ށ. ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެ ބޯޓަކީ ފޭދޫއާއި، އެ އަތޮޅު އެހެން ބައެއް ރަށްތަކާއި މާލެއާއި ދެމެދު ދަތުރުކުރާ ބޯޓެކެވެ. އެ ބޯޓުގައި މިވަގުތު މަސައްކަތް ކުރަނީ 8 މީހެކެވެ.
ފޭދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، އެ ބޯޓުގައި މަސައްކަތްކުރާ 8 މީހުންގެ ވެސް ސާމްޕަލް މިއަދު ނެގި ކަމަށެވެ. އޭގެ ތެރެއިން 5 ފަޅުވެރިއަކު ކޯވިޑަށް ޕޮޒިޓިވްވެފަ ވާކަމަށް އެ މަރުކަޒުން ހާމަކުރަށްވަ އެވެ.
ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ''ތިލަދުން''އަށް ވިދާޅުވީ، އެ ބޯޓު މާލޭގައި އޮއްވައި، ބޯޓު ރަށަށް ބަނދަރުކުރުމުން ފަޅުވެރިން އެއްގަމަށް ފޭބުމުކުރިން ކޯވިޑްއަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަން ބޭނުންވާކަމަށް ސިއްހީ މަރުކަޒުގެ ފަރާތުން އެ ބޯޓަށް އެންގިކަމަށެވެ.
"ރައްޔިތުންގެ ރައްކާތެރިކަމަށް އަޅުގަނޑުމެން ނިންމީ އެގޮތަށް އެކަން ކުރަން، މިއަދު މިނިންމުން ނިންމުނީތީ ވަރަށް އުފާކުރަން، ޓެސްޓް ކުރިއިރު ބޯޓުގައި މަސައްކަތްކުރާ 8 މީހުންތެރެއިން 5 މީހުން ޕޮޒިޓިވް، މިއީ ރައްކާތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް" ސާމިރު ވިދާޅުވިއެވެ.
ސާމިރު ވިދާޅުވީ ބޯޓު ރަށަށްއައި އިރުވެސް ބޯޓުން މުދާ ބާލަން ވަކި އުސޫލެއް ހަމަޖައްސައި އާންމުކޮށް ރައްޔިތުންނަށް އެކަން އެންގިކަމަށެވެ.
"އަޅުގަނޑުމެން ކައުންސިލުން ވާނީ ރައްޔިތުންނަށް އަންގާފަ ރައްކާތެރިކަމުގެ ފިޔަވަޅުއަޅާފަ ވާނެކަމަށް، ބޯޓުން މުދާ ބޭލުމުގައި އަމަލުކުރާނެ ގޮތް ދުރާލާ އެންގިން، ބޯޓު ބަނދަރު ކުރުމާއެކު ހެލްތު ސެންޓަރުން ވަނީ ފަޅުވެރިންގެ ސާމްޕަލް ނަގާފައި"
ސާމިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ސާމްޕަލް ދިނުމަށްފަހު ހަލާކުވާޒާތު މުދާ ރަށަށް ބާލާފައި، އަތޮޅުގެ އެހެން ރަށަކަށް މުދާ ހުސްކުރަން ދިޔަފަހުން ކަމަށެވެ. އެހެން ރަށްރަށަށް ވެސް ފަޅުވެރިން ނުފައިބާނެ ކަމަށާއި، އެ ބޯޓުގެ ފަޅުވެރިން އެޗްޕީއޭގެ އުސޫލަށް ހުރުމަތްތެރިކޮށް ހިތާނެކަމަށް ސާމިރު ވިދާޅުވިއެވެ.
އެނމީހުން އެނބުރި ފޭދޫއަށް ދިޔުމުން ވަނީ 14 ދުވަހަށް ކަރަންޓީނު ކުރަން ނިންމާފަ އެވެ. އެއްބަޔަކު ބޯޓުގައި ކަރަންޓީނު ކުރާއިރު އަނެއް ބަޔަކު ރަށުގެ ހުސް ގޭތަކުގައި ކަރަންޓީނު ކުރާނެއެވެ.
ފޭދޫ "ޝާޒީ-4 ބޯޓު"ގެ 5 ފަޅުވެރިއަކު ޕޮޒިޓިވްވިއިރު، އެ އަތޮޅު ފޯކައިދޫ މާކަރީ ބޯޓުގެ ދެ ފަޅުވެރިއަކު ޕޮޒިޓިވްވެ އެ ބޯޓު އޮތީ މިމަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކަރަންޓީނުގަ އެވެ. އަދި އި 4 ވަނަ ދުވަހު ވަނީ އެ އަތޮޅު ފުނަދޫ ސޯސަން އެކްސްޕްރެސް ބޯޓުން ދެ މީހަކު ޕޮޒިޓިވްވެ އެ ބޯޓުގެ ހުރިހާ ފަޅުވެރިން ވެސް 14 ދުވަހަށް ބޯޓުގައި ކަރަންޓީނުކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!