އިންޓަވިއުއެއްގެ ތެރެއިން ބައްޕަގެ ވީޑިއޯއެއް ފެނި މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރޮވިއްޖެއެވެ.
މިހާރު ޔުވެންޓަސް އަށް ކުޅެމުން އަންނަ ރޮނާލްޑޯއާ ދާދިފަހުން ކުރި އިންޓަވިއުއެއްގައި ވަނީ އޭނާގެ މަރުވެފައިވާ ބައްޕަ ހޯޒޭ ޑިނިސް އަވެއިރޯގެ ވީޑިއޯއެއް ދައްކާފައެވެ. ރޮނާލްޑޯ ބުނި ގޮތުގައި އޭނާ އަށް އެ ވީޑިއޯ އޭގެ ކުރިން ފެނިފައެއް ނުވެއެވެ.
އުމުރުން 34 އަހަރު ރޮނާލްޑޯގެ ބައްޕަ އަކީ ބަނގުރާ ބޭނުންކުރި މީހެކެވެ. މިކަމުގެ ސަބަބުން އޭނާގެ ފުރަމޭ ހަލާކުވެ 2005 ވަނަ އަހަރު ވަނީ މި ދުނިޔެއާ ވަކިވެފައެވެ. ރޮނާލްޑޯއަށް ލިބުނު ގިނަ ކާމިޔާބީތައް ލިބިފައި ވަނީ އޭގެ ފަހުންނެވެ.
2004 ވަނަ އަހަރު ކޮށްފައިވާ މި ވީޑިއޯގައި ރޮނާލްޑޯގެ ބައްޕަ ވަނީ އޭނާ އަށް ވަރަށް ތައުރީފުކޮށް ވާހަކަ ދައްކާފައެވެ. އަދި އެވަގުތުކޮޅު ރޮނަލްޑޯ ލޮލުން ކަރުނަ ފުހޭ މަންޒަރު ފެނެއެވެ. އަދި ރުއީ ކީއްވެތޯ ސުވާލުކުރުމުން ރޮނާލްޑޯ ދިނީ ވަރަށް އަސަރުގަދަ ޖަވާބެކެވެ.
"ދުނިޔޭގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ބައްޕަ އަށް އަހަރެން ފެނިފައެއް ނުވޭ. އަހަރެންނަށް އެތައް ބައިވަރު އެވޯޑު ލިބޭ މަންޒަރު ބައްޕަ އަށް ފެނިފައެއް ނުވޭ. އަހަރެންގެ މުޅި އައިލާ، މަންމަ، ބޭބެމެން އަދި އަހަރެންގެ އެންމެ ދޮށީ ދަރިއަށް ވެސް މި މަންޒަރުތައް ފެނިފައިވޭ. އެކަމަކު ބައްޕައަކަށް ނުފެނޭ." ރޮނާލްޑޯ ބުންޏެވެ.
ބައްޕައާ ދެމެދު އޮތް ގުޅުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ރޮނާލްޑޯ ބުނީ އޭނާއަށް އޭނާގެ ބައްޕަ ރަނގަޅަށް ދަސް ނުވާ ކަމަށެވެ.
"އަހަންނަށް ބައްޕަ އެހާ ރަނގަޅަކަށް ނޭނގޭ. ބައްޕަ އަކީ އަބަދު މަސްތުގެ ހާލަތުގައި ހުރި މީހެއް. އަހަރެން ބައްޕައާ އެހާ ގިނަ ވާހަކައެއް ނުދައްކަން. އެކަންވީ ވަރަށް އުނދަގޫ ކަމަކަށް." ރޮނާލްޑޯ ބުންޏެވެ.
އެ އިންޓަވިއުގައި ރޮނާލްޑޯ ވަނީ އޭނާގެ މައްޗަށް ކުރެވުނު ރޭޕުގެ ތުހުމަތުތަކާއި ބެހޭ ގޮތުން ވެސް ވާހަކަ ދައްކާފައެވެ. ކެތަރީން މަޔޯގާ ނަމަކަށް ކިޔާ އަންހެނަކު ބުނި ގޮތުގައި ރޮނާލްޑޯ ވަނީ 2009 ވަނަ އަހަރު އެމެރިކާގެ ލޮސް އެންޖަލަސްގެ ކޮޓަރިއެއްގައި އޭނާ ރޭޕް ކޮށްފައެވެ. ރޮނާލްޑޯ ވަނީ މި ތުހުމަތުތައް ވަގުތުން ދޮގުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!