އިރުމަތީ ގުދުސްގައި ހަރުކަށި އިޒްރޭލުން ފަލަސްތީނުގެ އެތައް ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް ދިވެހި ރާއްޖެއިން ކުށްވެރިކޮށްފި އެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިޒްރޭލުން އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ޑިސްޓްރިކްޓުގައި އުޅޭ ފަލަސްތީނު މީހުން ގެތަކުން ބޭރު ކުރަން އުޅޭ އުޅުމާއި އަދި އަގްސާ މިސްކިތުގައި ނަމާދަށް ތިބި މީހުންނަށް ހަމަލާ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.
އަދި މިފަދަ ކަންކަމަކީ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހިޔަނި އެޅޭ ކަމެއް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
މީގެއިތުރުން މެދުއިރުމަތީގެ ހަމަޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް އުފެއްދުމުގެ ޖާގަދިނުމާއެކު އެގައުމުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ގުދުސް ކަނޑައެޅުން ކަމަށްވެސް ރާއްޖޭގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ އެތައް ހާސް ބަޔަކު މަސްޖިދުލް އަޤްޞާގައި އަޅުކަންކުރަން ތިއްބާ އެމިސްކިތް ހުންނަ ސަރަހައްދުގައިވަނީ ހަމަނުޖެހުންތައް ހިނގާފައެވެ. އެ ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ 205 މީހަކަށް އަނިޔާވިއިރު އިޒްރޭލްގެ 17 އޮފިސަރަކަށް ވެސް ވަނީ އަނިޔާވެފައެވެ. އެގޮތުން އެ ހަމަނުޖެހުންތަކާ ގުޅިގެން އިޒްރޭލްގެ އިސްތިޢުމާރީ ސިފައިން ވަނީ ފަލަސްތީނުގެ އާންމުންނަށް ރަބަރު ވަޒަނާއި ސްޓަން ގްރެނޭޑުން ހަމަލާދީފައެވެ.
ޤުދުސްގެ މައްސަލައިގައި އިސްރާއީލާއި ފަލަސްޠީނާމެދު ހަމަނުޖެހުންތައް ހިނގާތާ ހަފުތާތަކެއްވަނީ ވެފައެވެ. ރަމަޟާން މަސް ފެށުނު ފަހުން އެ ހަމަނުޖެހުންތައްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް 70،000 އަށްވުރެ ގިނަ މުސްލިމުންވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތަށް ޖަމާވެފައެވެ. ނަމާދުގެ ޖަމާޢަތަށްފަހު އެތައް ހާސް މީހުންނެއްވަނީ އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުން އެ ސަރަޙައްދުތަކުން ބޭރުކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ނުރުހުން ފައުޅުކޮށް އަޑުއުފުލައިފައެވެ. އެ މޭރުމުން އަޑުއުފުލާފައިވަނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހުގެ އެންމެ ފަހު ހުކުރު ދުވަހު ފާހަގަކުރާ ޤުދުސް ދުވަހާ ގުޅުވައިގެންނެވެ.
ޢަރަބިންނާ ދެކޮޅަށް 1967 ވަނަ އަހަރު ކުރި ހަނގުރާމައިގައި އިސްރާއީލުންވަނީ ހުޅަނގު އައްސޭރި އިސްތިޢުމާރުކޮށްފައެވެ. އެއީ އިސްރާއީލުގެ ބައެއްކަމަށް ބައިނަލްއަޤްވާމީ ދުނިޔެއިން ބަލައިއެއްނުގަނެއެވެ. ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ އިސްރާއީލުގެ ރައްޔިތުންނަކީ ޤަވާއިދާ ޚިލާފަށް އެ ސަރަޙައްދުގައި ދިރިއުޅޭ ބައެއްކަމަށާއި އެއީ ޞުލްޙައަށް ހުރަސްއެޅޭކަމެއްކަމަށް ފަލަސްޠީނުގެ ރައްޔިތުން ޤަބޫލުކުރެއެވެ. ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅަނގު އައްސޭރިއަކީ އެ ދަޢުލަތުގެ ބަޔަކަށް ހެދުމަށް ފަލަސްޠީނުން ބޭނުންވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!