ހދ. ކުޅުދުއްފުށި ސިޓީއާއި މާލެ ސިޓީއާއި ދެމެދު ދަތުރުކުރާ، ކުޅުދުއްފުށީ ސިޓީ ފާޅު ބޯޓުގެ ފަޅުވެރިއަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބޯޓު ކުޅުދުއްފުށީ ގައި ކަރަންޓީނު ކޮށްފިއެވެ.
އެ ބޯޓު ކަރަންޓީނު ކުރީ، ޕޮޒިޓިވްވި މީހާ ޢާއިލާ ކައިރިއަށް ބަދަލުކުރުމަށްފަހު، ބާކީ 9 ފަޅުވެރިންނާއެކު އެވެ. އެ ބޯޓު ކުޅުދުއްފުށީ ސިޓީއަށް ފޯރީ މިއަދު ހެނދުނުއެވެ.
ޕޮޒިޓިވްވި ފަޅުވެރިމީހާއަކީ މިމަހު 2 ވަނަ ދުވަހު ކުޅުދުއްފުށީ ސިޓީގެ ފްލޫ ކްލިނިކަށް ދެއްކިއިރު ޕޮޒިޓިވްވި 3 މީހުންތެރެއިން އެކަކުގެ ފިރިމީހާއެވެ. އަނެއް ދެ މިހުންނީ އޭނާގެ ދަރިއަކާއި، ދަރީގެ ފިރިމީހާއެވެ.
މި މައުލޫމާތު ހިއްސާކުރަށްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލް ލަތީފް ހަސަން "ތިލަދުން"އަށް ވިދާޅުވީ، އެ ފަޅުވެރިޔާ ޓެސްޓް ކުރީ އޭނާގެ ޢާއިލާ ޕޮޒިޓިވްވުމުން ކަމަށެވެ. އޭރު އޭނާ ހުރީ ދަތުރުގައި މާލޭގަ އެވެ.
"މިއަދު ހެނދުނު ބޯޓު އެނބުރިއައީ، އައީމަ އޭނާ ވާނީ ކަރަންޓީނަށް ޕޮޒިޓިވްވި ޢާއިލާގެ އެހެން މެންބަރުން ގާތަށް ބަދަލުކޮށްފައި، އެހެން ފަޅުވެރިން ބޯޓުގައި 14 ދުވަހަށް ވަނީ ކަރަންޓީނު ކުރެވިފަ" ލަތީފް ވިދާޅުވިއެވެ.
ލަތީފް ވިދާޅުވީ ބޯޓުގައި ތިބި ފަޅުވެރިންގެ ސާމްޕަލް މިރޭ ނަގާނެ ކަމަށާއި، ބޯޓު ކަރަންޓީނުގައި އޮތުމުން އެ ބޯޓުން މުދާ ބޭލޭނެ އިންތިޒާމެއް ވެސް ހަމަޖައްސަވާނެ ކަމަށެވެ.
"މާލޭ ދަތުރުކުރާ ބޯޓު ފަހަރުގައި މަސައްކަތްކުރާ މީހުން ވެސް އެޗްޕީއޭގެ ގައިޑްލައިނަށް ފުރިހަމައަށް އަމަލުކުރުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް، އެމީހުން މާލެ ފައިބައި ހަދައިގެން ނުވާނެ، އެފަދަ މީހެއްްގެ އިހުމާލަކުން ރައްޔިތުން ފުރަބަންދުވެ އުފުލަންޖެހޭ ތަކުލީފަށް ވެސް ކުޑަމިނު ވިސްނާލަންވާނެ" ލަތީފް ވިދާޅުވިއެވެ.
ފްލޫ ކުލިނިކަށް ދެއްކި ތިން މީހުން ޕޮޒިޓިވްވުމުން މެއި 2 ވަނަ ދުވަހު އެ ސިޓީ މޮނިޓަރިން ހާލަތަށް ވެސް ގެނައެވެ. އެ ހާލަތުން ވީއްލީ މޭ 8 ވަނަ ދުވަހު އެވެ. އެ ސިޓީ މޮނިޓަރިން ހާލަތުން ނެގީ ތިން ދުވަސް މަތިން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް ވުމުންނެވެ. މިގޮތުން 234 ސާމްޕަލެއް ނެގިއެވެ.
މި ކޭސްތަކާއި ގުޅިގެން މިވަގުތު އެ ސިޓީގެ 13 ގެއެއް މޮނިޓަރިންނަށް ވެސް ލިޔެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!