ހއ. ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކޮށްފިއެވެ.
މިއީ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ދިއްގާ ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
ދިއްދޫގައި ހަލުވިކަމާއެކު ކޯވިޑް ބަލި ފެތުރެމުންދާތީއާއި، އެރަށުން ނެގުނު ބައެއް ރެންޑްމް ސާމްޕަލްތައް ޕޮޒިޓިވް ވުމުން، އެރަށުގައި ކޮމިޔުނިޓީ ސްޕެރްޑެއް އޮތްކަމަށް ދިއްދޫ ކައުންސިލަށް ޤަބޫލު ކުރެވޭތީ މިމަހު 8 އިން ފެށިގެން މިމަހު 14 ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް އެރަށުގައި ވަނީ ކާފިއު ހިންގައި، ވަރުގަދަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި އެރަށުގެ ގިނަ ގޭތަކެއް ވަނީ ކަރަންޓީނުކޮށްފަ އެވެ.
ދިއްދޫގައި ކަރަންޓީނުކޮށްފައިވާ 250 ގެއަކަށް ކެއާ ޕެކޭޖް ހަދިޔާކުރި ކުރުމާއި ގުޅިގެން މިޑްލް ސްޕޯޓްސް ކްލަބްގެ ރައީސް ނަޝްވާން އިބްރާޙީމް "ތިލަދުން"އަށް ބުނީ، މި ކެއާ ޕެކޭޖުތައް ލިބުނު ގޭތަކަށް މީގެ ސަބަބުން ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ދެކޭ ކަމަށެވެ.
"މިކަމަކީ އަޅުގަނޑުމެންނާއި ދިއްގާ ފައުންޑޭޝަން އާއި ގުޅިގެން ކުރިއަށް ގެންދެވުނު ޙަރަކާތެއް، މި ޙަރަކާތުގެ މަޤުސަދަކީ ދިއްދޫގެ ދެބައިކުޅަ އެއްބައި މީހުން މިހާރު ވަނީ ކަރަންޓީނުގަ، އަޅުގަނޑުމެން މި ކެއާ ޕެކޭޖުން އެގޭތަކުގެ ދިރުއުޅުއްވާ ގެ ތަކަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެ، މިޕެކޭޖުތަކުގައި ހިމެނޭނީ މަސް ދަޅު، ނޫޑްލްސް، ބޭކަޓް ބީންސް، ޕާސްޓާ، ސްޕެގެޓީ، ހަނޑޫ އަދި ރޯސިރަޕް ޖޫސް ފުޅި" ނަޝްވާން ނުންޏެވެ.
މިހަރަކާތްގައި ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަޙީދު އަދި ދިއްދޫ ކައުންސިލްގެ އިންތިޚާބީ ރައީސް އަބްދުﷲ ރަޝީދު ދެއްވި އެހީތެރިކަން މިޑްލް ސްޕޯޓްސް ކްލަބުން ފާހަގަ ކުރެއެވެ.
"ދިއްގާ ފައުންޑޭޝަން ފަރާތުން މި ޙަރަކާތުގައި މެއިން ކޮންޓިރިބިއުޓް ޕާރޓްނާރ ގޮތުގައި މަސައްކަތް ކޮށްދެއްވި ކަމަށް ޓަކައި އެފަރާތަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. އަޅުގަނޑު މި ފުރުސަތުގައި މި ކުލަބުގެ ފަރާތުން މިކުރާ އިޖްތިމާޢީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވާ ކުލަބުގެ ހީވާގި އެކްޓިވިޓީސް ކޯރޑިނޭޓަ ނައްސަތު އަބްދުލްޣަނީ ދަރުމައަށް މި ކޮށްދޭ މަސައްކަތް ފާހަގަކުރަން. އެބޭފުޅާ މިކޮށްދޭ ޙިދުމަތަކީ އެކަމަށް އަޅުގަނޑުމެން އެންމެން ވެސް ފަޙްރުވެރިވާ ކަމެއް"
ނަޝްވާން އިތުރަށް ބުންޏެވެ.
Alhamdhlillah!
In collaboration with Dhigaa Foundation, today we distributed Care Packages 🍱 to 250 quarantined 🏡...Posted by Middle Sports Club on Monday, May 10, 2021
ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގެ ދިއްގާ ފައުންޑޭޝަން ގުޅިގެން އެރަށުގައި ކަރަންޓީނުކޮށްފަހުރި ގޭތަކަށް ކެއާ ޕެކޭޖް ހަދިޔާކުރިއިރު، ދިއްދޫގެ ޖުމްލަ ޕޮޒިޓިވް ނަމްބަރަކީ 98 އެވެ.
އެއީ ދިއްދޫ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި މީހެއްގެ އިތުރުން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި 83 މީހަކާއި، ރެންޑަމް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްތަކުން 11 މީހެއް އަދި ހޯމް ކަރަންޓީނުގައި ތިއްބާ ޕޮޒިޓިވްވި 3 މީހެކެވެ.
ދިއްދޫގައި ހުންނަ ފްލޫ ކްލިނިކަށް ދެއްކި މީހަކު ޕޮޒިޓިވްވީ މެއި 1 ވަނަ ދުވަހު އެވެ. އެއީ އަލާމާތްތައް ހުރެގެން ދެއްކި މީހެކެވެ. މިކޭހާއި ގުޅިގެން މިހާތަނަށް 95 މީހެއް ވަނީ ޕޮޒިޓިވްވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!