މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި، ރާއްޖޭގެ އެންމެ އުތުރުގެ ހއ. ހޯރަފުށީގައި އޮންނަ އެއާޕޯޓު ސަރަހައްދަށް އަރަމުންދާ އުދައިގެ ލޮނުގަނޑު، އެ އެއާޕޯޓު ރަންވޭ ހުރަސްކޮށް އަނެއް ފަރާތަށް ދާކަމަށް މަންޒަރުދުށް ބައެއް މީހުން ބުނެފިއެވެ.

ރާއްޖޭގެ އުތުރަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފަވާއިރު، ގިނަ ރަށްތަކަކަށް ދަނީ އުދައަރަމުންނެވެ. އުދައިގެ ލޮނުގަނޑު ރަށުތެރެއަށް ދެމިގަނެ ގޭތަކަށް ވެސް ދަނީ ލޮނު ވަންނަމުންނެވެ. ގޭތަކުގެ ފުރާޅުއެއްލާލައި، ރުއްގަހަށާއި، ދަނޑު ބިންތަކަށް ދަނީ ގެއްލުން ވަމުންނެވެ.

Ad
rt

މި ވިއްސާރާގައި ހޯރަފުށްޓަށް ވެސް ދަނީ އުދަ އަރަމުންނެވެ. އެރަށުގައި އޮންނަ އެއާޕޯޓް އޮންނަ ސަރަހައްދަށް ވަނީ ވަރަށް ބޮޑު އުދަ އަރާފައެވެ. އެ މަންޒަރުތަކުގެ ފޮޓޯއާއި ވީޑިއޯ ވަނީ މި ނޫހަށް ލިބިފަ އެވެ.

މަންޒަރުދުއް މީހަކު ބުނިގޮތުގައި އުދައިގެ ލޮނުގަނޑު ދަނީ ރަންވޭ ހުރަސްކޮށެވެ. ވީޑީއޯތަކުން ވެސް އެތަން ފެނެއެވެ.

"ހުޅަނގުފަރާތުން އުދަ މިއަރަނީ، ޓާމިނަލް ހުރަސްކޮށް، އޭޕްރަން ހުރަސްކޮށް، ރަންވޭ ހުރަސްކޮށް އިރުމަތި ފަރާތަށްް ލޮނުގަނޑު ފައިބައިގެން އެދަނީ، ރަންވޭ މަތީވެސް އޮތީ ލޮނު، ވެއްޔާއި ގާ" އެމީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ރަންވޭ އަރިމަތިން ވެލިގަނޑު ކަނޑައިގެން ގޮސްފަވާކަމަށް ވަރަށް ބެލެވެއެވެ. "ތިލަދުން"އަށް ލިބިފަވާ ފޮޓޯތަކުން ވެސް އެގޮތަށް ބެލެވެއެވެ.

ހޯރަފުށީ ރަންވޭ އަރިމަތި، ފޮޓޯ: ކިޔުންތެރިއެއް

މީގެއިތުރުން އެ އެއާޕޯޓަށް ވަނީ އިތުރު ބައެއް ގެއްލުން ވެފަ އެވެ. މީގެތެރޭގައި އެއާޕޯޓް ޓާމިނަލްގެ ފުރާ ގިމަތައިގެ ދޮރާށި ވެއްޓި އެއްކޮށް ފުނޑުފުނޑުވެ، ޓާމިނަލް އިމާރާތުގެ ސީލިން ވެއްޓި ވަނީ ގެއްލުންވެފަ ވެއެވެ. އަދި މުވައްޒަފުން ތިބޭ އިމާރާތުގެ ސީލިން ވެސް ވަނީ ވެއްޓިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ތަރައްގީކުރި ފުރަތަމަ އެއާޕޯޓު، ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވީ 19 ނޮވެމްބަރު 2020 ގައެވެ.

ހޯރަފުށީ އެއާޕޯޓު މަޝްރޫ އަށް 198 މިލިއަން ރުފިޔާގެ ހޭދަކުރި އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮވެ އެވެ. މީގެ އިތުރުން ޓާމިނަލް ކުރިމަތީގެ މަގުތައް ހަދައި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާފައި ވެ އެވެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހޯރަފުށީގައި އެއާޕޯޓް ހެދުމަށްޓަކައި ސަރުކާރުން އެރަށުގެ ފަޅުތެރެއިން 345،500 ހެކްޓަރުގެ ބިން ވަނީ ހިއްކާފަ އެވެ.

ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯރޓް ހޯރަފުށީގައި އެޅުމަށް ނިންމައި، އެއާޕޯޓް މަޝްއުރޫއުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ފައްޓަވައިދެއްވައިފައި ވަނީ މިދިޔަ މާރޗް މަހުގެ 31 ވަނަ ދުވަހު އެވެ.