގަނޑާއެކު ރަންވޭ މައްޗައް ގާ ވެސް ވަނީ އަރާފައެވެ. އެ އެއާޕޯޓްގެ ޓާމިނަލް އިމާރާތަށް ވެސް އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ.
އެ އެއާޕޯޓަށް އުދައާއިއެކު ވެއްޔާއި ގާ އަރާ މަންޒަރު ފެންނަ ވީޑިއޯ ހިމަނައި، އެ އެއާޕޯޓަށް ދިމާވި މިހާލަތާއި ގުޅިވައިގެން މެންބަރު މުހައްމަދު އޭނާގެ ޓްވީޓާއަށް ދޫކޮށްލެއްވީ، ދިވެހި އަދީބެއްގެ ޅެންބައިތެކެވެ. އެ ޅެންބައިތަކީ "ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގާ ގިސްލަމުން ހިތި. ކަރުނަތައް އޮހޮރަންޖެހޭ. އުމުރަށް މުޅިން" މިއެވެ.
ވިސްނުމެއްނެތި ކޮއްފިކަމަކުން އެންމެފަހަރަކު ދޭހުގާ ގިސްލަމުން ހިތި. ކަރުނަތައް އޮހޮރަންޖެހޭ. އުމުރަށް މުޅިން pic.twitter.com/8awEGZHEsG
— Mohamed Ismail (@Muhmed_Ismail) May 15, 2021
ހޯރަފުށީގައި ފުރަތަމަ އެއާޕޯޓް ހެދުމަށް ނިންމީ ކުރީގެ ސަރުކާރުންނެވެ. އެއިރު މުޙައްމަދަކީ އެ ދާއިރާގެ މެންބަރެވެ. އެ ސަރުކާރުން އެއާޕޯޓު އަޅަން ނިންމީ ހޯރަފުއްޓާ އެއްފަޅުގަ އޮންނަ މާފިނޮޅުގަ އެވެ. ނަމަވެސް ފަސް އަހަރުގެ ދައުރު ނިމުނުއިރު ވެސް އެ މަސައްކަތް އޮތީ ފަށާމަރުހަލާގައި، މާބޮޑު މަސައްކަތެއް ނުކުރެވިއެވެ.
އެ އެއާޕޯޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް މިސަރުކާރުން ފެށީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.
އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.
ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ 19 ނޮވެމްބަރު 2020 ގައެވެ.
އެ އާޕޯޓު ވެގެން ގޮސްފައި ވަނީ މުޅި އިހަވަންދިއްޕޮޅުގެ ރައްޔިތުންނަށް ބޮޑު ފަސޭހައެއް ގެނުވި ތަނަކަށެވެ. އެތައް ޚަރަދަކާއި ތަކުލީފެއް ކުޑަވި ތަނަކަށެވެ. އިގްތިސާދީ ދޮރުތައް ހުޅުވުމުގެ ފެހި ސިގްނަލަކަށެވެ.
މޫސުމީ ގަދަ ވިއްސާރައާއި، އުދައިގެ ސަބަބުން ހޯރަފުށީ އެއާޕޯޓަށް ދިމާވި ހާލަތާމެދު ދަނީ ފާޑު ކިޔުން ވެސް އަމާޒު ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!