ތިލަދުންމަތީ އުތުރުބުރީ ހއ. ދިއްދޫގައި ކޯވިޑް ފެތުރެމުންދާތީ އެ ރަށު ކައުންސިލްގެ އިދާރާއިން ކުރިއަށް އޮތް ފިތުރު ޢީދު ދުވަހާއި ގުޅިގެން އިތުރު ފިޔަވަޅު ތަކެއް އަޅަން ނިންމައިފިއެވެ.
ދިއްދޫއިން ކޯވިޑް ބައްޔަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އަލާމާތްތައް ހުރެގެން މި މަހުގެ އެއްވަނަ ދުވަހު ފުލޫ ކުލިނިކަށް ދެއްކި ފަރާތެކެވެ. އެ ދުވަހުން ފަށިގެން އެޗްޕީއޭއިން އަންނަނީ ދިއްދޫ މޮނީޓަރިންނަށްލައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މިގޮތުން މި ކޭހާއި ގުޅިގެން ނެގުނު ޑައިރެކްޓް ކޮންޓެކްޓާރސްގެ ސާމްޕަލްތަކާއި އަދި ރެންޑަމްކޮށް ނެގުނު ސާމްޕަލުތަކުންނާއި، ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވެފަވާ ތިން މީހަކާއެކު މިހާތަނަށް ދިއްދޫއިން 101 މީހަކު މި ބައްޔަށް ވަނީ ޕޮޒިޓިވެ ވެފައެވެ.
ދިއްދޫ ކައުންސިލުން ފިތުރު ޢީދާއި ދިމާކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކަމަށްޓަކައި މިހާރު އެޅެފައިވާ ފިޔަވަޅުތަކުގެ އިތުރުން ޢީދަށް ހާއްސަ ފިޔަވަޅުތަކެއް ވެސް އަޅަން ވަނީ ނިންމާފައެވެ. އެ ފިޔަވަޅު ތަކުގެ ތެރޭގައި ހިމެނެނީ:
- ޢީދު ދުވަހު އެއްގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ފަދަ ޙަރަކާތްތައް ކުރިޔަށް ނުގެންދިއުން.
- ޢީދު ދުވަހާ ގުޅިގެން އުފާ ފާޅުކުރުމުގެ ގޮތުން މަގުތަކާއި މައިޒާން ތަކުގައި އެއްވެސް ޙަރަކާތެއް ނުހިންގުން
- އާއިލާތަކުން ދަތުރުދިއުމާއި، މޫދަށް ދިއުމާއި އަދި ގެއިން ބޭރުގައި ހިންގޭ މިދުފު މަޖާކުރުމުގެ އެއްވެސް ޙުތަކާތެއް ނުހިންގުން
- ފިހާރަތަކުން އެ ފިހާރަތަކަށް ކަސްޓަމަރުން ވެއްދުމުގެ ބަދަލުގައި، ފިހާރައިގެ ބޭރުގައި ކަސްޓަމަރުން ބައިތިއްބައިގެން ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަ ޖެއްސުން
- ކުޑަކުދިންނާއި، ބަލިމީހުންނާއި އިސްރަށްވެހިންނާއި، ދިގުމުއްދަތަށް ބޭސްކުރާ މީހުންނާއި އަދި ހުންއައުމާއި ރޯގާގެ އަސަރު ހުރި މީހުން ޢީދު ނަމާދަށާއި އެހެން ނަމާދުތަކަށް މިސްކިތަށް ނުދިއުން
- ޢީދު ނަމާދަން މިސްކިތަށް ދުރުވާ ބޭފުޅުން ގެއިން ވުޟޫކޮށްގެން، މާސްކު އަޅައިގެން މުސައްލަ ހިފައިގެން ދިއުން.
- މަގުމަތީގައާއި އެހެން ތަންތަނުގައި ވެސް އެއް ވަގުތެއްގައި ތިން މީހުންނަށް ވުރެ ގިނައިން ނުކުމެ ނޫޅުމާއި އަދި ޝަރޫރީ ބޭނުންތަކުގައި ނުކުންނައިރު މާސްކް އެޅުމާއިއެކު ގައިދުރުކަން ބެހެއްޓުން.
ދިއްދޫގެ ހާލަތު ގޯސްވުމާއި ގުޅިގެން މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ހަވީރު 16:00 އިން 18:00 އަށް އަދި 21:30 އިން 06:00 އަށް އެ ރަށުގައި އަންނަނީ އާންމުން ގެއިން ބޭރަށް ނުކުތުން މަނާކޮށް ކާފިއު ހިންގަމުންނެވެ.
ދިއްދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އުފެދި މިހާތަނަށް ޖުމްލަ 101 މީހަކު މި ބައްޔަށް މިހާރު ވަނީ ޕޮޒިޓިވް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!