ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެ، އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނެސްފިއެވެ.

އެ ސިޓީގެ ފްލޫ ކުލިނިކަށް ދެއްކި ތިން މީހުން ޕޮޒިޓިވްވުމުން މެއި 2 ވަނަ ދުވަހު ވެސް އެ ސިޓީ މޮނިޓަރިން ހާލަތަށް ގެނައެވެ. އެ ހާލަތުން ވީއްލީ މޭ 8 ވަނަ ދުވަހު އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. މިގޮތުން 234 ސާމްޕަލެއް ނެގިއެވެ.

Ad
rt

މިއަދު އަނެއްކާ ވެސް ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވެފަ ވާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)ގެ މެނޭޖަރު އަހުމަދު ދާއޫދު ވަނީ ވިދާޅުވެފަ އެވެ.

"މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށް ދަނީ. މިހާތަނަށް ވެސް ކުޅުދުއްފުށީގައި ބަލި ކޮންޓްރޯލް ކުރެވިފައި މި ވަނީ ކުޅުދުއްފުށީ ރައްޔިތުންނާއި މިކަމުގައި އެހީތެރިކަން ފޯރުކޮށްދޭ އެންމެހާ ދަރުމަވެރީންގެ އެހީތެރިކަމާއެކު." އަހުމަދު ދާއޫދު ވިދާޅުވެފަ ވެއެވެ.

އެ ސިޓީގެ ފާޅު ބޯޓުގެ ފަޅުވެރިއެއް ދަތުރު މަތީހުއްޓާ ޕޮޒިޓިވްވުމުން ބޯޓު އެނބުރި އެސިޓީއަށް ދިޔުމުން ވަނީ ކަރަންޓީނުކޮށްފަ އެވެ. އެ ބޯޓު ކަރަންޓީނު ކުރީ، ޕޮޒިޓިވްވި މީހާ ޢާއިލާ ކައިރިއަށް ބަދަލުކުރުމަށްފަހު، ބާކީ 9 ފަޅުވެރިންނާއެކު އެވެ. އެ ބޯޓު ކުޅުދުއްފުށީ ސިޓީއަށް ފޯރީ އިއްޔެ ހެނދުނުއެވެ.

ފާޅުބޯޓުން ނެގި ކޯވިޑްގެ ސާމްޕަލްތައް ނެގެޓިވް ވެފައިވާކަމަށް ކޭއާރުގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވިއެވެ. ނަމަވެސް ފަޅުވެރިން ކަރަންޓީނު ފުރިހަމަ ކުރާނެ ކަމަށް ވެސް އެ އޭނާ ވަނީ ވިދާޅުވެފަ އެވެ.

"ބަލި ކޮންޓްރޯލު ކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރާ އެއް ކަމަކީ މާސްކު އެޅުން ކަމުގައިވާއިރު ހުރިހާ ބޭފުޅުން ވެސް މާސްކު އެޅުމުގެ އުސޫލުތަކާއި، ކަރަންޓީނުގެ އުސޫލުތަކަށް ތަބާވުމަކީ މުހިންމު ކަމެއް ކަމުގައި ދަންނަވަން. އެކަކު އަނެކަކު ބައްދަލުވާއިރު އަދި ދަތުރު ކޮށްފައި ދާއިރު ވެސް މާސްކު އެޅުމަކީ ވަރަށް މުހިންމު ކަމެއް. ފިހާރަތަކާއި، ޚިދުމަތް ދޭ އެހެން ތަންތަނުގައި ތިއްބަވާ ބޭފުޅުން ވެސް މާސްކު އެޅުމަށް އިލްތިމާސް ކުރަން. މީހަކު ޕޮޒިޓިވް ވެއްޖެ ނަމަ އެ ބަންދު ކުރެވެނީ މުޅި މުއައްސަސާ ނުވަތަ ޚިދުމަތް ދޭ ތަން. ބަލި ކޮންޓްރޯލު ކުރެވޭނީ ދެން ވެސް ތިޔަ ހުރިހާ ލޮބުވެތި ރައްޔިތުންގެ އެހީތެރިކަމާއެކު. ކުރިން ވެސް ކުޅުދުއްފުށިން ދެއްކި ނަމޫނާ ދައްކާނެ ކަމަށް ޔަޤީން ކުރަން." އަހުމަދު ދާއޫދު ވިދާޅުވެފަ ވެއެވެ.

މިހާތަނަށް ވެސް ކަރަންޓީނުގެ އުސޫލުތަކާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތާއި، ކަމާ ގުޅުން ހުރި އެހެން މަޢުލޫމާތުތައް ފޯރުކޮށްދިނުމުގައި ރައްޔިތުންގެ ފަރާތުން ލިބޭ ކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ، ކުޅުދުއްފުށީ ސިޓީ މޮނިޓަރިންއަށް ލާފައިވުމާއެކު އެ ސިޓީގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ ވަކި ގޮތެއް އަންގަންދެން އެ ސިޓީއިން ފޭބުމާއި، އަދި އެ އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު އެ ސިޓީއަށް އެރުން މަނާކޮށްފަ ވާކަމަށެވެ.