ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ ޒުވާނެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ހދ. ނޮޅިވަރަންފަރު މޯނިންގ ސަން، އުމުރުން 25 އަހަރުގެ މިސްބާޙް މުޙައްމަދެވެ. ފުލުހުން ހާމަކުރަށްވާފަވާ ގޮތުގައި މިސްބާޙް ގެއްލިފައިވަނީ މިދިޔަމަހުގެ ތެރޭގައެވެ.

Ad
rt

ފުލުހުން ވަނީ އޭނާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. މިގޮތުން ފުލުހުން ވަނީ މިސްބާޙުގެ ވަނަވަރާއި އޭނާގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

މިސްބާޙްއާއިގުޅޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކުރައްވައި އެ މައުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.

މިކަމާއިގުޅިގެން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަޙްމަދު ވަޙީދު "ތިލަދުން"އަށް ވިދާޅުވީ، މިސްބާޙް ގެއްލިގެން އުޅޭކަން އޭނާއަށް ވެސް އެނގުނީ ފުލުހުން މިސްބާޙް ހޯދަން ޢިއުލާން ކުރުމުން ކަމަށެވެ.

"މިސްބާޙް އާންމުކޮށް އުޅެނީ ރަށުގައި، މިފަހުން މާލެ ގޮސް ދެމަހެއްހާ ދުވަސް ވެއްޖެ ކަމަށް މައުލޫމާތު ލިބިފަ ވަނީ" އަޙްމަދު ވަޙީދު ވިދާޅުވިއެވެ.

އިއްޔެވެސް ފުލުހުން ވަނީ މާލެއިން 21 އަހަރުގެ ދިވެހި ޒުވާން އަންހެނަކު ގެއްލިގެން ޢާއިލާއިން ރިޕޯޓްކުރުމާގުޅިގެން، އޭނާ ހޯދުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް އިއްޔެ މެންދުރުފަހުގެ ވަގުތެއްގައި އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު އޭނާގެ އާއިލާއިން ފުލުހުންނާ ވަނީ ހިއްސާ ކޮށްފަވާކަމަށް ފުލުހުން ވަނީ ހާމަކުރަށްވާފަ އެވެ.