ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ހަމަލާގައި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާޔާ ގުޅިގެން ތުހުމަތުވާ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު މައުލޫމާތު މިއަދު ފުލުހުން ދޭ ނޫސްކޮންފަރެންސެއްގައި ހާމަކުރަށްވާނެ ކަމަށެވެ. އެ ނޫސްކޮންފަރެންސް ތާވަލުކޮށްފަ ވަނީ މިއަދު 15:50 އަށެވެ.

Ad
rt

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި ގުޅިގެން އެ ހަމަލާ ދިން ސަރަހައްދުން ޝައްކުވާ ގޮތަކަށް އަމަލުތައް ހުރި ހަތަރު މީހަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

އެ ހަމަލާދިން ކަމަށް ބެލެވޭ މީހެއްގެ ފޮޓޯ ރޭ ސޯޝަލް މީޑިއާގައި އާންމުވެފަވާއިރު، އެ މައްސަލައިގެ ތަހުގީގަށް ހުރަސްފަދަ ވީޑިއޯ، ފޮޓޯ ފަދަ ތަކެތި ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ވެސް ފުލުހުން އިލްތިމާސް ކުރަށްވަ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން އެ ހަމަލާއަކީ، އެމަނިކުފާނަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއް ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.